ކުޅުދުއްފުށީ ކައުންސިލުން ރޯޑް ސްވީޕާއަކާއި ހައިޑްރޯލިކް ހަރުގަނޑެއް ހުންނަ ވެހިކަލެއް ބޭނުންވެގެން އެތަކެތި ހޯދައިދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފި އެވެ.
މިތަކެތި ފޯރުކޮށްދޭނެ ފަރާތްތަކުން މިއަދުން ފެށިގެން މިމަހުގެ 28 ވަނަދުވަހުގެ ނިޔަލަށް ކުޅުދުއްފުށީ ކައުންސިލް އިދާރާގެ 6528831 ނަންބަރު ފޯނަށް ގުޅާ ނަން ނޯޓްކުރުމަށް އެ އިދާރާއިން އެދެ އެވެ.
މިކަމާއި ބެހޭ މައުލޫމާތު ދިނުން އަންނަ ނޮވެމްބަރު މަހުގެ 2 ވަނަދުވަހު 09:00 ގައި އޮންނާނެ ކަމަށާއި އަންސާސީ ހިސާބު ހުށަހެޅުން އަންނަ މަހު 10 ވަނަ ދުވަހުގެ 09:00 ގައި އޮންނާނެ ކަމަށެވެ.
އެއިދާރާއިން ބުނީ މައުލޫމާތުދިނުން ޒޫމް އެޕްލިކޭޝަން މެދުވެރިކޮށް ދިނުމަށް ހަމޖެހިފައިވީ ނަމަވެސް އޮންލައިންކޮށް ބައިވެރިނުވެވޭ ފަރާތްތަކަށް އެ އިދާރާގެ ޖަލްސާކުރާ މާލަމުގައި ކުރިއަށް ދާނެ ކަމަށެވެ.
މައުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ނަންނޯޓް ކުރާފަރާތް ތަކަށް ކަމަށާއި މައުލޫމާތު ސާފު ނުކުރާފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތު ނޯނާނެ ކަމަށެވެ. އަދި މައުލޫމާތު ސާފުކުރާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެއް އަންދާސީ ހިސާބު ކަމަށާއި އަންދާސީ ހިސާބު ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމަށެވެ.
މި ދެ ވެހިކަލް އަކީ ތާރުމަގުތަކަށް ޖަމާވާ ވެލި އަދި ފަތް ވެކިއުމްކޮށް މަގުތައް ސާފުކުރުމަށް ކައުންސިލުން މިއަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ތަކެއްޗެވެ.
މިއީ ރަށުތެރެއާއި މަގުތައް ސާފުތާހިރުކޮށް ބެލެހެއްޓުމަށް ކައުންސިލުން ހިދުމަތް ހަމަޖެހިފައިވާ ރަށްވެހި ހިދުމަތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.