twitterviber whatsapp telegramfacebookyoutube instagram
25th April 2024

ވެންޓިލޭޓަރު މައްސަލައިގައި އަމީން ހިމެނޭހެން 11 މީހަކަށް ދައުވާކޮށްދިނުމަށް އެދެފި

ނަބީލާ އިސްމާޢީލް
Oct 14, 2020

ކޮވިޑް-19އާ ގުޅިގެން ގިނަ އަދަދެއްގެ ވެންޓިލޭޓަރު ގަތުމުގެ ތެރޭ ނާޖާއިޒު ކަންތައްތަކެއް ހިންގާފައިވާ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ހިމެނޭހެން 11 މީހެއްގެ މައްޗަށް ތުހުމަތުވާ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕީޖީ އޮފީހުގައި އެދިއްޖެ އެވެ.

އޭސީސީން ބުނީ މި މައްސަލައަކީ އެ ކޮމިޝަނުން މިހާތަނަށް ތަހުޤީޤުކުރި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކަށްބަލާއިރު ނިސްބަތުން އެންމެބޮޑު އެއް މައްސަލަ ކަމަށްވީނަމަވެސް، އެންމެ އަވަހަށް ތަހުޤީޤުކޮށް ނިންމާފައިވާ މައްސަލަކަމަށެވެ. މިމައްސަލަ ތަހުޤީޤުކުރުމުގައި ތަހުޤީޤު ޓީމުން ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، ތަހުޤީޤަށް ބޭނުންވާ މައުލޫމާތާއި ލިޔެކިޔުންތައް ހޯދުމަށްޓަކައި ދައުލަތު އިދާރާތައް ހިމެނޭހެން، ތަފާތު 08 އިދާރާއަކުން މައުލުމާތު އެއްކުރެވިފައިވާކަމަމަށް އޭސީސީން ބުންޏެވެ.

އެކަމާ ގުޅޭގޮތުން އޭސީސީން ނެރުނު ބަޔާނެއްގައި ބުނީ، މި މައްސަލައިގައި ދައުވާ ކޮށްދިނުން އެދި ފޮނުވާފައިވަނީ ހެލްތް މިނިސްޓަރ އަބްދުﷲ އަމީނުގެ އިތުރުން، މައްސަލައިގައި ހިމެނޭ އިތުރު 10 މީހެއްގެ މައްޗަށް ކަމަށެވެ.

އޮންލައިން ނިއުސް ރާއްޖެ އެމްވީގައިވާ ގޮތުން ދައުވާ ކޮށްދިނުން އެދި ފޮނުވާފައިވާ ލިސްޓްވާ 11 މީހުންނަކީ ހެލްތް މިނިސްޓަރު އަބްދުﷲ އަމީން، މިނިސްޓްރީ އޮފް ހެލްތުގެ އެސިސްޓެންޓް ޑިރެކްޓަރު (ބިޑް ކޮމިޓީގެ މެމްބަރު)، މ.ހަޒާރީވިލާ / ކ.މާލެ، ފާޠިމަތު ލިމްޔާ، މިނިސްޓްރީ އޮފް ހެލްތުގެ އެސިސްޓެންޓް ޑިރެކްޓަރު (ފައިނޭންސް އެގްޒެކްޓިވް) އަޙްމަދު އަސްލަމް، މިނިސްޓްރީ އޮފް ހެލްތުގެ ޑެޕިއުޓީ މިނިސްޓަރު، ޝިޔާމާ މުހައްމަދު، މިނިސްޓްރީ އޮފް ހެލްތުގެ ލީގަލް އޮފިސަރު އަލީ ޝިހާމް، މިނިސްޓްރީ އޮފް ހެލްތުގެ އެސިސްޓެންޓް ޑައިރެކްޓަރ ޢަބްދުﷲ ހަފީޒް، މިނިސްޓްރީ އޮފް ހެލްތުގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރު ހުސައިން ނިޔާޒް، މިނިސްޓްރީ އޮފް ހެލްތުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް، ޢަބްދުﷲ ޝަރީފް، މިނިސްޓްރީ އޮފް ހެލްތުގެ ޑެޕިޔުޓީ މިނިސްޓަރ، ނިޝާމާ މުހައްމަދު ގއ.ދާންދޫ / ހަނދުވަރީވާދީގެ އިތުރުން މިނިސްޓްރީ އޮފް ހެލްތުގެ ޑިރެކްޓަރ، ކ.ގުރައިދޫ / ފަތިސްހަނދުވަރުގެ، ނައުޝާދު އަލީ އަދި މިނިސްޓްރީ އޮފް ހެލްތުގެ ބިޑް ކޮމިޓީގެ މެމްބަރު، ސ.ހިތަދޫ / ނޫރާނީހިޔާ، އާމިނަތު ޝައުފާ އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތަކެއް ހޯދުމުގައި ހެލްތު މިނިސްޓްރީން ކުރި ހަރަދުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށް ކޮވިޑް-19 އިގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.

އެ މައްސަލައިގައި ގޯހެއް އުޅޭ ކަމަށް ދައްކާ ވާހަކަތައް ހެލްތު މިނިސްޓްރީއިން ވަނީ ދޮގުކޮށްފަ އެވެ. އެ މައްސަލައިގެ ތަހުގީގު ނިމެންދެން، މިނިސްޓަރު އަމީން ވަނީ މަގާމުން އެކަހެރިވެވަޑައިގެންފަ އެވެ.

އެ މައްސަލައާ ގުޅިގެން ބިޑް ކޮމިޓީގެ ޗެއާ ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އައިޝަތު ނިޝާމާ އާއި، ޑެޕިއުޓީ މިނިސްޓަރު ޝިޔާމާ މުހައްމަދާއި، ސްޓޭޓް މިނިސްޓަރު ޑރ. ޝާހް އަބްދުﷲ މާހިރާއި، މާލީ ޒިންމާދާރު ވެރިޔާ އަހުމަދު އަސްލަމް ވަނީ މަގާމުން ސަސްޕެންޑުކޮށްފަ އެވެ.

އަމީން މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުވުމުން މިހާރު ހެލްތް މިނިސްޓްރީ ވަގުތީ ގޮތުން ހިންގަވަނީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355