twitterviber whatsapp telegramfacebookyoutube instagram
19th April 2024

ދަތުރުކުރާ މަންޒިލް ބަދަލުވިކަން އެނގީ ޗެކިންވި ފަހުން، އެއާޕޯޓްގައި 9 ގަޑިއިރު!

އަބްދުލް ވާހިދު ޙަސަން
Sep 27, 2020
6

މާލެއިން ކުޅުދުއްފުއްޓަށް ދަތުރުކުރުމަށް މިދިޔަ ހޮނިހިރު ދުވަހު ހަވީރު ޝެޑިއުލްކޮށްފައި އިން ފްލައިޓް ހަނިމާދޫއަށް ދަތުރުކުރާކަން އެނގީ ޗެކިންވި ފަހުންކަމަށް ބުނެ ބައެއް ފަސެންޖަރުން ހިތްހަމަނުޖެހިއްޖެ އެވެ.

ކުޅުދުއްފުއްޓާއި މާލެއާ ދެމެދު ދަތުރުކުރާ ފާޅުބޯޓްގެ ކެޕްޓަން ކޮވިޑް ޕޮޒިޓިވްވުމާ ގުޅިގެން ހުކުރުދުވަހުގެ ރޭގަނޑު 8:45 ގައި ކުޅުދުއްފުށި ވަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީން (އެޗްޕީއޭ) މޮނިޓަރިންގެ ހާލަތަށް ގެނެސްފައި އެވެ. އެހެންވުމުން އެފަރާތުގެ ހުއްދަނެތި އެއްވެސް މީހަކަށް ރަށަށް އަރައި ފޭބުމަކީ މަނާކަމެކެވެ.

ހޮނިހިރު ދުވަހު ހަވީރު ކުޅުދުއްފުއްޓަށް އަންނަ އޮތް ފްލައިޓް އެންމެ ފަހު ވަގުތު ހަނިމާދޫއަށް ޖައްސައި ގޮތަށް ހަމަޖެއްސީ އެ ވަގުތާ ހަމައަށްދިޔައިރުވެސް މޮނިޓަރިންގެ ހާލަތު އުވާލާފައިނުވާތީ އެވެ.

އެ ފްލައިޓުން ދަތުރުކުރި ބައެއް މީހުން ކޭއޯއަށް މައުލޫމާތުދެމުން ބުނެފައިވަނީ، އެ މީހުންނަށް ޗެކިންވިއިރުވެސް ހަމަޖެފައިވަނީ މާލެއިން ކުޅުދުއްފުއްޓަށް ދަތުރުކުރާ ގޮތަށް ކަމަށެވެ. އެކަމަކު ހަނިމާދޫއަށް ފްލައިޓް ޖައްސާކަން އެންގީ އެންމެ ފަހު ވަގުތުކަމަށް އެ މީހުން ބުނެ އެެވެ.

އެހެންވުމުން އެ މީހުން ވަނީ ހަނިމާދޫގައި ތާށިވެފައި އެވެ. ކުޅުދުއްފުއްޓަށް ނާދެވި އެރަށުގައި ކުޑަކުއްޖަކާއެކު 9 މީހުން އެބަތިއްބެވެ. އޭގެ ތެރޭގައި އައްޑޫ އައި ދެ އަންހެނަކާއި ކުޑަކުއްޖެ އަދި ފިރިހެނެއް ހިމެނެ އެވެ. މީގެ އިތުރުން ދެން ހިމެނެނީ އދ އަތޮޅުން އައި މީހަކާއި ރިސޯޓް އަދި މާލެ ސަރަހައްދުގައި ވަޒީފާ އަދާކުރާ 4 ފިރިހެނެކެވެ.

އެ މީހުން ބުނީ ކުޅުދުއްފުއްޓަށް އާދެވޭތޯ ވަރަށް ގިނަ މަސައްކަތްތަކެއް ކުރި ކަމަށާ ނަމަވެސް މޮނިޓަރިންގައި އޮތުމުން އާދެވޭނެ ގޮތެއް ނުވެ އެއާޕޯޓްގައި 9 ގަޑިއިރަށްވުރެ ގިނަ އިރު ހޭދަވި އެވެ.

"އަޅުގަނޑުމެންގެ ތެރޭގައި އެބަތިބި ރިސޯޓުންނާއި ތެޔޮބޯޓުންތަކުން އައިސް ތިބި މީހުން. ކަރަންޓީން ވާން ޖެހޭތީ ޕޯޓަލްގައި ރެޖިސްޓްރީވެފައި މިއައީވެސް. ކަރަންޓީންގައި ތިބެން ޖެހޭ ރޫމްތައް ހޯދައި އެތަންތަނަށްވެސް ކުލި ހިނގާނެ ދޯ." ހަނިމާދޫގައި ތާށިވެފައިވާ މީހަކު ބުންޏެވެ.

