ކުޅުދުއްފުށީގައި ކޮވިޑް ފެތުރިފައިވޭތޯ ބަލަން ރެންޑަމް ސާމްޕަލް ނަގާނެ ކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނެފި އެވެ.
އެ ހޮސްޕިޓަލުން ބުނީ ކުޅުދުއްފުށީގައި ކޮވިޑް-19 ފެތުރިފައި ވޭތޯ ބެލުމަށްޓަކައި މިރޭ އަދި މާދަމާ ގިނަ އަދަދެއްގެ ރެންޑަމް ސާމްޕަލް ނެގޭނެ ކަމަށެވެ. އެހެން ކަމުން ހުރިހާ ރައްޔިތުން މިކަމަށް ފުރިހަމައަށް އެއްބާރުލުން ދިނުމަކީ އެ ހޮސްޕިޓަލުގެ ބޮޑު އިލްތިމާސް އެއްކަމަށެވެ.
އަދި މި ވަގުތު ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އުޅުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި ހާއްސަ ގޮތެއްގައި ބޭރަށް ނުކުންނައިރު މާސްކު އެޅުމާއި ސާފުތާހިރު ކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަކީ ބަލި ކޮންޓްރޯލު ކުރުމަށްޓަކައި ވަރަށް ބޭނުންތެރި ކަމެއް ކަމަށް ކޭއާރުއެޗުން ބުންޏެވެ.
އެޗްޕީއޭގެ ހާއްސަ ހުއްދައިގެ ދަށުން ކުޅުދުއްފުއްޓަށް އައި ޕޮލިހުން ތަކަކާއި ކޮންޓެކްޓްވެ، ޕޮޒިޓިވްވެފައިވާ ކްލަސްޓަރއާ ގުޅިގެން އެންމެ ފަހުން ނެގުނު 93 ސާމްޕަލް ވެސް ވަނީ ނެގެޓިވް ވެފައެވެ. އަދި ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަ ވި އެންމެންގެ ސާމްޕަލް ވެސް މިހާރު ވާނީ ނެގިފައި ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
އަދި ރޯގާއާއި ހުމުގެ އެއްވެސް އަލާމާތެއް ހުރި ނަމަ ކުޅުދުއްފުށީގައި ޤާއިމު ކޮށްފައިވާ ފުލޫ ކުލިނިކް (ލޯކަލް މާރުކޭޓް އިމާރާތް) އަށް ގޮސް ޓެސްޓް ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި ކޮވިޑް އާ ގުޅޭގޮތުން މައުލޫމާތު ސާފު ކުރެއްވުމަށް އަޅުގަނޑުމެންގެ ކޮވިޑް ހޮޓްލައިން 7606688 އަށް ގުޅުމަށް ހޮސްޕިޓަލުން އެދެ އެވެ.