އަންނަ ހަފްތާއިން ފެށިގެން ކޮވިޑް ނުފެތުރޭ ރަށްރަށުގެ ސްކޫލުތަކުގައި ކިޔަވައިދޭ ވަގުތު އިތުރުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.
ރޭ ބޭއްވި ހެލްތް އިމަރޖަންސީ އޮޕަރޭޝަން ސެންޓަރުގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވިދާޅުވީ މިހާރު މަސައްކަތް ކުރަމުންދަނީ އާ އާންމު ހާލަތަކުން އާއްމު ހާލަތަކަށް ރުޖޫއަވުމަށް ކަމަށާއި އެގޮތުން ކޮވިޑް-19 ގެ ކޭސްއެއް ނެތް ރަށްރަށުގެ ސްކޫލްތަކުގައި ކިޔަވައިދޭ ވަގުތު އިތުރުކުރުމަށް ނިންމާފައިވާ ކަމަށެވެ.
މިހާރުވެސް އަތޮޅުތެރޭގެ ސްކޫލުތަކުގައި ދަރިވަރުން ސްކޫލަށް ހަޒިރުކޮށްގެން ކިޔަވައިދޭކަން ފާހަގަކޮށް މިނިސްޓަރ ވިދާޅުވީ ކުރިން ސެޝަންއެއް ކުރިއަށް ގެންގޮސްފައިވަނި 4 ގަޑިއިރަށް ކަމަށާއި އެހެންނަމަވެސް އަންނަ ހަފްތަގެ އާދީއްތަ ދުވަހުން ފެށިގެން އަތޮޅު ތެރޭގައި ކޮވިޑް ނުފެތުރޭ ރަށްރަށުގެ ސްކޫލްތަކުގައި ކޮންމެ ސެޝަންއެއްގައި 5 ގަޑިއިރު ކިޔަވައިދޭނެގޮތަށް ނިންމާފައިވާ ކަމަށެވެ.
މީގެއިތުރުން މާލެ ސަރަހައްދުގައި ކޮވިޑް-19ގެ ހާލަތު ރަނގަޅުވަމުން އަންނާތީ އަންނަ ހަފްތާގެ އާދިއްތަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގެ ސްކޫލްތަކުގައި ކީސްޓޭޖް 4 އަދި 5 ގައި ހިމެނޭ ގްރޭޑުތަކުގެ ދަރިވަރުން ސްކޫލަށް ހާޒިރުކޮށްގެން ކިޔަވައިދިނުމުގެ ކަންކަން ކުރިއަށްގެންދިއުމަށް ނިންމާފައިވާކަންވެސް މިނިސްޓަރ އައިޝަތު އަލީ ފަހަގަކުރެއްވިއެވެ.