މިސަރުކާރުން މިހާތަނަށް އެޅި އެއްވެސް އިންޖީނުގެއެއް "ފަލަމަޑީގެ ގަހަކަށް" ބަދަލުވެފައި ނުހުންނާނެކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ސައީދު މިހެން ވިދާޅުވީ، ތިލަދުންމަތީގެ ބައެއް ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު ކުޅުދުއްފުއްޓަށް ވަޑައިގެން އެރަށުގެ އާ އިންޖީނުގޭގެ ބިންގާއެޅުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
މިސަރުކާރު އައި ފަހުން މިވީ 18 މަސްދުވަހުގެ ތެރޭގައި ގާތްގަނޑަކަށް 47 ނުވަތަ 50 އިންޖީނުގޭގެ ބިންގާ އެޅި އަމަލީ މަސައްކަތް ކުރަމުންދާ ކަމަށާ މިހާތަނަށް އެޅި އެއްވެސް އިންޖީނުގެއެއް ފަލަމަޑީގެ ގަހަކަށް ބަދަލުވެފައެއް ނުހުންނާނެ ކަމަށް ސައީދު ވިދާޅުވި އެވެ.
އެބޭފުޅާ މިމޭރުމުން ވާހަކަދައްކާފައިމިވަނީ ނިމިދިޔަ ސަރުކާރުތަކުން އެކި އިންތިހާބުތަކާ ދިމާކޮށް ބައެއް ރަށްރަށުގައި ޕްރޮޖެކްޓްތައް ހިންގުމުގެ ނަމުގައި ބިންގާ އަޅައި އޭގެ އަމަލީ އެއްވެސް މަސައްކަތެއްކޮށްފައިނުވާތީ އެކަމަށް އިޝާރާތްކުރައްވަ އެވެ.
"އެކަން ގަބޫލު ނުކުރެވޭ ބަޔަކު އަބަދުވެސް ކުރެހުން ދައްކާ ދަޅަ ދައްކާ ކޮންމެ އިންތިހާބަށްޓަކާ ތަންތަނުގެ ބިންގާ އަޅާ. ކުޅުދުއްފުށީގެ (ފެނަކަ) ހިސްޓްރީއަށް ބަލާއިރު ދިހަ ބާރަ ފަހަރު ސާރވޭ ކުރެވި ހަތަރު ވައްތަރަކަށް ކުރަހާ ފޮޓޯ ނަގާ ބޮޑެތި ފައިލްތަކަށް ލައި ރަނގަޅު ޝޯ ކޭސްތަކުގައި އެބަހުރިލެވިފަ. އެޔެއް ނޫން އަޅުގަނޑުމެން މިކަން ކުރާ ގޮތަކީ." ކުޅުދުއްފުށީގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ، ހުރިހާކަމެއް ރަނގަޅަށް ތަރުތީބުވެގެންދާކަމުގައިވާނަމަ މި އަންނަ ނޮވެމްބަރުމަހުގެ 11 ވަނަ ދުވަހު 28 އިންޖީނުގެ އާއި އޮފީސް ހުޅުވޭނެ ކަމަށެވެ.
"އިރާދަކުރެއްވިޔާމުން މި ނޮވެމްބަރު 11 ގައި ކަމަޅިމަތީގެ އިންޖީނުގެ ތަކާއި އޮފީސްތައް ވަރަށް ފަސޭހަކަމާއެކީގައި ރިބަން ކަނޑާލެވޭނެ. އަޅުގަނޑަށް މައުލޫމާތު ލިބިފައިވާގޮތުގައި ހުރިހާކަމެއް ރަނގަޅަށް ތަރުތީބުވެގެންދާކަމުގައި ވަނީނަމަ އެންމެ މަދުވެގެންވެސް 28 އަކަށް އިންޖީނުގޭގެ ރިބަން އަޅުގަނޑުމެންނަށް ކަނޑާލެވޭނެ. އޮފީހާއެއްކޮށް." ފެނަކައިގެ އެމްޑީ ވިދާޅުވި އެވެ.
އެބޭފުޅާ ވިދާޅުވީ، ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހްގެ ސިޔާސަތަކީ އެއްވެސް ރަށެއް އަސާސީ ހިދުމަތުން މަހުރޫމްނުކޮށް ދެމެހެއްޓެނިވި ހަރުދަނާ ގޮތެއްގައި އެ ހިދުމަތް ފޯރުކޮށްދިނުން ކަމަށާ ކުރިއަށްއޮތް އެތަކެއް އަހަރުތަކަކަށް އެކަން ވިލަރެސްކުރުން ކަމަށެވެ.
އަދި ފެނަކައިގެ އަދުގެ ޒިންމާއަކީ އެކަން ކުރުން ކަމަށާ އެގޮތުގައި އެ ހިދުމަތް ދިނުމުގައި އެއްވެސް ރަށެއް ބާކީއެއް ނުކުރާނެ ކަމަށެވެ. ފެނަކައިން މިދަނީ އެ ޒިންމާ އަދާކުރަމުންކަމަށްވެސް ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ، 2008 ވަނަ އަހަރު އެމްޑީޕީން ވެރިކަމާ ހަވާލުވިއިރު ރާއްޖޭގައި ކަރަންޓް ހައްގުވާ އޮތީ މާލެއާއެކު 27 ރަށެއް ކަމަށާއި ނަމަވެސް ސިޔާސަތަށް ގެނެވުނު ކުޑަކުޑަ ބަދަލަކުން ރައްޔިތުންނަށް ފޮނި އުންމީދެއް އާލާވެގެންދިޔައީ އޭރުގެ ސަރުކާރުން ގެންނެވި ބަދަލެއްގެ ސަބަބުން ކަމަށެވެ. އެއީ ހުރިހާ އިންޖީނުގެތައް އެއްފުރާޅެއްގެ ދަށަށް ގެނައުން ކަމަށެވެ.