ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންނާއި މަސައްކަތް ހަވާލުކުރާ ދިވެހީން ވެސް އަލަށް އެކުލަވާލި ގަވައިދުގައިވާ ގޮތަށް ޖޫރިމަނާ ކުރެވިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލައަކީ ޒަމާނުންސުރެން ހައްލުނުވެ އޮތް މައްސަލަ އެކެވެ. ނަމަވެސް މި ސަރުކާރުން އަންނަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަނބުރާ އެ ގައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންނެވެ.
އެގޮތުން މިދިޔަމަހުގެ ނިޔަލަށް ވަނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން 8700 އަށް ވުރެ ގިނަ ބިދޭސީން އަނބުރާ އެ މީހުންގެ ގައުމަށް ފޮނުވާލައިފައެވެ.
މިނިސްޓަރު ފައްޔާޒު ވިދާޅުވީ، ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ މި ސަރުކާރަށް ވަރަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވެފައިވާ މައްސަލައެއް ކަމަށާއި އެކަމަށް އަވަސް ހައްލެއް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެމްޑީޕީން ސަރުކާރާ ހަވާލުވިއިރު ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލައަކީ ވަރަށް ބޮޑަށް ބޮއްސުންލާފައި އޮތް ކަމެއް ކަމަށާއި އެކަމަކީ އެއް ދުވަހަކުން އެއްފަހަރަކާ ހައްލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
ގަވައިދާ ހިލާފުވާ ފަރާތްތައް ހޯދުމަށް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ވަކި އުސޫލެއްގެ ތެރެއިން އިންސްޕެކްޓް ކުރެވި އަދި ގަވައިދާ ހިލާފަށް އުޅޭ ފަރާތްތައް ޖޫރިމަނާ ކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.