ގަން އިންޓަނޭޝަނަލް އެއާޕޯޓްގެ ތަރައްގީކުރަން 17 މިލިއަން ޑޮލަރު (262.14 މިލިއަން ރުފިޔާ) އިންވެސްޓް ކުރަން ސަރުކާރުން ނިންމާފައިވާކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
"ސަން އޮންލައިން" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މިނިސްޓަރު ފައްޔާޒު ވިދާޅުވީ ލާމަރުކަޒީ އުސޫލުން ރާއްޖެ ތަރައްގީ ކުރުމަށް މި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ހިމެނޭ ސަރަހައްދު ތަރައްގީ ކުރުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު ތަސައްވުރެއް ކަމަށެވެ.
އެގޮތުން ދަތުރުފަތުރުގެ ނިޒާމެއްގެ ތެރެއިން އައްޑުއާ މުޅި ރާއްޖެ ގުޅާލެވިއްޖެ ނަމަ އައްޑޫގެ ތަރައްގީއަށް ބޮޑު ބަދަލެއް ގެނެވޭނެ ކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވި އެވެ. އެ އަމާޒަށް ވާސިލް ވެވެން އޮތީ ފައްޔާޒު ވިދާޅުވި ގޮތުގައި އައްޑޫ އެއާޕޯޓް އިތުރަށް ތަރައްގީކޮށް ގިނަ ފްލައިޓްތައް ޖެއްސޭނެ އިންތިޒާމްތަކެއް ހަމަޖެއްސިގެންނެވެ.
އެހެން ކަމުން އައްޑޫ އެއާޕޯޓުގައި ހުރި މައްސަލަތައް ހައްލުކުރަން އިންވެސްޓްކޮށް އެ އެއާޕޯޓް އިތުރަށް ތަރައްގީ ކުރުމަށް ސަރުކާރުން މިހާރު ނިންމާފައިވާ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
އެ އިންވެސްޓްމަންޓުގެ ތަފްސީލްތައް ދެއްވަމުން މިިނިސްޓަރު ފައްޔާޒު ވިދާޅުވީ، 17 މިލިއަން ޑޮލަރު ހަރަދުކޮށް އައްޑޫ އެއާޕޯޓްގެ ޓާމިނަލްއަށް ބައެއް ބަދަލުތައް ގެނައުމާްއި އާ އެއާޓްރެފިކް ކޮންޓްރޯލް ޓަވަރެއް ގާއިމް ކުރުން އަދި އެ އެއާޕޯޓްގެ ފަޔާ އެންޑް ސޭފްޓީ އާއި ގްރައުންޑް ހޭންޑްލިންއަށް ބޭނުންވާނެ ޒަމާނީ އާލާތްތައް ގާއިމް ކުރާނެ ކަމަށެވެ.
އައްޑޫ އެއާޕޯޓު ތަރައްގީ ނުވާ މައްސަލައިގައި އައްޑޫ ދާއިރާތަކުގެ މަޖިލިސް މެންބަރުން ވެސް ވަނީ ދާދިފަހުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އައްޑޫ އެއާޕޯޓަށް ދުވާލެއްގެ މައްޗަށް އެންމެ ހަ ފްލައިޓް ޖައްސާއިރު، އެ އެއާޕޯޓް ހިންގަން ޖެހެނީ މަހެއްގެ މައްޗަށް މިލިއަނެއްހާ ރުފިޔާގެ ގެއްލުމުގަ އެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ އައްޑޫ އެއާޕޯޓްގައި ގާއިމްކޮށްފައިވާ ސީޕްލޭން ޓާމިނަލް ވެސް ހަލާކުވާން ދޫނުކޮށްލާ މޯލްޑިވިއަން މެދުވެރިކޮށް އެތަން އޮޕަރޭޓް ކުރެވޭތޯ މިހާރު މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އައްޑު އާއި އެހެން އަތޮޅުތަކާ ދެމެދު ސީޕްލޭން މެދުވެރިކޮށް ނަމަވެސް ރަނގަޅު ދަތުރުފަތުރުގެ ނިޒާމެއް ގާއިމް ކުރެވިއްޖެ ނަމަ، އައްޑޫގައި ހުރި ހިދުމަތްތައް ހޯދުމަށާއި ޓުއަރިސްޓުންނަށް އައްޑުއަށް އައުމަށް ފަސޭހަވާނެ ކަމަށެވެ.
އައްޑޫގައި ޓޫރިޒަމް ތަރައްގީ ނުވާ މައްސަލައިގައި މިނިސްޓަރު ފައްޔާޒު ވިދާޅުވީ، އައްޑޫގައި ތަރައްގީ ކުރަން ޖެހެނީ ތަފާތު މޮޑެލްއެއްގެ ޓޫރިޒަމެއް ކަމަށެވެ. އެގޮތުން، ތާރީހާއި ސަގާފަތާއި އިކޯ ޓޫރިޒަމް އަކީ އައްޑޫއާ ގުޅޭ ބާވަތުގެ ޓޫރިޒަމް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އައްޑޫގައި ޓޫރިޒަމް ތަރައްގީ ކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން އެ ސަރަހައްދުން ޓޫރިޒަމަށް ދޫކުރާ ބިންތަކުގެ ކުލި ވަރަށް ބޮޑުތަން ކުޑަކޮށްފައިވާ ކަމަށް ވެސް މިނިސްޓަރު ފައްޔާޒު ވިދާޅުވި އެވެ.