twitterviber whatsapp telegramfacebookyoutube instagram
18th May 2024

ކޮވިޑް-19: ކުޅުދުއްފުށީގައި ލޯކަލް ޓްރާންސްމިޝަނެއް ވަނީ ހިނގާފައި: ޑރ. ނަޒްލާ

އަބްދުލް ވާހިދު ޙަސަން
Oct 18, 2020
2

މިހާތަނަށް ފެންނަގޮތުގައި ކުޅުދުއްފުށީގައި ލޯކަލް ޓްރާންސްމިޝަނެއް ހިނގާފައިވާކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެ އެވެ. ލޯކަލް ޓްރާންސްމިޝަނެއް ހިނގުމަކީ އެއް ކްލަސްޓާއެއްގެ ތެރޭގައި ބަލި ފެތުރެމުންދިޔުމެވެ.

ކޭއޯއަށް މައުލޫމާތު ދެއްވަމުން ޑރ ނަޒްލާ ވިދާޅުވީ، ކުޅުދުއްފުށިން މިމަހު ފެނިފައިވާ ކޭސްތަކާ ގުޅިގެން ކުރިއަށްގެންދިޔަ ކޮންޓެކްޓް ޓްރޭސިން އަދި ޓެސްޓިންގެ ތެރެއިން ހަތަރު މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އަދި މިކަމާ ގުޅިގެން ކުޅުދުއްފުށީގައި ބަލި ކޮންޓްރޯލްކުރުމަށްޓަކާ އިތުރު ފިޔަވަޅުތައް އަޅަމުންދާކަމަށްވެސް ނަޒްލާ ވިދާޅުވި އެވެ. ނަޒްލާ ވިދާޅުވީ، މިއަދު ކުޅުދުއްފުށީ ޓާކްސް ފޯސްއާ އެޗްޕީއޭގެ ޓެކްނިކަލް ޓީމާއެކު މަސައްކަތްތައް ކުރިއަށްދާގޮތުގެ މަޝްވަރާތައް ކުރެވި، އިރުޝާދުދީފައިވާ ކަމަށެވެ.

ކުޅުދުއްފުށީ ކައުންސިލުން މިއަދު ނެރުނު އިއުލާނުގައި ބުނެފައިވަނީ ކުޅުދުއްފުށީގައި ކޮވިޑް ފެތުރިދާނެކަމުގެ ބިރުވެރިކަން އޮތުމާއެކު ރައްކާތެރިކަމުގެ ފިޔަވަޅުތައް ހުރިހާ ފަރާތްތަކުންވެސް އެޅުމަށް އިލްތިމާސްކޮށްފަ އެވެ.

ނަޒްލާ ވިދާޅުވީ، ކްލަސްޓާއާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް އަދިވެސް ކުރިއަށްދާ ކަމަށާއި އިއްޔެއާ މިއަދު މިހާތަނަށް 64 ސާމްޕަލެއް ނަގާފައިވާ ކަމަށެވެ.

މާލެއިން ތިލަދުންމައްޗަށް ދަތުރުކުރި ފުލުހުންތަކަކާ ކޮންޓެކްޓްވެ ފުރަތަމަ ޕޮޒިޓިވްވެފައިވަނީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ކުރިނބީއަށް ނިސްބަތްވާ ފުލުހެކެވެ. އޭގެ ފަހުން ހަމަ އެ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ އިތުރު ދެ ފުލުހަކުވެސް ޕޮޒިޓިވްވި އެވެ. އަދި ށ. ފޯކައިދޫގައި މަސައްކަތްކުރާ ފުލުހަކުވެސް ވަނީ ޕޮޒިޓިވްވެފަ އެވެ.

އޭގެ ފަހުން ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި ކޭޓަރިންގެ ހިދުމަތް ދޭ ކާނިވަލް ކޮމްޕެނީގެ ތިން ބިދޭސީއަކުންވެސް ޕޮޒިޓިވްވެފަ އެވެ. އަދި އޭގެ ފަހުން ނެގި ރޭންޑަމް ދެ ސާމްޕަލަކުން ދެ ފުލުހުން ވަނީ ޕޮޒިޓިވްވެފަ އެވެ. އަދި އެތަނުން ފުލުހެއްގެ އާއިލާއެއްގެ ހަތަރު މެމްބަރަކުވެސް ވަނީ ޕޮޒިޓިވްވެފަ އެވެ.

ކުޅުދުއްފުށީގައި ލޯކަލް ޓްރާންސްމިޝަނެއް ހިނގާފައިވީނަމަވެސް ކޮމިއުނިޓީ ސްޕްްރެޑެއް އޮތްކަމަށް އެޗްއީއޯސީން ކަނޑައަޅާފައެއްނުވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355