twitterviber whatsapp telegramfacebookyoutube instagram
19th April 2024

ކުޅުދުއްފުށީގައި ބަލި ކޮންޓްރޯލްކުރުމަށް ސިފައިންގެ އެހީތެރިކަން ނުލިބޭތީ ހިތްހަމަނުޖެހިއްޖެ

އަބްދުލް ވާހިދު ޙަސަން
Oct 22, 2020
30

ކުޅުދުއްފުށީގައި ކޮވިޑް-19 ކޮންޓްރޯލްކުރަން މުވައްސަސާތައް ގުޅިގެން ކުރާ މަސައްކަތުގައި ސިފައިން އެހީތެރިކަން ނުލިބޭތި މިއަދު ބޭއްވި ކޮވިޑް-19 ޓާސްކް ފޯސް ބައްދަލުވުމުގައި ކުޅުދުއްފުށީގައި ހުރި ބައެއް މުވައްސަސާތަކުގެ ވެރިން ހިތްހަމަނުޖެހުންފާޅުކޮށްފި އެވެ.

ކޭއޯއަށް އެނގިފައިވާގޮތުގައި މިއަދު ބޭއްވި ޓާސްކް ފޯސް ބައްދަލުވުމުގައިވެސް ސިފައިންގެ އެހީތެރިކަމަށް ވަނީ އެދިފަ އެވެ. ނަމަވެސް އެއީ ސިފައިންގެ މެއިންޑޭޑް ތެރޭގައި ހިމެނޭކަމެއް ނޫންކަމަށް ސިފައިންގެ ފަރާތުން ޓާސްކް ފޯސްގައި ބައިވެރިވާ އޮފިޝަލް ވިދާޅުވާ ކަމަށެވެ.

އަދި ސިފައިން މަސައްކަތް ކުރަނީ ރައްޔިތުންނަށް ފުރާނައަށް ނުރައްކާވާ ފަދަ އެމެޖެންސީ ކަންކަމުގައި، ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމަށް އެ އޮފިޝަލް ވިދާޅުވިކަމަށް ކޭއޯއަށް އެނގިފައިވެ އެވެ. އަދި ސިފައިން މިމަސައްކަތުގައި ނޫޅޭތީ ހިތްހަމަނުޖެހުންފާޅުކުރަނީ ސިފައިންގެ އުސޫލުތައް ނޭނގޭތީކަމަށްވެސް ވިދާޅުވިކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި ބައެއް އެހެން މުވައްސަސާތަކުގެ އޮފިޝަލުން ކޭއޯއަށް ޔަގީންކޮށްދީފައިވެ އެވެ.

އެކަމާ ގުޅިގެން ކައުންސިލްގެ ރައީސް އަބުދުލް ލަތީފް އެ އޮފިޝަލަށް ރައްދުދީ ވާހަކަދައްކާފައިވާކަމަށްވެ އެވެ. އެގޮތުން ލަތީފް ވިދާޅުވެފައިވަނީ ސިފައިންގެ މަސައްކަތަކާ އުސޫލުތައް ނޭނގިގެން ނޫޅޭ ކަމަށާއި މިވަގުތު އެއްވެސް މުވައްސަސާއަކުން ކުރަނީ އެ މުވައްސަސާއެއްގެ މެއިންޑޭޑް ތެރޭގައި ހިމެނޭ މަސައްކަތް ނޫންކަމަށެވެ. އަދި މިވަގުތު އެންމެންވެސް ގުޅިގެން މިމަސައްކަތްކުރަނީ މިބަލިމަޑުކަމުން އަރައިގަތުމަށް ކުރާ މަސައްކަތް ކަމަށް ލަތީފް ވިދާޅުވިކަމަށް ބައެއް އޮފިޝަލުން ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފަށް ގުޅާލުމުން ވިދާޅުވީ، މިކަމުގައި ސިފައިން "ނޫޅޭތި" އެކަން ޑިފެންސް މިނިސްޓްރީގައިވެސް ލިޔުމުން އެދިފައިވާ ކަމަށެވެ. އަދި ސިފައިންގެ އެހީތެރިކަން ކުޅުދުއްފުއްޓަށް މިހާލަތުގައި ބޭނުންވާ ކަމަށާއި އެހެންވެ ސިފައިން މިމަސައްކަތުގައި އެފަރާތުގެ އެހީއަށް އެދިފައިވެ އެވެ. އެހެންނަމަވެސް އެކަމަށް "ޕޮޒިޓިވް" ޖަވާބެއް ލިބިފައިނުވާތީ އެކަން ނައިބު ރައީސް ފައިސަލް ނަސީމްއާ ހިއްސާކޮށްފައިވާކަމަށް ލަތީފް ވިދާޅުވި އެވެ.