އެ މީހުން ބުނީ އެއާޕޯޓްގައި ދަންވަރު 1 ޖަހަންދެން ތިބުމަށްފަހު އަމިއްލައަށް ތަނެއް ހޯދައިގެން ދިޔައީ ކަމަށެވެ. އަދި އައްޑޫ އައި މީހުންވެސް 12 ޖަހަންދެން އެއާޕޯޓްގައި ތިބުވުމަށްފަހު ގެޔަކަށް ގޮސްފައިވާކަމަށެވެ.

މިކަމާ ގުޅިގެން މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސް (ޕީއާރު) އެންޑް ކޮމިއުނިކޭޝަން މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ، ފްލައިޓް ހަނިމާދޫއަށް ބަދަލުވިކަން އެނގުނު ހިސާބުން ކަސްޓަމަރުންނަށް ދިޔައީ އަންގަމުން ކަމަށާއި އެކަމަކު ޗެކިންވި ފަހުވެސް ބަޔަކަށް އެނގުނު ކަމަށެވެ.

މިކަމާ ގުޅިގެން ހދ އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ވަސީމް ވިދާޅުވީ، އެ މީހުންގެ މައުލޫމާތު ކައުންސިލަށް ލިބިފައިވާ ކަމަށާ އެކަމަކު އެ މީހުންގެ އިތުރުން ކުޅުދުއްފުށީގައިވެސް ގިނަބަޔަކު ތާށިވެފައިވާ ކަމަށެވެ. އެ މައްސަލާގައި ކުޅުދުއްފުށީ ކައުންސިލާއި ހަނިމާދޫ ކައުންސިލާވެސް ވާހަކަދައްކާފައިވާ ކަމަށެވެ. ހަނިމާދޫގެ ގެސްޓްހައުސްތައް ފުރިފައިވާކަމަށް އެރަށު ކައުންސިލްގެ ރައީސް ވިދާޅުވެފައިވާކަމަށް ވަސީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކަރަންޓީންވުމަށް ކުޅުދުއްފުއްޓަށް ދޫކޮށްފައިވާ ހުއްދައިގެން ދަށުންވިޔަސް އެ މީހުން ގެންނަ އެޗްޕީއޭގެ ހުއްދަނުލިބޭކަމަށް ކައުންސިލުން މައުލޫމާތުދީފައިވާ ކަމަށެވެ.

ހަނިމާދޫ ކައުންސިލްގެ ޒިންމާދާރުވެރިޔާ އިބުރާހިމް އަލީ ވިދާޅުވީ، އެ މައްސަލާގައި އެޗްޕީއޭއަށާއި ގުޅުން ހުރި ހުރިހާ މުވައްސަސާތަކާއި ވާހަކަދައްކާފައިވާކަމަށާ އެކަމަކު ކުޅުދުއްފުށި މޮނިޓަރިންގައި އޮތުމުން އެރަށަށް ދިޔުމަށް ހުއްދަނުލިބުނު ކަމަށެވެ.

އޭނާ ވިދާޅުވީ، އެއާޕޯޓަށް ގޮސް އެފަރާތްތަކާއި އިއްޔެ ބަދަލުކޮށްފައިވާ ކަމަށާ އެޗްޕީއޭއަށް މެއިލްކޮށްގެންވެސް ދަތުރުކުރުމުގެ ހުއްދަނުލިބުނު ކަމަށެވެ.

މިކަމުގައި ކުޅުދުއްފުށީ ކައުންސިލްގެ ނައިބު ރައީސް އަލީ ހާޝިމް ވިދާޅުވީ، މޮނިޓަރިންގައި ރަށް އޮތުމުން އެ މީހުން ގެނައުމުގެ އެއްވެސް ބާރެއް ކައުންސިލެއްގައި ނެތް ކަމަށާ އެޗްޕީއޭއިން ހުއްދަދިނުމުން މިހާރުވެސް ގެނެވޭނެ ކަމަށެވެ.

ހަނިމާދޫގައި ތާށިވި މީހުން އެރަށުގައި ގެޔެއްގައި ތިބިއިރު އެ މީހުން ނުކުމެ އުޅުން ވަނީ މަނާކޮށްފައި އެވެ. މޮނިޓަރިން ހާލަތުގައި އޮތް ރަށަކުން އަރައި ފޭބުމަކީ މަނާކަމެކެވެ. މޮނިޓަރިންގެ ހާލަތުގައި އޮތް ރަށަކަށް އަރައި ފޭބޭނީ ސިއްހީ ފަރުވާއެއް ހޯދުމަށް އެކަންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355