ބަދިގޭގައި އާންމުކޮށް ކާނާ ތައްޔާރުކުރަން ބޭނުންކުރާ ބާވަތްތަކަކީ ހަމަ އެކަނި ކެއުމުގައި ނޫނަސް ބޭނުންކުރެވޭނެ ތަކެޗެވެ. އެގޮތުން ހަމުގެ ރީތިކަން ދެމެހެއްޓުމަށާއި އެކި އެކި ހަމުގެ މައްސަލަތަކަށް ފަރުވާކުރުމަށްވެސް ކަނާ ތައްޔާރުކުރުމުގައި ބޭނުންކުރާ ބާވަތްތަށް ބޭނުންކުރެއެވެ. އެގޮތުން ފާހަގަކޮށްލެވޭ އެކައްޗަކީ ރީނދޫ އެވެ.
ރީނދޫ ތެރެއިންވެސް ގޮއް ރީނދުލަކީ ދިވެހި ބޭސްވެރިކަމުގެ ތެރެއިންވެސް ބޭނުންކުރާ ފައިދާހުރި ބާވަތެކެވެ. އަދި ހަންގަނޑު ބޯވުމާއި އެންޒިމިއާގެ ބަލި ފަދަ ހަމުގެ ގިނަ މައްސަލަތަކަށް ފަރުވާކުރުމަށް ބޭނުންކުރެވޭ އެއްޗެކެވެ.
އެކި އެކި ސަބަބުތަކާއި ހުރެ ހޯމޯންތަކަށް އަންނަ ބަދަލުތަކާއި ގުޅިގެން އަންހެނުންގެ މޫނުމަތީގައި ފަޅާ ބޭކާރު އިސްތަށި ނައްތާލުމަށްވެސް ރީނދޫ ބޭނުންކޮށްގެން ކުރެވިދާނެ ފަރުވާ ހުރެއެވެ. އެ ހެއާރިމޫވް ތައްޔާރުކޮށްލުމަށް ބޭނުންވާނެ ތަކެއްޗަކީ އަދި ހަދާނެ ގޮތަކީ މިއީ އެވެ.
ބޭނުންވާނެ ތަކެޗަކީ 2/1 ޖޯޑް ކިރު، 2 މޭޒުމަތީ ސަމުސާ ރީނދޫ، 2/1 ޖޯޑު ފުއް، އަދި 1 މޭޒުމަތީ ސަމުސާ މޫދު ލޮނު އެވެ. މި ހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮށްލުމަށްފަހު ޕޭސްޓް ހަދާލާށެވެ. އެއަށްފަހު ބޭކާރު އިސްތަށި ފެޅުން ހުއްޓުވަން ބޭނުންވާ ހިސާބުގައި އުނގުޅާލާށެވެ. އަދި މަސްކް ހިކެން 10-15 މިނެޓް މަޑުކޮށްލާށެވެ. ހިކުމުން ތާފަނާ ފެންފޮދެއް ބޭނުންކޮށްލައިގެން މަޑު ތުވާލި ކޮޅަކުން ފުހެލާށެވެ.
ރީނދޫލަކީ މޫނުގައި އުފެދޭ ކުދި ރޫތައް ފިލުވާލާ މޫނުގެ ހަންގަނޑު އޮނމާންކޮށްދިނުމަށް އެހީވެދިނުމުގެ އިތުރުން މޫނުގައި ހުންނަ ގުދުރަތީ އޮފުކަން ދެމެހެއްޓުމަށް އެހީވެދޭ ބާވަތެކެވެ.
ރީނދޫގައި އެކުލެވޭ އެންޓިއޮކްސިޑެންޓްގެ ސަބަބުން ޔޫވީ ހަލާކުވުމުން ދުރުކޮށްދީ ހަންގަނޑު ހިރުވުމާއި އިރުގެ އަވިން ހަންގަނޑަށް ލިބޭ ގެއްލުމުން ސަލާމަތްކޮށްދިނުމަށް އެހީތެރިވެދެއެވެ. ނާޒުކު ހަންގަނޑުގެ ސަބަބުން ހަންގަނޑު ކެހުމާއި ހިރުވާ މީހުންނަށް ރީނދޫއަކީ ހާއްސަ އެއްޗެކެވެ.
މީގެ އިތުރުން ރީނދުލަކީ ހަނގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަވުމަށްވެސް ވަރަށް ހާއްސަ އެއްޗެއްކަމަށް ދިރާސާއަކުން ދައްކަ އެވެ. އަދި މިއީ ގައިގެ ހަމުގެ ކުލަ އަކިވުމަށްވެސް އެހީވެދޭއެއްޗެކެވެ.