މަޖިލިހުގެ މެމްބަރުން މަޖިލިހުގެ މަސައްކަތަށް ވަޑައިގަންނަވާއިރު، ތުއްޕުޅު ބޭފުޅުން ބެލެހެއްޓޭނެ އެހެން އިންތިޒާމެއް ނެތް ނަމަ މަޖިލިހުގެ އިދާރާ އަށް ގެންދަވައިގެން ބެލެހެއްޓޭނެ އިންތިޒާމެއް ހަމަޖައްސައިފި އެވެ.
މައިންގެ ކޮޓެރިއެއް ހުޅުވިކަން އިއުލާން ކުރައްވައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މެންބަރުންގެ ދަރިން އެހެން ތަނަކަށް ފޮނުވެން ނެތް ނަމަ މަޖިލީހުގައި މިއަދު ހުޅުވި މައިންގެ ކޮޓަރީގައި ބެއިތިއްބޭނެ ކަމަށެވެ. މި ކޮޓަރި ހުޅުވާފައި ވަނީ މަޖިލީހުގެ އާ އިމާރާތުގެ އެއް ވަން ފަންގިފިލާގަ އެވެ. އެ މަނިކުފާނު ވިދާޅުވީ، މެމްބަރުންގެ ތުއްޕުޅު ބޭފުޅުން ބަައިތިއްބަން ހަމަޖައްސާފައިވާ ކޮޓަރީގައި އެ ކުދިންނަށް ކުޅެވޭނެ އިންތިޒާމު ވެސް ހަމަޖައްސާފައިވާ ކަމަށެވެ.
އެ ތަނުގައި ބައިތިއްބާފައި ތިބޭ ކުދިން އެ މަނިކުފާނަށް ވީ ވަރަކުން ބައްލަވަމުން ގެންދަވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި މަޖިލީހުގައި އެ އިންތިޒާމު ހަމަޖެއްސި ނަމަވެސް އެންމެ ރނގަޅު ގޮތަކީ އާއިލާގެ ގާތުގައި ކުދިން ބޭތިއްބުން ކަމަށެވެ.
މަޖިލީހުގައި ފުރަތަމަ ފަހަރަށް މިއަދު މައިންގެ ކޮޓަރިއެއް ހުޅުވި ނަމަވެސް ސަރުކާރުގެ ބައެއް އެހެން އޮފީސްތަކާއި އަމިއްލަ ބައެއް އޮފީސްތަކުގައި ވެސް ކުޑަކުދިންނަށް ހާއްސަކޮށްގެން ތަންތަން ހަދާފައި ހުރެ އެވެ.
މިއީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އިދާރީ މުވައްޒަފުން ބޭނުން ކުރުމަށް ހަދާފައިވާ ތަނެކެވެ. މަޖިލީހުގެ އިދާރާގައި ގިނަ އަދަދެއްގެ އަންހެން މުވައްޒަފުން މަސައްކަތްކުރައްވަމުން ގެންދަވާއިރު މެންބަރުގެ ގޮތުގައި 4 އަންހެން މެންބަރުން އެބަތިއްބެވެ.