twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ފުލުހުންނަށް ނުނިކުމެވޭތީ ބަނދަރުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވެއްޖެ

އަބްދުލް ވާހިދު ޙަސަން
Oct 5, 2020
2

ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހެއް ކޮވިޑް-19 އަށް މިރޭ ޕޮޒިޓިވްވެ، ކުޅުދުއްފުއްޓަށް އަރައި ފޭބުން އެޗްޕީއޭއިން މިވަނީ އަނެއްކާވެސް މަނާކޮށްފައި އެވެ.

އަތޮޅުތެރޭގެ އެންމެ ގިނަ ބަޔަކު އަރައި ފައިބާ އުތުރުގެ މައި ރަށް، ކުޅުދުއްފުށީ މޮނިޓަރިންއަށްލުމާއެކު ކޮންމެ ފަހަރަކުވެސް ބަނދަރުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި ފުލުހުންގެ އިސްދައުރެއް އަދާކުރެ އެވެ. އެގޮތުން މުޅި ރާއްޖޭ ލޮކްޑައުންގައި އޮތްއިރު އާއި އެންމެ ފަހުން މިދިޔަ މަހު ކުޅުދުއްފުށި ސިޓީ މޮނިޓަރިންއަށްލުމުންވެސް ބަނދަރު ބެލެހެއްޓުމުގައި ފުލުހުން އިސްދައުރެއް އަދާކުރި އެވެ.

އަދި އެޗްޕީއޭގެ އެންގުންތައް ތަންފީޒުކުރުމުގެ އެންމެ އިދާރާއަކީ ފުލުހެވެ. އެހެންވުމުން ކުޅުދުއްފުށި ކަހަލަ ބޮޑެތި ރަށްތައް ބެލެހެއްޓުމުގައި ފުލުހުންގެ މުހިންމުކަން ބޮޑެވެ. މިރޭ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހަކު ޕޮޒިޓިވްވެ، ރަށް މޮނިޓަރިންއަށް ލާފައިވާއިރު ބަނދަރު ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން ނުދާތީ އާންމުގެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.

މިކަމާ ގުޅިގެން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން ވިދާޅުވީ، ފުލުހުންގެ ތެރެއިން ކޮވިޑް ކޭސްއެއް ފެނުމުން ބަނދަރު ބަލަހައްޓުމަށް ފުލުހުން މިވަގުތު ނުކުތުމަކީ ރައްކާތެރިކަމަށްނުވާތީ، ބަނދަރު ބެލެހެއްޓުމުގައި ސިފައިންގެ އެހީތެރިކަން ލިބޭތޯ މަސައްކަތްކުރަމުންދާ ކަމަށާއި އެހެންނަމަވެސް އެފަރާތުގެ ޖަވާބެއް އަދި ލިބިފައިނުވާ ކަމަށެވެ.

ފުލުހުންނާއެކު ބަނދަރު ބެލެހެއްޓުމުގައި ހަރަކާތްތެރިވަނީ ހިލޭ ސާބަހަށް މަސައްކަތްކުރާ ރެޑްކުރެސެންޓާއި ކެޑޭޓް ކޯ އެވެ. އަދި ކައުންސިލާއި ހޮސްޕިޓަލްގެ މުވައްޒަފުން ލިޔެކިޔުންތައް ބެލެހެއްޓުމުގައި ހަރަކާތްތެރިވެ އެވެ.

ލަތީފް ވިދާޅުވީ، ބަނދަރު ބެލެހެއްޓުމުގައި ފުލުހުން ހަރަކާތްތެރިނުވާތީ އެންމެ ރަނގަޅަށް ބަނދަރުގެ ސެކިއުރިޓީ ނުބެލެހެއްޓޭނެ ކަމަށާ އެހެންވެ އެކަމާ މަޝްވަރާކުރުމަށް ކަމާ ގުޅުން ހުރި މުވައްސަސާތަކުން ބައްދަލުކުރާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355