- މިހާތަނަށް ތިން މީހަކު ޕޮޒިޓިވްވެފައިވޭ
- ނޮޅިވަރަމުންވެސް ވަނީ އެކެއްގެ ސާމްޕަލް ނަގާފައި
- އިތުރު 16 މީހެއް ޓެސްޓްކުރުމަށް ދަނީ ސާމްޕަލް ނަގަމުން
ކުޅުދުއްފުއްޓާއި މާލެއާ ދެމެދު ދަތުރުކުރާ ފާޅުބޯޓްގެ ތިން ފަޅުވެރިޔަކު ކޮވިޑް-19 އަށް ޕޮޒިޓިވުމާ ގުޅިގެން ކުރިއަށްގެންދާ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން 51 މީހަކު އެކަހެރިކޮށްފި އެވެ. މީގެ ތެރޭގައި ހިމެނެނީ ކުޅުދުއްފުށީ 46 މީހަކާއި ނޮޅިވަރަމްގެ 5 މީހެކެވެ.
ހުކުރުދުވަހު މާލެއިން ކުޅުދުއްފުއްޓަށް އައި ފާޅުބޯޓުން ބަލީގެ އަލާމަތްތައް ހުރެގެން ފުރަތަމަ ޓެސްޓްކުރީ އެ ބޯޓްގެ ކެޕްޓަނެވެ. އޭނާ ޕޮޒިޓިވްވުމާއެކު ބޯޓްގެ ހުރިހާ ފަޅުވެރިން އެކަހެރިކޮށް ސާމްޕަލް ނަގައި ޓެސްޓްކުރިއިރު އިތުރު ދެ ފަޅުވެރިޔަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައި އެވެ.
ކޭއޯއަށް މައުލޫމާތު ދެއްވަމުން ސަރުކާރުގެ އޮފިޝަލަކު ވިދާޅުވިގޮތުގައި، ފާޅުބޯޓްގެ ކޭސްތަކާއި ގުޅިގެން މިހާތަނަށް 51 މީހަކު އެކަހެރިކޮށް، 7 ގެޔެއް ކަރަންޓީނުކޮށްފައިވާކަމަށެވެ. އަދި މީގެ އިތުރުން ފާޅުބޯޓްވެސް ވަނީ ކަރަންޓީނުކޮށްފައި އެވެ. މި ކޭސްއާ ގުޅިގެން މިއަދު ވަނީ އިތުރު ދެ މީހެއްގެ ސާމްޕަލް ނަގައިފައި އެވެ. އޭގެ ތެރޭގައި ނޮޅިވަރަމް މީހަކުވެސް ހިމެނެ އެވެ.
މި ބޯޓް ނޮޅިވަރަމަށްވެސް ގޮސްފައިވާތީ އެރަށްވެސް އޮތީ މޮނިޓަރިން ހާލަތަށް ގެނެސްފައި އެވެ. އެގޮތުން އެރަށުގައި ކުރިއަށްގެންދިޔަ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން 5 މީހަކު ވަނީ އެކަހެރިކޮށްފައި އެވެ.
އޭނާ ވިދާޅުވީ، އެކަހެރިކުރި މީހުންގެ ތެރޭގައި ހިމެނޭ ހައިރިސްކް 16 މީހެއްގެ ސާމްޕަލް ނެގުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި ކުރިއަށް އޮތް 12 ގަޑިއިރުގެ ތެރޭގައި އެ މީހުންގެ ނަތީޖާތައް ލިބޭވަރުވާނެ ކަމަށެވެ. މި ކޭސްއާ ގުޅިގެން އިއްޔެވެސް ވަނީ 11 މީހެއް ޓެސްޓްކޮށްފައި އެވެ.
އެކަހެރިކުރި މީހުންގެ ތެރެއިން ހައިރިސްކް މީހުން ފިޔަވާ ދެން ތިބި މީހުން ޓެސްޓްކުރާނީ ބަލީގެ އަލާމަތްތައް ފެނުމުންނެވެ. ފާޅުބޯޓް ކޭސްއާ ގުޅިގެން މިހާތަނަށް ތިން މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައި އެވެ.