twitterviber whatsapp telegramfacebookyoutube instagram
22nd November 2024

ވެންޓިލޭޓަރު މައްސަލައިގައި ދައުވާ ނުކުރަން ނިންމައިފި

ނަބީލާ އިސްމާޢީލް
Oct 20, 2020
2

ކޮވިޑް-19އަށް ފަރުވާ ދިނުމަށް ވެންޓިލޭޓަރު ހޯދަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރުމުގައި އަމަލުކޮށްފައިވާ ގޮތް ތަހުގީގުކޮށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެ މިނިސްޓްރީގެ އިސް ބައެއްގެ މައްޗަށް ދައުވާކޮށްދޭން އެދި އޭސީސީން ޕީޖީ އޮފީހަށް ހުށަހެޅި މައްސަލަ އަނބުރާ ފޮނުވާލައިފި އެވެ.

ޕީޖީ އޮފީހުން ބުނީ އެ މައްސަލައިގައި އެއްވެސް މީހެއްގެ މައްޗަށް ދައުވާ ނުކުރަން ނިންމާފައިވާ ކަމަށާއި އެކަމުގެ ތަފްސީލް މިއަދު މެންދުރު ބާއްވާ ޕްރެސް ކޮންފަރެންސްގައި ހާމަކުރާނެ ކަަމަށެވެ.

އޭސީސީ އިން ވަނީ ހެލްތު މިނިސްޓަރާ އެކު 11 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިޔުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފަ އެވެ.

ޕީޖީ އޮފީހުން މިއަދު ބުނި ގޮތުގައި ހެލްތަށް ބޭނުންވާ 75 ވެންޓިލޭޓަރ ސަޕްލައިކޮށްދިނުމަށް ދުބާއީގެ ކުންފުންޏެއްކަމަށްވާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރުމުގައި މާލިއްޔަތު ގާނޫނާ ހިލާފަށް އަމަލުކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަ އެ އޮފީހުން ދިރާސާކުރުމަށްފަހު، މައްސަލާގައި ދައުވާ ނުކުރުމަށް ނިންމައި، މައްސަލަ ޑެކްލައިންކޮށްފައިވާ ކަމަށެވެ.

އެ މައްސަލާގައި ދައުވާ ކުރުމަށް ފޮނުވައި އޭސީސީ އިން ނެރުނު ބަޔާނުގައި ބުނީ ހެލްތު މިިނިސްޓަރު އަމީންގެ މައްޗަށް ދައުވާ ކުރަން ފޮނުވީ ދުބާއީ ކުންފުންޏަށް ވެންޓިލޭޓަރު ގަތުމަށް ހަވާލުކުރުމުގެ މަސައްކަތް ފެށީ ޑަބްލިއުއެޗްއޯއިން ދިން މައުލޫމާތަށް ކަމަށް ބުނެ ހެލްތް މިނިސްޓަރު ބިޑް ކޮމިޓީއަށް ދިން މައުލޫމާތުތަކަކާ ގުޅިގެން ކަމަށެވެ. އަދި ބިޑް ކޮމިޓީގައި އެ މަސައްކަތް ހިނގަމުން ދިޔައިރު އެ ކޮމިޓީގައި ބައިވެރިނުވާ ދެ މެންބަރަކު ބިޑް ކޮމިޓީގައި ބައިވެރިވުމަށް މިނިސްޓަރު ބާރު އެޅުއްވި ކަމަށް ތަހުގިގަށް ސާބިތުވާ ކަމަށް ވެސް އޭސީސީގެ ބަޔާނުގައިވެ އެވެ.

މިނިސްޓަރު އަމީންގެ މައްޗަށް ބޮޑެތި ތުހުމަތުތަކަކާ އެކު ހަތަރު ދައުވާއެއް އުފުލައިދޭން އޭސީސީން އެދުނެވެ. އޭސީސީއިން މިނިސްޓަރު އަމީނަށް ދައުވާކޮށްދިނުމަށް އެދުނީ ގާނޫނުލް އުގޫބާތުގެ 511ވަނަ މާއްދާގެ (ހ)ގެ (2) އާއި އެ ގާނޫނުގެ 512ވަނަ މާއްދާގެ (ހ) އާއި ހަމަ އެ ގާނޫނުގެ 513 ވަނަ މާއްދާގެ (ށ) އަދި އެ ގާނޫނުގެ 313 ވަނަ މާއްދާގެ (ހ)ގެ (1)ގެ ދަށުންނެވެ. އެއީ، ރަސްމީ ހައިސިއްޔަތުން ނަހަމަ ގޮތުގައި ބޭނުން ކުރުމާއި ސައްހަ ނޫން މައުލޫމާތެއް ދިނުމުގެ ކުށް ބަޔާންކުރާ މާއްދާތަކެވެ.

ވެންޓިލޭޓަރު މައްސަލަ އަނބުރާ ފޮނުވާލިއިރު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި އޭސީސީގެ ރައީސް ފާތުމަތު ޝިއުނާ ވިދާޅުވީ ހެއްކާއި ބަޔާންތަކަށް ބަލާއިރު ވެންޓިލޭޓަރު ކޭސްގައި ދައުވާ އުފުލޭނެ ވަރަށް ތަހުގީގު ކުރެވުނު ކަމާ މެދު އެ ކޮމިޝަނަށް ޔަގީންކަން އޮތް ކަމަށެވެ.

އޭސީސީއިން ބުނެފައިވަނީ މި މައްސަލައަކީ އަވަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށްފައިވާ މައްސަލައެއް ކަމަށެވެ. އެގޮތުން ކޮމިޝަންގެ ހަތަރު އިންވެސްޓިގޭޓަރުންނާއި ފުލުހުންގެ އެހީތެރިކަމާ އެކު އަށް އިދާރާއަކުން މައުލޫމާތު އެއްކޮށް ޖުމްލަ 1600 ޑޮކިއުމެންޓަކާއި، 500 އީމެއިލް ބެކަޕް ތަހުގީގު ޓީމުން ދިރާސާކޮށް އެނެލައިޒްކޮށްފައިވާ ކަމަށް އޭސީސީއިން ބުނެފައިވެ އެވެ.

އޭސީސީއިން ބުނި ގޮތުގައި މި މައްސަލައާ ގުޅުންހުރި އެކި ފަރާތްތަކުގެ ގިނަ އަދަދެއްގެ ބޭންކް އެކައުންޓްތަކާގުޅޭ މައުލޫމާތު ހޯދާފައިވެ އެވެ.

ނަމަވެސް މި އެންމެންގެ މައްޗަށް ދައުވާ ނުކުރުމަށް ނިންމާ މައްސަލަ އަނބުރާ ފޮނުވާފައިވާކަން އޭސީސީއިން ވެސް ވަނީ ހާމަކޮށްފަ އެވެ. އެ ކޮމިޝަނުން މިއަދު ބުނީ މި މައްސަލަ އަލުން އަނބުރާ ފޮނުވާފައި ވަނީ ދައުވާކުރެވޭ ވަރަށް ހެއްކާއި ގަރީނާ ނެތް ކަމަށް ބުނެ ކަމަށެވެ. އެހެން ކަމުން މި މައްސަލާގައި ޕީޖީން ފާހަގަ ކޮށްފައިވާ ކަންކަން އަލުން ދިރާސާ ކުރުމަށް ފުލުހުންނާއި ގުޅިގެން ޖޮއިންޓް އިންވެސްޓިގޭޝަނެއް ކުރިއަށް ގެންދާނެ ކަމަށާއި އަދި އަޅަންޖެހޭ ފިޔަވަޅެއްވެސް އަޅާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355