twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކުޅުދުއްފުށިން ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު އިތުރަށް ހަރުދަނާކޮށް ރަނގަޅުކުރުމަށް ކައުންސިލް ރައީސް އިލްތިމާސްކޮށްފި

- ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ފެންވަރު ރަނގަޅު ހިދުމަތެއް ދިނުމަށް އެދުނު
- މުދަލުގެ އަގު ހެޔޮކުރެވެން އޮތް އެންމެ ކުޑަ އަގެއްގައި ވިއްކުމަށް އެދުނު
- ހުރިހާ ފަރާތްތަކަށްވެސް ހިތްހެޔޮކަމާއި އޯގާތެރިކަމާއެކު ހިދުމަތް ފޯރުކޮށްދިނުމަށް އެދުނު

ނަބީލާ އިސްމާޢީލް
Sep 17, 2020
8

ކޮވިޑާއެކު މާލެން އަރައި ފޭބުން ދަތިވެފައިވާއިރު އެފަދަ ހާލަތެއް ކުޅުދުއްފުއްޓަށް ކުރިމަތިވިޔަ ނުދިނުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުންތަކަށް ހުރިހާ ފަރާތްތަކުން ބޯލަނބައި އަމަލުކުރުމަކީ ކައުންސިލް ރައީސްގެ ވަރަށް ބޮޑު އިލްތިމާސްއެއް.

ކުޅުދުއްފުށިން ލިބެން ހުންނަ ހިދުމަތްތައް މިހާރަށް ވުރެން ހަރުދަނާކޮށް އިތުރަށް ތަރައްގީ ކުރަންވެއްޖެކަމަށް ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުއްލަތީފް ހަސަން ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވެފައިވަނީ މިއަދު މާލެއިން ދެކުނު ގިނަ އަދަދެއްގެ ރައްޔިތުން ކުޅުދުއްފުއްޓަށް ސިއްހީ އަދި ޒަރޫރީ ބޭނުންތަކަކަށް އައިސްފައިވާތީ އެކަން ފާހަގަކުރައްވައި ޖެހި ފޯސްޓެއްގައި އެވެ.

މާލޭ ސަރަހައްދާއި އުތުރުގެ ހުރިހާ އަތޮޅަކުން ގިނަ އަދަދެއްގެ ބަޔަކު މިއަދު ކުޅުދުއްފުއްޓަށް އައިސްފައިވާކަން ފާހަގަކުރައްވަމުން ލަތީފް ވިދާޅުވީ ކުޅުދުއްފުށިން ފޯރުކޮށްދޭން ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް އިތުރު ހިތްވަރަކަށްވެއްޖެ ކަމަށާއި ސިއްހީ ހިދުމަތާއި، ބޭންކް އަދި ވިޔަފާރިތަކާއި ތަފާތު ގިނަ ހިދުމަަތްތައް މިހާރުވެސް ކުޅުދުއްފުށިން ފޯރުކޮށްދޭއިރު، ދޭ ހިދުމަތް އިތުރަށް ތަރައްގީކުރަން ވެއްޖެ ކަމަށެވެ.

male sarahahdhaai uthuruge hurihaa atholhakun gina bayaku miadhu vany kulhudhuffuttah ais hidhumai hodhaafai.....

Posted by Abdullatheef Hassan on Thursday, September 17, 2020

ކޭއޯއަށް މައުލޫމާތު ދެއްވަމުން ލަތީފް ވިދާޅުވީ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ބާރު އެޅުމުގެ ގޮތުން ސަރުކާރުގެ މުއައްސަސާތަކާއި ގުޅިގެން މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ހޮސްޕިޓަލުން ދެމުން އަންނަ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރެވެން ހުރި މަސައްކަތްތައް ފާހަގަކޮށް ހޮސްޕިޓަލުގެ މެނޭޖަރާއި ހެލްތް މިނިސްޓްރީއާ މަޝްވަރާ ކުރެވޭ ކަމަށެވެ.

