ދުނިޔޭގެ އެތައް ހާސް ދަރިވަރުންނާ ވާދަކޮށް އޯލެވެލް އިމްތިހާނުގެ ކޮމްޕިއުޓާ ސައިންސް އިން މުޅި ދުނިޔެއިން ތިންވަނަ ހޯދި ދަރިވަރުންގެ ތެރޭގައި ޖަލާލުއްދީން ސްކޫލުގެ ދަރިވަރަކު ހިމެނިއްޖެ އެވެ.
މިދިޔަ އަހަރު ބޭއްވި އޯލެވެލް އިމްތިހާނުން ކޮމްޕިއުޓާ ސައިންސުން ދުނިޔެއިން ތިންވަނަ ހޯދައި މި ފަހުރުވެރި ކާމިޔާބީ ހާސިލުކޮށްފައިވާ ޖަލާލުއްދީން ސްކޫލްގެ ދަރިވަރަކީ އައިޝަތު އަބުދުލް ރަހުމާނެވެ.
މީގެ އިތުރުން އައިޝަތު ވަނީ އޭނާ ބައިވެރިވި އޯލެވެލް އިމްތިހާނުން 7 އޭ ސްޓަރ އާއި އެއް އޭ ހޯދާފައި އެވެ. މިއާއެކު އޭނާ ވަނީ ގައުމީ ގަދަ ދިހައެއްގެ ދެވަނަ ލިބިފައި އެވެ.
ޕްރައިމަރީ ގުރޭޑްތަކުގައިވެސް ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ އައިޝަތު ބުނީ ދުނިޔޭގެ ވަނައެއްގައި ހިމެނިދާނެކަމަށް އެއްގޮތަކަށްވެސް ގަބޫލުނުކުރާ ކަމަށާ އެކަމަކު ގައުމީ ފެންވަރުގެ ވަނައެއް ލިބޭނެކަމަށް އަބަދުވެސް ޔަގީންކުރި ކަމަށެވެ.
"ސްކޫލުން އެންމެ މޮޅު ދަރިވަރަކަށް ވާނެކަމަށް އަބަދުވެސް އުންމީދުކުރިން، ނެޝަނަލް ޓޮޕް ޓެންއަށްވެސް އަރަން ވަރަށް މަސައްކަތް ކުރިން. އެކަމަކު ދުނިޔޭގެ ވަނައެއް ލިބޭނެކަމަކަށް އެހާ އުންމީދެއް ނުކުރަން. އެކަން އެނގުނީ ވަރަށް އުފާވި، އެހާ އުންމީދުނުކޮށް ހުއްޓާ އެކަން އެނގުނީ ވަރަށް ސަޕްރައިޒްވި." މިއަހަރު ޖަލާލުއްދީން ސްކޫލުގައި އޭލެވަލްއަށް ކިޔަވަމުންދާ އައިޝަތު ބުންޏެވެ.
އައިޝަތުގެ މިކާމިޔާބީއަކީ ވަރަށް ބުރަ މަސައްކަތެވެ. މިއީ ހަމަ ކުއްލިއަކަށް ނުވަތަ ސާނަވީއަށް ކިޔަވަން ފަށައި ހޯދުނު ކާމިޔާބީއެއް ނޫން، މިއީ އެންމެ ކުޑައިރުންފެށިގެންވެސް އެ އަޒުމުގައި މަސައްކަތްކޮށްގެން ހޯދި ފަހުރެކެވެ. އައިޝަތު ގަބޫލުކުރާ ގޮތުގައި ނަމާދުކޮށް ޤުރުއާން ކިޔަވައި، އަމިއްލަކަމެއްގެ ގޮތުގައި ދެކިގެން މަސައްކަތް ކުރާ ނަމަ ކޮންމެ ކުއްޖަކަށްވެސް މިފަދަ ފަހުރުވެރިކަމެއް ކާމިޔާބީއެއް ހޯދިދާނެ އެވެ.
