އިންޑިއާ އިން އެކްސްޕޯޓް ކުރަމުން އަންނަ ފިޔާ އަންނަ އަހަރުގެ ނިޔަލަށް އެއްވެސް ދަތިކަމެއް ނެތި ރާއްޖެއަށް ލިބޭނެ ކަމަށް އިންޑިއާ އިން ބުނެފިއެވެ.
އިންޑިއާގެ ޑައިރެކްޓްރޭޓް ޖެނެރަލް އޮފް ފޮރިން ޓްރޭޑަށް އެޑްރެސްކޮށް ކޮންސިއުމަރ އެފެއަރޒް މިނިސްޓްރީން ފޮނުވި ސިޓީގައި ބުނެފައިވަނީ، އެ މިނިސްޓްރީން ނިންމާފައިވަނީ މި އަހަރު ތެރޭގައި ރާއްޖެއަށް އެކްސްޕޯޓް ކޮށްފައިވާ ފިޔާގެ އަދަދުތައް މުޅި އަހަރު ދުވަހު އެކްސްޕޯޓް ކުރުމަށް ނިންމާފައިވާ ކޯޓާއިން އުނި ކުރުމަށްފަހު މި އަހަރުގެ ބާކީ އޮތް މަސްތަކާއި އަންނަ އަހަރުގެ މަސްތަކަށް އެކްސްޕޯޓް ކުރުމަށް ދީފައިވާ ކޯޓާއަށް ބަހާލެވިގެންދާ ގޮތަށް ފިޔާ އެކްސްޕޯޓު ކުރަމުން ދިއުމަށް ކަމަށެވެ.
ފިޔާގެ ކޯޓާއަށް ބަދަލެއް އަންނަ ގޮތަށް އިރުޝާދެއް ދީފައިވީ ނަމަވެސް އެގޮތަށް ރަސްމީކޮށް ނިންމާފައި ނުވެއެވެ.
އަދި ފިޔާ އެކްސްޕޯޓް ކުރެވޭނީ ކުރިއެކޭވެސް އެއްގޮތަށް ސޫތުކުޅި ބަނދަރުން ކަމަށެވެ. އިންޑިއާގެ ބައެއް ސަރަހައްދުތަކަށް ވިއްސާރަ ކުރުމާއި ގުޅިގެން ފިޔާގެ ސަޕްލައިއަށް ދަތިތަކެއް ކުރިމަތިވުމުން ސެޕްޓެމްބަރ މަހުގެ 14 ވަނަ ދުވަހުން ފެށިގެން އެ ގައުމުން ވަނީ ފިޔާ އެކްސްޕޯޓް ކުރުން ހުއްޓާލާފައެވެ.
ނަމަވެސް ހާއްސަ ހުއްދައެއްގެ ދަށުން ރާއްޖެއަށް އެއްވެސް ދަތިކަމެއް ނެތި ފިޔާ ލިބެމުންދާނެކަމުގެ ޔަޤީންކަން ދެ ޤައުމުގެ ސަރުކާރުން ދީފައިވެއެވެ.