twitterviber whatsapp telegramfacebookyoutube instagram
24th February 2026

ވައިކަރަދޫ ކަނޑޫފަލުން ގަސްކެނޑުމާއި ކަނޑޫ ހޮވުން މަނާކޮށްފި

ނަބީލާ އިސްމާޢީލް
Oct 12, 2020
1

ހދ. ވައިކަރަދޫގެ ކަނޑޫފަލުން ކަނޑޫގަސް ކެނޑުމާއި ކަނޑޫ ހޮވުން އެ ރަށުގެ ކައުންސިލްގެ އިދާރާއިން އިއްޔެއިން ފެށިގެން މަނާކޮށްފި އެވެ.

އުތުރުގެ ރަށްތަކުގެ ކަނޑޫފާތަކަށް ދިމާވަމުންދާ އެންމެ ބޮޑު މައްސަލަ ކަމުގައިވާ ކަނޑޫފާ މަރުވެ ނެތި ހިނގައިދާނެ ކަމުގެ ބިރު ވައިކަރަދޫ ކަނޑޫފަލަށްވެސް ވަނީ ކުރިމަތިވެފަ އެވެ. އެ ގޮތުން މި އަހަރުގެ ޖުލައި މަހުން ފެށިގެން އެ ކަނޑޫފަލުންވެސް ދަނީ ގަސްތައް މަރުވެ ހިކެމުންނެވެ. ކުޑަ ދުވަސްކޮޅެއް ތެރޭގައި ބޮޑު ބަދަލެއް ކަނޑޫފަލަށް ވަނީ އައިސްފަ އެވެ. ގަސްތަކުގެ ފެހިކަން ގެއްލި މުޅިން ގަސްތައް ވަނީ މުށިކުލައަކަށް ބަދަލުވެފަ އެވެ.

#Iulaan:

#KandooGas kendumaai #Kandoo hovun manaakurun.

#Mangrove #SaveMangrove

Posted by Secretariat of The Vaikaradhoo Council on Sunday, October 11, 2020

ވައިކަރަދޫ ކައުންސިލްގެ ރައީސް އަހުމަދު ނަސީމް ކޭއޯއަށް ވިދާޅުވީ ކަނޑޫފާ ނެތިދާނެކަމުގެ ބިރުހީވެފައިވާ މި ދުވަސްވަރު ކަނޑޫފަލުން ގަސްތައް ކެނޑުމާއި ކަނޑޫ ހޮވުން މަނާ ކުރީ ކަނޑޫފާ ނެތިގޮސްފިނަމަ ތަސައްވަރުކުރަންވެސް ދަތި ކަމަކާއި ކުރިމަތިލާން ޖެހިދާނެތީ ކަމަށާއި ކަނޑޫފަލަށް ދިމާވާ މައްސަލަ ދިރާސާކުރުމުގެ މަސައްކަތް ގުޅުން ހުރި ފަރާތްތަކާއި ގުޅިގެން ކުރިއަށްދާތީ ކަމުގައެވެ.

ކުރިން ކައުންސިލްގެ އެއްވެސް ހުއްދައަކާ ނުލައި ކަނޑޫފަލަށް ބޭނުން އިރަކު ވަދެ ބޭނުން މީހަކު ކަނޑޫ ހޮވާ އުޅުނު ނަމަވެސް އިއްޔެއިން ފެށިގެން މިހާރު ކައުންސިލުން މިކަން މަނާކޮށްފައިވާ ކަމުން އެ ރަށު ކައުންސިލްގެ އެންމެ ބޮޑު އިލްތިމާސް އަކީ މިކަމުގައި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުން ދެއްވައި ކަނޑޫފާ ހިމާޔަތް ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމުގަ އެވެ.

ކައުންސިލްގެ ރައީސް އިތުރަށް ވިދާޅުވީ ކަނޑޫފަލަށް ދިމާވެފައިވާ މައްސަލަ އަކީ ހަމަ އެކަނި ވައިކަރަދޫ ކައުންސިލް އިދާރާގެ ތިން މެމްބަރުގެ ޒިންމާއެއްކަމަށް ނުދެކި މިއީ ބޮޑު މައްސަލައެއްގެ ގޮތުގައި ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކުން ބަލައި ދިރާސާކޮށް ހައްލު ހޯދުމަށް މަސައްކަތް ކޮށްދިނުން ކަމުގަ އެވެ.

އޭނާ ވިދާޅުވީ މިއީ 100 އަހަރަށް ވުރެން ގިނަދުވަސްވެފައިވާ ކަނޑޫފަލެއް ކަމުން ބޮޑުތަދުގެ ދުވަސްވަރުވެސް އެ ރަށު މީހުން ހައިހޫނުކަން ފިލުވީ މި ކަނޑޫފަލުން ކަނޑޫ ހޮވައިގެން ކަމާއި މިހާރު މުޅި ދުނިޔެއަށް ދިމާވެފައި މިވާ ކޮވިޑް-19 ގެ ބިރުވެރި ހާލަތުގައި ރާއްޖެއަށް ދިމާވެދާނެ ގޮތް އަދި ތަސައްވަރު ނުކުރެވޭއިރު މި ފަދަ މުހިންމު ތަނެއް ނެތި ހިނގައިދާނެ ކަމުގެ ކަންބޮޑުވުން ވަރަށް ބޮޑުކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355