އޮގަސްޓުމަހު ޓެކްސް އާމްދަނީގެ ގޮތުގައި ދައުލަތަށް 1.71 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.
މީރާ އިން ބުނީ މިއަހަރުގެ އޮގަސްޓުމަހު ދައުލަތަށް ލިބުނު އާމްދަނީ އަކީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 97.6 ޕަސެންޓް އިތުރު އަދަދެއް ކަމަށެވެ.
މީރާ އިން މިއަދު އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އާމްދަނީ އިން ނަގާ ޓެކްސް (އިންކަމް ޓެކްސް)ގެ ގޮތުގައެވެ. އޮގަސްޓުު މަހުގެ އާމްދަނީގެ 46 ޕަސެންޓަކީ އިންކަމް ޓެކްސް އިން ލިބުނު އާމްދަނީ އެވެ. އިންކަމް ޓެކްސްގެ ގޮތުގައި މިދިޔަ މަހު ދައުލަތަށް 783 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
ދެން އެންމެ ބޮޑު އާމްދަނީ އެއް ލިބިފައިވަނީ ބިޒްނަސް ޕްރޮފިޓް ޓެކުހުންނެވެ. ބީޕީޓީގެ ގޮތުގައި ދައުލަތަށް 474 މިލިއަން ރުފިޔާ ލިބިފައި ވެއެވެ. އަދި ޖީއެސްޓީ އާމްދަނީގެ ގޮތުގައި އޮގަސްޓުމަހު ދައުލަތަށް 293 މިލިއަން ރުފިޔާ ލިބުނުއިރު މިއީ ޖުމްލަ އާމްދަނީގެ 17.2 ޕަސެންޓެވެ.
ލީޒް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި މިދިޔަ މަހު ދައުލަތަށް 76 މިލިއަން ރުފިޔާ ލިބުނެވެ. މީގެ އިތުރުން އާމްދަނީގެެ 1.3 ޕަސެންޓަކީ ރެޒިޑެންޝަލް ޕާމިޓު ދޫކޮށްގެން ލިބުނު ފައިސާ އެވެ. ރެޒިޑެންޝަލް ޕާމިޓް ދޫކިޮށްގެން 21 މިލިއަން ރުފިޔާގެ އާމްދަނީއެއް އޮގަސްޓު މަހު ލިބިފައިވެ އެވެ.
މިދިޔަ މަހު މީރާގެ އާމްދަނީ އިތުރުވެފައިމިވަނީ ކޮވިޑް19 އާއި ގުޅިގެން ލަސްކުރި ޓެކްސް ސުންގަޑިތައް އޮގަސްޓުމަހަށް ހަމަވުމުންނެވެ.
މިދިޔަ މަހު ލިބުނު އާމްދަނީގެ ތެރޭގައި ޑޮލަރުން ލިބުނު 21.67 މިލިއަން ރުފިޔާވެސް ހިމެނެއެވެ. މިދިޔަ މަހު ޖޫރިމަނާގެ ގޮތުގައި 8.1 މިލިއަން ރުފިޔާގެ އާމްދަނީއެއް ދައުލަތަށް ލިބުނެވެ.