ކުޅުދުއްފުށި ސިޓީން އެންމެ ފަހުން ފެނުނު ކޮވިޑް-19 ގެ ކޭސްއާ ގުޅިގެން އަންގާރަ ދުވަހު ނެގި ރޭންޑަމް ސާމްޕަލްތައް ނެގެޓިވްވެފައިވާކަމަށް އެޗްއީއޯސީ ބުނެފި އެވެ.
އެންމެ ފަހުން ކުޅުދުއްފުށިން ކޮވިޑް-19 ކޭސްއެއް ފެނިފައިވަނީ މިމަހު 18 ވަނަ ދުވަހު އެވެ. އެއީ އެއް އާއިލާއެއް ހަތަރު މެމްބަރުން ޕޮޒިޓިވްވެގެންނެވެ.
އެޗްއީއޯސީން މިހާރު ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މައުރޫފް ވިދާޅުވީ، އެންމެ ފަހުން ޕޮޒިޓިވްވި ކޭސްއާ ގުޅިގެން ކުޅުދުއްފުށިން މިދިޔަ އަންގާރަ ދުވަހު ނެގި ސާމްޕަލްތައް ނެގެޓިވްވެފައިވާ ކަމަށެވެ. އަންގާރަދުވަހު ކުޅުދުއްފުށިން 120 ސާމްޕަލެއް ނަގާފައިވެ އެވެ.
އޭނާ ވިދާޅުވީ، ސާމްޕަލްތައް ނެގެޓިވް ވިޔަސް އަދި ލުއިކޮށް ނުދެކުމަށާއި ބޭރުގައި އުޅުމުގައި ގައިދުރުކަން ބެހެއްޓުމަށެވެ. އަދި މާސްކް އަޅައިގެން ބޭރުގައި އުޅުމަކީ ވަރަށް މުހިންމުކަމެއްކަމުގައި މައުރޫފް ވިދާޅުވި އެވެ.
ރޭންޑަމް ސާމްޕަލު ނެގުމުގައި ބަލާފައިވާނީ އާންމު ހިދުމަތްދޭ ތަންތަނުގައި މަސައްކަތްކުރާ ފަރާތްތަކުގެ ސާމްޕަލް ނެގުމުގައި ކަމަށާއި އެގޮތުން ގޭބިސީތަކުން 25 ސާމްޕަލެއް ނަގާފައިވާއިރު ބިދޭސީ މަސައްކަތްތެރިން ތެރެއިން 35 ސާމްޕަލެއް ނަގާފައިވެ އެވެ. އަދި މީގެ އިތުރުން 17 ސާމްޕަލެއް ފިހާރަތަކުން ނަގާފައިވާއިރު ކެފޭ/ރެސްޓޯރެންޓްތަކުން 13 ސާމްޕަލެއް އަދި ޓެކްސީތަކުން 11 ސާމްޕަލެއް ނަގާފައިވެ އެވެ.
އެޗްއީއޯސީ ބުނީ، ކުޅުދުއްފުށި ކޭސްއާ ގުޅިގެން އެޗްއީއޯސީގެ ހާއްސަ ޓީމެއް މިހާރު ކުޅުދުއްފުށީގައި ހަރަކާތްތެރިވަމުންދާއިރު ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ. އަދި ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ކުޅުދުއްފުށީގައި ގާއިމުކޮށްފައިވާ ހޮޓްލައިންއަށް ގުޅައި އެންގުމަށްވެސް އިލްތިމާސްކުރެއްވި އެވެ.
މައުރޫފް ވިދާޅުވީ ސްޕްރެޑެއް ނެތްކަން އެނގޭނީ 14 ދުވަސްފަހުން ރިލީޒް ސާމްޕަލް ނަގައި ޓެސްޓުންކުރުމުން ކަމަށާ އެހެންވުމުން މިދުވަސްތަކުގައި ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކުރި އެވެ.