ކަޅުބިލަ މަހާއި ކަންނެލި ގަނެވޭނެ އެންމެ ދަށް އަގު ފިޝަރީޒް މިނިސްްޓްރީން ކަނޑައަޅައި އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އަމަލުކުރަން ފަށަނެ އެވެ.
ފިޝަރީޒް މިނިސްްޓްރީން ކުރި އިއުލާނެއްގައި ބުނީ މި ގެނެވުނު ބަދަލާ އެކު 1.5 ކިލޯ އާއި އެއަށްވުރެ ބަރު މަސް ގަންނަން ޖެހޭނީ ކިލޯއެއް 13ރ. އަށްވުރެ ބޮޑުކޮށް ކަމަށެވެ. އަދި 1.5 ކިލޯ އަށް ވުރެ ކުޑަ މަހެއް ގަނެވޭނީ ކިލޯއެއް 5.15ރ. އަށް ކަމަށެވެ.
ނަމަވެސް މަސް ކައްކާ ހިއްކާ މީހުންނާއި އެކްސްޕޯޓު ކުރުމުގެ ބޭނުމުގައި ނޫން އެހެން ގޮތަކަށް މަސް ގަންނަ މީހުން މި ބަދަލަށް އަމަލު ކުރާކަށް ނުޖެހޭނެ އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނެފައިވާ ގޮތުގައި އަގުތަކަށް ގެނައި ބަދަލުތަކަށް އަމަލު ކުރަން ޖެހޭނީ ކަޅުބިލަ މަހުގެ މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމުގެ ގޮތުން މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން މަސްވެރިންގެ އަތުން މަސް ގަނެ ޕްރޮސެސްކޮށް، އެކްސްޕޯޓު ކުރާ ކުންފުނިތައް އެކަންޏެވެ.