ދިވެއްސަކާ ކައިވެނިކުރާ ބިދޭސީންނަށް ދިގު މުއްދަތަކަށް ރެޒިޑެންޓް ވިސާ ލިބޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް މިއަދު ހުށަހަޅައިފި އެވެ.
ދިވެހިންނާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންނަށް މިހާރު ވެސް ވިސާ ދެމުން އަންނައިރު، ޖެހެނީ އަހަރުން އަހަރަށް އާ ކުރާށެވެ. މިއީ، އާއިލާތަކުން އުފުލަން ޖެހޭ ތަކުލީފެއް ކަމަށް ބުނެ މިކަމަށް ލުޔެއް ހޯދައިދޭން ވަރަށް ފަހުން ޖެންޑާ މިނިސްޓްރީން ވެސް ވަނީ ކޮމިޓީގައި އެދިފަ އެވެ.
ދުވާފަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިސްމާއިލް އަހުމަދު ހުށަހެޅުއްވީ އިމިގްރޭޝަން ގާނޫނުގެ ރެޒިޑެންޓް ވިސާއާ ގުޅޭ 16 ވަނަ މާއްދާއަށް އަކުރުތަކެއް އިތުރުކުރާށެވެ.
ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންނާއި ސަރުކާރުގެ ކަމާބެހޭ ދާއިރާއެއްގެ ހުއްދަ ލިބިގެން އެ ދާއިރާއިން ގަބޫލުކުރާ ވިޔަފާރިއެއް ނުވަތަ މަސައްކަތެއް ކުރުމަށް ބޮޑެތި އިންވެސްޓްމަންޓްތައް ކޮށްގެން އުޅޭ މީހުންނަށް އެ މާއްދާ އިން ރެޒިޑެންޓް ވިސާ ލިބޭނެ އެވެ.
އެ އިސްލާހުގައިވާ ގޮތުން، ދާއިމީ ގޮތުން ރާއްޖޭގައި އުޅުމުގެ ހުއްދަ ލިބިފައިވާ މީހެއްގެ ކައިވެނި ރޫޅުނަސް ނުވަތަ އަނބިމީހާ/ފިރިމީހާ މަރުވިޔަސް އެ ކައިވެނިން ދަރިން ތިބުމާއި އެފަދަ ބިދޭސީއަކު ރާއްޖޭގައި ދިރިއުޅޭއިރު ދައުލަތަށް މާލީ ބުރައެއް އުފުލަން ނުޖެހޭ ނަމަ ވިސާ ދާއިމީކޮށް އޮންނާނެ އެވެ.
ރެޒިޑެންޓް ވިސާ ނުވަތަ ރާއްޖޭގައި ދާއިމީކޮށް އުޅުމުގެ ހުއްދަ ލިބޭ ކޮންމެ މީހަކު އިމިގްރޭޝަން ކޮންޓްރޯލަރު ކަނޑައަޅާ މިންވަރެއްގެ ހެލްތު އިންޝުއަރެންސެއް ނަގަންވާނެ ކަމަށް ވެސް އެ އިސްލާހުގައިވެ އެވެ.