އެގޮތުން ލަތީފް ފާހަގަ ކުރެއްވި ގޮތުގައި ގިނަ ރައްޔިތުން ހޮސްޕިޓަލުގެ ހިދުމަތް ހޯދާއިރު ލޭގެ ބޭނުންވެސް ކުރިއާ އަޅާބަލާއިރު ހޯދަން ޖެހޭ މިންވަރު އިތުރުވާނެ ކަމަށެވެ އެހެން ކަމުން ބްލަޑް ބޭންކްގެ ހިދުމަތް އަވަސްވެގެން ދާނެ ފަދަ ގޮތްތަކެއް ވަރަށް މުހިންމު ކަމަށެވެ. ލޭ ބޭނުންވެ ލޭ ނުލިބި ދިއުމަކީ ވަރަށް ހިތާމަވެރި ކަމެއް ކަމުގައި ލަތީފް ފާހަގަ ކުރިއެވެ.

އަދި އެމްއާރުއައި ފަދަ މުހިންމު ހިދުމަތްތައް ނުލިބޭކަން ލަތީފް ފާހަގަ ކުރި އެވެ. " ހޮސްޕިޓަލުގައި އެމްއާރުއައި މެޝިނެއް ހުރެ އެފަދަ ހިދުމަތެއް ނުލިބުމުން އަނެއްކާވެސް މާލެ ދިއުމަށް އެބަ މަޖުބޫރުވޭ." ލަތީފް ވިދާޅުވި އެވެ.

އެހެންކަމުން އެފަދަ މުހިންމު ހިދުމަތްތައް އަވަސްވެ ހަރުދަނާ ކުރެވޭނެ ފަދަ ގޮތެއް ހޯދުމަށް ކަމާ ގުޅުން ހުރި ފަރާތްތަކާ މަޝްވަރާ ކުރެވެމުންދާކަމަށް ލަތީފް ވިދާޅުވި އެވެ.

ހޮސްޕިޓަލާއެކު ކުރެވުން މަޝްވަރާތަކުން ހޮސްޕިޓަލުންވެސް އެފަދަ ދުރު ރަށްތަކުން އަންނަ ފަރާތްތަކަށް ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސާފައިވާކަން އޭނާ ވަނީ ފާހަގަކުރައްވާފައި އެވެ.

ބޭންކްގެ ހިދުމަތް ހޯދުމަށްވެސް މިއަދު ގިނަ ބަޔަކު އައިކަން ފާހަގަކޮށް ލަތީފް ވިދާޅުވީ ބޭންކްތަކުންވެސް ހިދުމަތްތަކުގެ ފެންވަރު މިހާރަށްވުރެން ހަރުދަނާކޮށް ރަނގަޅު ކުރަންޖެހޭ ކަމަށެވެ.

މީގެ އިތުރުން ވިޔަފާރިވެރިންވެސް ތަކެތީގެ އަގު އުފުލާލުމުގެ ބަދަލުގައި ވިއްކެން އޮތް އެންމެ ކުޑަ އަގެއްގައި ތަކެތި ވިއްކާ ދެވަނަ ފަހަރަށްވެސް ހިދުމަތް ހޯދުމަށް އަންނާނެ ފަދަ ގޮތަކަށް އަމަލުކުރަން ޖެހޭ ކަމަށެވެ. އަދި ގެސްޓްހައުސް އާއި ޓެކްސީގެ ހިދުމަތްދޭ ފަރާތްތަކުންވެސް ހިތްހެޔޮކަމާއި އޯގާތެރިކަމާއި އެކު ހިދުމަތް ފޯރުކޮށްދިނުމުގެ މުހިންމުކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ލަތީފް ވިދާޅުވީ ކޮވިޑްގެ މި ހާލަތުގައި މާލެއަށް ނޭރުނު ފަދަ ގޮތަކަށް ކުޅުދުއްފުއްޓަށް ނޭރޭނެ ފަދަ ހާލަތެއް ކުރިމަތިވިޔަ ނުދިނުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުންތަކަށް ބޯލަނބައި އަމަލު ކުރުމަކީ ރައީސްގެ ވަރަށް ބޮޑު އިލްތިމާސް އެއް ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355