twitterviber whatsapp telegramfacebookyoutube instagram
24th April 2024

ބޭސްފަރުވާއަށް އއ މަތިވެރިން 100 އަށްވުރެގިނަ މީހުން ކުޅުދުއްފުއްޓަށް

- މިދަތުރުގައި ބޭސްފަރުވާގެ އިތުރުން އެހެން ބައެއް ހިދުމަތް ހޯދުމަށްވެސް މީހުން އައި
- މިއީ މާލޭން ދެކުނުގެ ރަށަކުން މިހާ ގިނަ ބަޔަކު އައި ފުރަތަމަ ފަހަރު
- މިދަތުރުގައި 123 މީހުން އައިސްފައިވޭ

އަބްދުލް ވާހިދު ޙަސަން
Sep 17, 2020
5

އއ މަތިވެރިން 100 އަށްވުރެގިނަ ރައްޔިތުން ޒަރޫރީ ބައެއް ހިދުމަތްތައް ހޯދުމަށް މިއަދު ކުޅުދުއްފުށި ސިޓީއަށް އަތުވެއްޖެ އެވެ.

ކޮވިޑް-19 އާ ގުޅިގެން މާލެއަށް އަރައި ފޭބުމުގައި ހުރި ދަތިތަކާ ހެދި މާލެން އުތުރުގެ ގިނަ ރަށްތަކަކުން ބޭސްފަރުވައަށާއި ޒަރޫރީ އެތަކެއް ހިދުމަތް ހޯދުމަށް ދަނީ ކުޅުދުއްފުއްޓަށް އަންނަމުންނެވެ. އެކަމަކު މިއީ މާލޭން ދެކުނުގެ ރަށެއްގެ މިހާ ގިނަ ބަޔަކު އެއްދުވަހާ ކުޅުދުއްފުއްޓަށް އައި ފުރަތަމަ ފަހަރެވެ.

އެރަށުގެ މުދާ އުފުލާ ބޮޑު ބޯޓެއްކަމަށްވާ ނަސްރު 5 ގައި މިއަދު ކުޅުދުއްފުއްޓަށް 123 މީހުން އައިސްފައިވާކަމަށް އެ ދޯނިން ދަތުރުކުރި މުއާޒު މޫސާ ބުންޏެވެ.

މުއާޒު ކޭއޯއަށް މައުލޫމާތު ދެމުން ބުނީ މިދަތުރުގައި މައިގަނޑު ބޭނުމަކީ ސިއްހީ ހިދުމަތް ހޯދުމަށް ކުރި ދަތުރެއް ކަމަށެވެ. އެކަމަކު މިދަތުރުގެ ތެރޭގައި އެހެނިހެން ޒަރޫރީ ހިދުމަތްތަކާއި ވިޔަފާރިވެސް ހިމެނޭނެކަން އޭނާ ފާހަގަކުރެ އެވެ.

އަދި މީގެ އިތުރުން ކުޅުދުއްފުށީގައި އުޅޭ އާއިލާގެ މީހުންގެ ގާތަށާއި މިސަރަހައްދުގެ ބައެއް ރަށްތަކަށް އައި މީހުންވެސް ހިމެނޭކަމަށެވެ. މިދަތުރު ކުޅުދުއްފުއްޓަށް ރޭވީ އެ ސަރަހައްދަކީ ރީޖަނަލް ހޮސްޕިޓަލް ހުންނަ ސަރަހައްދަށް ނުވާތީ، އެންމެ ކައިރިންވެސް ރީޖަނަލް ހޮސްޕިޓަލެއްގެ ހިދުމަތް ލިބެން ހުރީ ރ އަތޮޅުންނެވެ. ދެން ހުރީ ލ އަތޮޅާއި ކުޅުދުއްފުއްޓެވެ.

މުއާޒު ބުނީ، އެ ދެ ހޮސްޕިޓަލުން ނުލިބޭ ބައެއް ހިދުމަތްތައް ކުޅުދުއްފުށިން ލިބޭތީ، އާއި އަދި ކުޅުދުއްފުއްޓަށް ދަތުރު ކުރާނަމަ، ގިނަ ބައެއް ދަތުރުގައި ބައިވެރިވާތީ މިކޮޅަށް ދަތުރުކުރަން ނިންމީ ކަމަށެވެ. މީގެ ކުރިން އއ އަތޮޅުގެ ރައްޔިތުން ހިދުމަތް ހޯދުމަށް ދަނީ މާލެ އެވެ. އަބަދުވެސް އެރަށްތަކާއި މާލެއާ ދެމެދު ލޯންޗު ދަތުރުތައް އޮވެ އެވެ.

އޭނާ ބުނީ މާލެއަށް އަރައި ފޭބުން ދަތިވުމުން އެ ދޭތެރޭގައި ލޯންޗު ހިދުމަތްދޭ ފަރާތްތަކަށްވެސް ބޮޑެތި ގެއްލުންތަކެއްވެފައިވާކަމަށާ އެހެންވެ ކުރިއަށް އޮތްތަނުގައި އެފަރާތްތަކުން ކުޅުދުއްފުއްޓަށް ލޯންޗު ދަތުރުތައް ބާއްވަން މަސައްކަތްކުރަމުންދާ ކަމަށެވެ.

އިއްޔެ ހަވީރު މަތިވެރިން ފުރައިގެން ކުޅުދުއްފުއްޓަށް އާދެވުނީ 16 ގަޑިއިރުގެ ދަތުރަކަށްފަހު މިއަދު ހެނދުނުގެ ވަގުތެއްގައި އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ދަނީ ދުރު އަތޮޅުތަކުން ބޭސްފަރުވާއަށް އަންނަ ފަރާތްތަކަށް ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސައިދެމުންނެވެ.

ކުޅުދުއްފުށީގައި ހުންނަ ރީޖަނަލް ހޮސްޕިޓަލަކީ އަތޮޅުތެރޭގެ އެންމެ ގިނަ މީހުން ހިދުމަތް ހޯދަމުންދާ ހޮސްޕިޓަލެވެ. މާލެއަށް އަރައި ފޭބުމުގައި ހުރި ދަތިތަކާ ހެދި ކޭއާރުއެޗަށް ވަނީ އިތުރަށް ބާރު ބޮޑުވެފައި އެވެ. ހޮސްޕިޓަލުގެ އިތުރުން އެހެން ހިދުމަތްތައް ހޯދުމަށާއި ވިޔަފާރި ދަތުރުތަކަށްވެސް ދުރު އަތޮޅުތަކުން ގިނަ ބަޔަކު މިހާރު ދަނީ އަންނަމުންނެވެ. އެގޮތުން ސިއްހީ ހިދުމަތްގެ އިތުރުން އިސްލާމިކް ބޭންކްގެ ހިދުމަތް ހޯދުމަށްވެސް ނ،ރ،ބ އަތޮޅުންވެސް މީހުން އާދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355