ތިން ފުލުހަކަށް އިންޒާރު ދިން ކުޅުދުއްފުށީ މީހަކު 6 މަސް ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ.
ތިން ފުލުހަކަށް އިންޒާރު ދިން މައްސަލައިގެ ކުށް ސާބިތުވުމާ ގުޅިގެން މިދިޔަ އޮކްޓޯބަރ 4 ވަނަ ދުވަހު ހުކުމްކޮށްފައިވަނީ ކުޅުދުއްފުށި، މަންޒިލް، މުހައްމަދު ވަހީދު އިބްރާހީމް (20އ) ގެ މައްޗަށެވެ.
ދައުލަތުން މުހައްމަދު ވަހީދު އިބްރާހީމްގެ މައްޗަށް އިންޒާރުދީފައިވާ ކުށުގެ ދައުވާ އުފުލާފައިވަނީ، މިދިޔަ އަހަރު ޑިސެމްބަރ މަހުގެ ކުރީކޮޅުގެ ދުވަހެއްގައި ތިން ފުލުހެއްގެ ފޮޓޯ ސޯޝަލް މީޑިއާގައި އާންމުކޮށް އެތިން ފުލުހުން މަރަންވީކަމަށް ބުނެފައިވާ މައްސަލައާއި ގުޅިގެންނެވެ.
މި ދައުވާ ޝަރީއަތުން ބެލުމަށްފަހު ކޮށްފައިވާ ހުކުމްގައި ބުނެފައިވަނީ، މިމައްސަލައިގައި ދައުވާލިބޭ މުހައްމަދު ވަހީދު ތަހުޤީޤު މަރުހަލާއާއި ޝަރީއަތުގެ މަރުހަލާގައި އިއުތިރާފުވެފައިކަން އެނގެން އޮތުމުން، ގާނޫނު ނަންބަރު 17/2010 ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ 2 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ރ) ދަށުން އިންޒާރުދިނުމުގެ ކުށްޝަރީއަތަށް ސާބިތުވާކަމަށެވެ.
އެހެންކަމުން އޭނާގެ މައްޗަށް ދައުލަތުން ކޮށްފައިވާ އިންޒާރު ދިނުމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ 2 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ މާއްދާގެ (ރ) އަށް ރިއާޔަތްކޮށް (މިއީ މީނާގެ މައްޗަށް މިފަދަ ކުށެއް ސާބިތުވި ފުރަތަމަ ފަހަރު ކަމުގައި ވުމުން) އެ ގާނޫނުގެ ދަށުން އޭނާ 6 މަސް ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމްކުރާކަމަށް ޤަޟިއްޔާގައި ވެއެވެ.