ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ބޮޑުކޮށް މަރާމާތު ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ %18 ނިމި ފައިވާ ކަމަށް އެ މަޝްރޫއާއި ހަވާލުކޮށްފައިވާ އެމްޓީސީސީން ބުނެފި އެވެ.
މިއީ އެ ހޮސްޕިޓަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމުގެ ގޮތުން އަޅާ 30 އެނދުގެ ވޯޑް އިމާރާތެކެވެ.
މި މަޝްރޫޢުގެ ދަށުން ވޯޑް އިމާރާތުގެ ފުރަތަމަ ފަންގިފިލާގެ ލިފްޓުގެ ފާރު ކާސްޓް ކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށާއި އަދި ހަމަ އެފަންގިފިލާގެ ސިޑިގޮޅި މަރާމާތު ކުރުމުގެ މަސައްކަތުގެ %50 ވެސް ނިމިފައިވާކަމަށްވެސް އެމްޓީސީސީން މައުލޫމާތު ދެއެވެ. އެގޮތުން މިހާރު ކުރިއަށް ދަނީ ދެވަނަ ފަންގިފިލާގެ ސްލެބް އެޅުމަށް ތައްޔާރުވުމުގެ މަސައްކަތެކެވެ.
މި މަޝްރޫޢުގެ ދަށުން ލެބޯރެޓަރީ އަކާއި ވާރޑް އިމާތާތެއް އެޅުމުގެ އިތުރުން އޯ.ޕީ.ޑީ ސަރަޙައްދު މަރާމާތު ކުރުމުގެ މަސައްކަތް ހިމެނެއެވެ. މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން މިކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 30.3 މިލިއަން ރުފިޔާގެ މަޝްރޫޢެއް. މި މަޝްރޫޢު މޮބިލައިޒް ކުރެވިފައިވަނީ 17 މެއި 2020 ގައެވެ. އެގޮތުން އެމްޓީސީސީއާ މި މަޝްރޫއުގެ ހަވާލުކޮށްފައިވަނީ މޮބިލައިޒޭޝަން ތާރީހުން ފެށިގެން ހަ މަސް ދުވަސްތެރޭ ނިންމުމަށެވެ.
ކޮވިޑާއި ގުޅިގެން ކޭއާރުއެޗުގެ ޖާގައިގެ މައްސަލައަށް ވަނީ އިތުރަށް ބާރުބޮޑުވެގެންގޮސްފަ އެވެ. އެގޮތުން ރާއްޖޭގެ އެކި ހިސާބުން ޑޮކްޓަރަށް ދެއްކުމަށް ކޮންމެ ދުވަހަކުވެސް ގިނަ ބަޔަކު ކުޅުދުއްފުއްޓަށް އަންނަ އިރު މި ހޮސްޕިޓާ ވެފައިމިވަނީ މާލޭ ފިޔަވާ އެންމެ ގިނަ މީހުން ފަރުވާ ހޯދުމަށް އަންނަ ހޮސްޕިޓަލަށެވެ.