ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މައްޗަށް ދައުލަތުން ހުށަހެޅި، އެމްއެމްޕީއާރުސީ ހިޔާނާތުގެ ހަތް ދައުވާ އަލުން ބެލުމަށް ކްރިމިނަލް ކޯޓުގެ މައްޗަށް ހައި ކޯޓުން އަމުރު ކުރުމުން އެ މައްސަލަތަކުގެ ޝަރީއަތް މިއަދު ފެށުމަށް ތާވަލުކޮށްފި އެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި، އަދީބަށް މީގެ ކުރިން ކުރި 30އަށް ވުރެ ގިނަ ދައުވާ ކޯޓުން ނަގައި ފަހުން ދައުލަތުން އުފުލީ ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާ އާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ދެ ދައުވާ އާއި މަނީ ލޯންޑަރިންގެ ދެ ދައުވާއާއި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާއެކެވެ.
ކްރިމިނަލް ކޯޓުން އެ ދައުވާތައް ބޭރުކޮށްލާފައި ވަނީ މިދިއަ ޖުލައި މަހުގެ 14 ވަނަ ދުވަހު އެވެ. ފަހުން އެކަމާ ހިތްހަމަ ނުޖެހޭތީ ދައުލަތުން ވަނީ އެ މައްސަލަ މަތީކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ. ހަތް ދައުވާ ބޭރުކޮށްލީ ގާޒީ އިސްމާއީލް ރަޝީދެވެ. އެ ނިންމުން އައުމާއެކު އޭނާގެ ސުލޫކީ މައްސަލައެއް ބަލަން ފަށައި އޭނާ ސަސްޕެންޑްވެސް ކުރިއެވެެ.
ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނިިޔާޒްގެ އިތުރުން ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އަދި ފަނޑިޔާރު ހުސައިން މަޒީދުގެ އިއްތިފާގުން މި މަހުގެ 21 ވަނަ ދުވަހު އިއްވި ހުކުމުގައި ވަނީ އަދީބުގެ ހަތް މައްސަލަ އަލުން ބަލަން ޖެހޭނެ ކަމަށް އަމުރުކޮށްފަ އެވެ. އަދި އަދީބުގެ ބަންދާ މެދު ގޮތެއް ނިންމަން ވަނީ އަމުރުކޮށްފަ އެވެ.
އަދީބުގެ މައްޗަށް އުފުލާފައިވާ 7 ދައުވާގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި މިއަދު 15:00 އަށް ވަނީ ތާވަލް ކޮށްފަ އެވެ.