twitterviber whatsapp telegramfacebookyoutube instagram
27th April 2024

ފުލުހެއް ޕޮޒިޓިވްވެ ކުޅުދުއްފުއްޓާއި ދިއްދޫ، ފުނަދޫ، އަދި ކުރިނބީއަށް އަރައި ފޭބުން މަނާކޮށްފި

އަބްދުލް ވާހިދު ޙަސަން
Oct 5, 2020

ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ކުޅުދުއްފުއްޓާއި ށ ފުނަދޫ އަދި ހދ ކުރިނބީއަށް އަރައި ފޭބުން މަނާކޮށްފި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސި (އެޗްޕީއޭ) އިން އެ ރަށްރަށުގެ ކައުންސިލްތަކަށް ފޮނުވި މިރޭ 21:15 ގައި ފޮނުވި ލިޔުމުގައި ބުނެފައިވަނީ ކޮވިޑާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންތައްތައް ބެލުމަށް ރަށް މޮނިޓަރިންއަށް ލާފައިވާ ކަމަށާއި އެހެންވުމުން، ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވަކި ގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެ އެޖެންސީގެ ހުއްދަނެތި އެއްވެސް މީހަކު އެރަށްތަކަށް އެރުމަކީ މަނާކަމެއް ކަމަށެވެ.

ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ އެ ފުލުސް މީހާ ޕޮޒިޓިވްވެފައިވާކަން އެނގުނީ އޭނާގެ އުފަން ރަށް، ހދ ކުރިނބީގައި ހުއްޓާ މިރެ އެވެ. އޭނާ ކުޅުދުއްފުށިން ކުރިނބީއަށް ދަތުރުކޮށްފައިވަނީ ބަލީގެ އަލާމާތް ހުރުމުން ކޮވިޑް ޓެސްޓް ކުރުމަށްފަހު ނަތީޖާ ލިބުމުގެ ކުރިންނެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ދާއޫދު ވިދާޅުވީ ފާޅުބޯޓް ކޭސްއާ ގުޅިގެން، މިހާރު ހޮސްޕިޓަލުގެ އޯޕީޑީއަށް އަންނަ މީހުންގެ ތެރެއިން އަލާމާތްތައް ހުންނަ ފަރާތްތަކުގެ ސާމްޕަލް ނަގަމުންދާ ކަމަށާ އެގޮތުން އިއްޔެ އޯޕީޑީއަށް އައި ފަރާތެއްގެ ސާމްޕަލް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އުޅުއްވުމަށް އިލްތިމާސްކުރައްވަމުން އަހުމަދު ވިދާޅުވީ، ބަލީގެ އަލާމާތެއް ހުރިނަމަ އަމިއްލަ އެކަހެރިވުމާއި ބަލި ޖެހިފައިވާ މީހުންނަށް ނުރުހުމުގެ ބަސްތައް ރައްދު ނުކޮށް އޯގާތެރިކަމާއެކު މުއާމަލާތްކޮށް އެ މީހުން ނަފްސާނީ ބަލިމަޑު ކަމެއްގެ ތެރެއަށް ވެއްޓުނަ ނުދިނުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް އެދިލެއްވި އެވެ.

ކޮންޓެކްޓް ޓްރޭސިންއާއި ގުޅޭގޮތުން މައުލޫމާތު ހިއްސާ ކުރައްވަން ގުޅުއްވާނީ 7606688 ނަންބަރަށް ގުޅުވުމަށްވެސް އަހުމަދު އެދިލެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355