އައިޝަތު ބުނީ، ދުވަހުން ދުވަހަށް ސްކޫލުގައި ދޭ ފިލާވަޅުތައް ނިންމާ ނޭނގޭ ފިލާވަޅުތައް ޓީޗަރުން ގާތުގައި އަހައިގެން، ގެޔަށް އައިސް ގޭގައި ފިލާވަޅުތައް ދަސްކުރާކަމަށެވެ. މި ކާމިޔާބީއަކީ ޓީޗަރުންނާއި މަންމަ އާއި އާއިލާގެ މެމްބަރުންގެ އެހީތެރިކަމާއެކު ލިބުނު ކާމިޔާބީއެއްކަމަށް އައިޝަތު ދެކެ އެވެ. އެހެންވެ ވަރަށް ހާއްސަކޮށް ސްކޫލްގެ ވެރިންނާއި ޓީޗަރުންނާއި އާއިލާގެ ފަރާތްތަކަށް އޭނާ ޝުކުރުއަދާކުރި އެވެ.
ކުޅުދުއްފުއްޓަށް ނިސްބަތްވާ މިދަރިވަރަށް މި ލިބުނު ބޮޑު ކާމިޔާބީގެ އެންމެ ބޮޑު އުފަލެއް އިހްސާސްކުރާނީ އޭނާގެ މަންމަކަން ޔަގީންނެވެ. އޭނާގެ ދަރިފުޅު އެންމެ ކުޑައިރުންފެށިގެންވެސް ބައްޓަން ކުރަމުންއައި މިފަދަ ކާމިޔާބީއަކާ ހަމައަށް ވާސިލުކުރެވޭނެކަމުގެ ފޮނި އުންމީދުގައި އެވެ. އެހެންވެ އެންމެ ކުޑައިރުންވެސް ގަދައަޅާ މަސައްކަތްކުރުމަށް ހިތްވަރުދެ އެވެ.
"ވަރަށް އުފާވެއްޖެ. ދުނިޔޭގެ ވަނައެއް ލިބޭނެކަމަށް އުންމީދެއް ނުކުރަން އެކަމަކު ނެޝަނަލް ޓޮޕްޓެންއަށް އަރާނެކަމުގެ ޔަގީންކަން އޮތް. ގުރޭޑް އެކެއްގައި ފެށިގެން އުންމީދުކުރިން އެހިސާބަށް ގެންދަން. ހަމަ އެންމެ ކުޑައިރުން ފަށައިގެން މަސައްކަތްކޮށްގެންނޭ މިއަދު މި ހޯދި ކާމިޔާބީވެސް ހޯދިފައިވަނީ." އައިޝަތުގެ މަންމަ ބުންޏެވެ.
ޖަލާލުއްދީން ސްކޫލުގެ ޕްރިންސިޕަލް އައިމިނަތު މުހައްމަދު މި ކާމިޔާބީ ސިފަކުރެއްވީ ސްކޫލަށާއި ރަށް ލިބުނު އުފަލަކާއި ފަހުރެއްގެ ގޮތުގައި އެވެ. ދަރިވަރަށް ކިޔަވައިދެއްވި ޓީޗަރުން އަދި ވަކިން ހާއްސަކޮށް ކޮމްޕިއުޓާ ސައިންސް ކިޔަވައިދެއްވި ޓީޗަރުންނަށާއި ބެލެނިވެރިޔާގެ މިންނެއް މަސައްކަތާއި ސަޕޯޓްގެ ފުރިހަމަ ނަތީޖާކަމަށް ވިދާޅުވެ ޕްރިންސިޕަލް ވަނީ އެފަރާތްތަކަށް ޝުކުރުއަދާކޮށް ތަހުނިޔާ ވިދާޅުވެފައި އެވެ.
އައިޝަތުގެ މިފަހުރުވެރި ކާމިޔާބީއަކީ ސްކޫލްގެ އިތުރުން ކުޅުދުއްފުއްޓަށް ލިބިގެންދިޔަ ވަރަށް ބޮޑު ޝަރަފަކާއި ކާމިޔާބީ އެކެވެ.