ފެނަކަ ކޯޕަރޭޝަނުން ރާއްޖޭގައި މިހާތަނަށް އަޅައި އެންމެ ބޮޑު އިންޖީނުގެ އެޅުމަށް ކުޅުދުއްފުށީގައި ބިންގާ އަޅައިފި އެވެ.
މިކަމަށްޓަކާ މިއަދު ހެނދުނު ކުޅުދުއްފުށީ އިންޖީނުގޭގައި ބޭއްވި ރަސްމިއްޔާތުގައި އާ އިންޖީނުގޭގެ ބިންގާ އަޅުއްވައިދެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސައީދާއި ކުޅުދުއްފުށީ ދެ ދާއިރާގެ މަޖިލިސް މެމްބަރުންނެވެ.
15 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން އަޅައި މި އިންޖީނުގޭގެ މަސައްކަތް ހަވާލުކޮށްފައިވަނީ އުނި އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާ އެވެ.
ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފެނަކަ ކޯޕަރޭޝަނުގެ އެމްޑީ އަހުމަދު ސައީދު ވިދާޅުވީ، މި އިންޖީނުގެއަކީ އެންމެ މިޒަމާނުގެ ޓެކްނޮލޮޖީއާއެކު ގާއިމުކުރެވިގެންދާނެ އިންޖީނުގެ އެއް ކަމަށެވެ.
ފުރަތަމަ އިންޖީނުގެ ހުޅުވިގެންދާއިރުވެސް ހަތަރު މެގަވޯޓްގެ ފަސް ބެޑް ބެހެއްޓިގެންދާނެކަމަށާ އެހެންވުމުން ކުރިއަށް އޮތް 35 ވަރަކަށް އަހަރުވެސް އިންޖީނުގެއަށް އެއްވެސް ބަދަލެއްގެންނަން ނުޖެހޭނެ ކަމަށެވެ.
"އެއީ އަޅުގަނޑުމެން ކަންކުރާ އުސޫލަކީ. އެއީ ކަންކުރާ ގޮތަކީ. އެހެންވީމަ މިއަދު ފުރާޅުން ޓިނުގަނޑެއް ނައްޓާފަ ސީލިންގގައި ތަންކޮޅެއް އަޅާފަ ފުއްދާލެވޭކަށް ނެތް. އެމްޑީޕީގެ ހުރިހާ މަސައްކަތްތައްވެސް ވިލަރެސް ކުރަނީ މާދަމާއަށް ވަރަށް ބޮޑަށް އަމާޒުކޮށްގެން." އެމްޑީޕީ ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ، އިންޖީނުގެއަކީ އަޑު މަޑުކޮށް ޒަމާނީ ވަސީލަތްތަކާއެކު ގާއިމުކުރެވޭ އިންޖީނުގެއަކަށްވުމުން ކައިރިގައި ފަސޭހަކަމާއެކު ފޮތް ކިޔާލަން ތިބެވޭނެ ކަމަށެވެ.
މިދިޔަ ސަރުކާރުތަކަށް ފާޑުވިދާޅުވަމުން އޭނާ ވިދާޅުވީ މީގެ ކުރިން ކުޅުދުއްފުށީގައި އިންޖީނުގެ އަޅަން 10 ވަރަކަށް ފަހަރު ސާރވޭކުރެވި ހަތަރު ކުރެހުމެއް ކުރަހާ ޝޯ ކޭސްތަކުގައި ބަހައްޓާފައި އެބަހުރި ކަމަށެވެ.
330 ދުވަސްތެރޭހައި މި މަސައްކަތް ނިންމުމަށް އެއްބަސްވެފައިވާއިރު މި މަޝްރޫއުއަށް 15،755،760.90 ރުފިޔާ ހަރަދުކުރަން ހަމަޖެހިފައިވެ އެވެ.
މިއީ މިހާތަނަށް އަތޮޅުތެރޭގައި ފެނަކައިން ގާއިމުކުރާ އެންމެ ބޮޑު އިންޖީނުގެ އެވެ.