އެންވަޔަރަންޓަލް ޕްރޮޓެކްޝަން އެޖެންސީގެ ހުއްދަނެތި ކުޅުދުއްފުށީ ދެކުނު ފަރާތުގައި އޮންނަ ކުޑަކުޅި ސަރަހައްދުން ގިނަ އަދަދަކަށް ގަސްކެނޑުމުން ކައުންސިލް ޖަވާބުދާރީވުމަށް އަންގައިފި އެވެ.
ކުޅުދުއްފުށީ ކުޑަކުޅި ސަރަހައްދުން އަމީނީމަގަށް އަރާފައި ހުރި ވިނަ ގަސްތައް ނަގައި ސާފުކުރުމުގެ ނަމުގައި ޕަބްލިކް ވޯކްސް އިން، އެތަނުން ގިނަ އަދަދަކަށް ގަސްތައް ކަނޑައި ނެގުމުން ގިނަ ބަޔަކު ދަނީ ނުރުހުންފާޅުކުރަމުންނެވެ.
އަދި މިމައްސަލަ ބަލައި ޕަބުލިކް ވޯކްސްއަށް ފިޔަވަޅުއަޅަން ގޮވާލަމުންދަނިކޮށް އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބުރާހިމް ނައީމް ސޮއިކުރައްވައި އިއްޔެ ކުޅުދުއްފުށީ ކައުންސިލަށް ފޮނުވި އެންގުމުގައި ބުނެފައިވަނީ އެފަރާތުގެ ހުއްދަނެތި ޕަބުލިކް ވޯރކްސްއިން ރަށުގެ ކުޅި ސަރަހައްދުން މަގެއް ހަދަމުންދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އެލްޖީއޭއަށާއި ފުލުހަށް ކޮޕީކޮށްފައި ފޮނުވި އެ ލިޔުމުގައި ބުނެފައިވަނީ އެފަދަ ކަމެއް އެއްވެސް ފަރާތްތަކުން ކުރިއަށްގެންދާނަމަ ވަގުތުން ހުއްޓުވުމަށާއި އަދި އެކަމާ ގުޅޭ އެންމެހާ މައުލޫމާތު 22 އޮކްޓޯބަރުގެ ވަނަ ދުވަހުގެ 12 ގެ ކުރިން އީޕީއޭއަށް ހިއްސާކުރުމަށް އަންގާފަވެ އެވެ.
އަދި ކުޅުދުއްފުށީގައި ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތަކަކީ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ އަދި އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވައިދުތަކާއި އެއްގޮތަށް ކުރިއަށްގެންދާ މަޝްރޫއުތަކެއްކަން ކައުންސިލް ކަށަވަރުކުރުމަށް އީޕީއޭއިން ވަރަށް ބޮޑަށް އެދިފައިވެ އެވެ.
ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން އިއްޔެ ވިދާޅުވެފައިވަނީ އެފަރާތުން އެދުނީ އަމީނީމަގުގެ ޕޭވްމަންޓަށް އަރާފައިވާ ހުއި ގަސްތަކާއި ވިނަ ގަސްތައް އަދި ރަށުގެ އެހެން ސަރަހައްދުގައި އެފަދަ ގޮތްގޮތަށް ހުރި ހުއިގަސްތަކާއި ވިނަ ގަސްތައް ނަގައި ސާފުކޮށްދިނުމަށް ކަމަށާ ނަމަވެސް ޕަބުލިކް ވޯރކްސް އިން އަމަލުކޮށްފައިވަނީ އެފަރާތުން އެދުނުގޮތަށް ނޫން ކަމަށެވެ. އެހެންވުމުން އެކަން ހުއްޓާލުމަށް އަންގާފައިވާ ކަމަށެވެ.
ހޭޅި ފަށާއި ކުޅިތައްފަދަ ތަންތަނުގެ ވަށައިގެންވާ ބޮޑެތި ގަސްތައް ކެނޑުމަކީ އެކަމުގެ ނޭދެވޭ އަސަރު އެތަކެއް އަހަރުތަކަކަށް ދެމިންގެންދާ ކަމެކެވެ. އަދި އެއީ ތިމާވެށި ހިމާޔާތްކުރުމުގެ ގާނޫނުގެ ދަށުން މަނާކަމެއް ކަމެކެވެ.