ކޮވިޑްގެ މިހާލަތުގައި ސިފައިންގެ އެހީތެރިކަން ކުޅުދުއްފުއްޓަށް ލިބެމުން ނުދާތީ އެހެން ބައެއް މުވައްސަސާތަކުގެ ވެރިންވެސް ވަނީ ޓާސްކް ފޯސް ބައްދަލުވުމުގައި ހިތްހަމަނުޖެހުންފާޅުކޮށްފަ އެވެ. އަދި މާލެ ސަރަހައްދާއި އައްޑޫ ސަރަހައްދުގައި ސިފައިން މިކަމުގައި އެހީތެރިކަންފޯރުކޮށްދޭކަމަށް ވިދާޅުވެ ބައެއް ފަރާތްތަކުން ނުރުހުންފާޅުކުރިކަމަށްވެ އެވެ.

ރައްޔިތުންގެ ފުރާނައަށް ނުރައްކާވެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުގައިވާ މިދަނޑިވަޅުގައި ޓާސްކް ފޯސްގައި ސިފައިން އޮފިޝަލް ދެއްކީ ޒިންމާދާރުކަން ކުޑަ ވާހަކަތަކެއް ކަމަށާއި އެ ބޭފުޅާގެ ވާހަކައިން އެނގިގެންދަނީ މިއީ ރައްޔިތުންގެ ފުރާނައަށް ނުރައްކާވާކަމެއްގެ ގޮތުގައި ނޫންކަމަށް ކޭއޯއަށް ވާހަކަދެއްކި މުވައްސަސާތަކުގެ ވެރިން ވިދާޅުވި އެވެ.

މިހާލަތުގައިވެސް މާލޭގައި ގޭބިސީތަކަށް ފެން އުފުލައިދިނުމާއި އެހެނިހެން ކަންކަމުގައި ސިފައިން ހަރަކާތްތެރިވާ ކަމަށާއި އެކަމަކު ކުޅުދުއްފުއްޓަށް ސިފައިންގެ އެހީ މިކަމުގައި ނުލިބެނީ ކީއްވެތޯ މުވައްސަސާތަކުގެ ވެރިން ވަނީ ސުވާލު އުފައްދާފަ އެވެ. މިމައްސަލަ ކުޅުދުއްފުށީގެ އިތުރުން ހަނިމާދުއަށްވެސް ދިމާވިކަމަށް ބައެއް ފަރާތުން ވަނީ މައުލޫމާތުދީފަ އެވެ.

ކޮވިޑް-19 ގެ ފުރަތަމަ ދުވަސްކޮޅު ސިފައިން އެހީތެރިކަން ނުލިބޭތީ ކުޅުދުއްފުށީގެ އިތުރުން ހަނިމާދޫގައި ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް އޭރުވެސް ވަނީ އުފެދިފަ އެވެ.

ކޭއޯއަށް އެނގިފައިވާގޮތުގައި ޓާސްކް ފޯސްއިން އެދެނީ ފުލުހުންނާއެކު ބަނދަރު ސެކިއުރިޓީގައި އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. އަދި ވަކި ހާއްސަކޮށް މިވަގުތަކީ ގިނަ އަދަދެއްގެ ފުލުހުން ކަރަންޓީނުގައި ތިބި ދުވަސްވަރަކަށްވާތީ ފުލުހުންގެ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

މިކަމާ ގުޅިގެން ބަހެއް ހޯދަލުމަށް ކުޅުދުއްފުށީ ޓާސްކް ފޯސްގެ ޗެއާމަން އަދި ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ދާއޫދަށް ގުޅާލުމުން ފޯނަށް ޖަވާބު ނުދެއްވާތީ އެބޭފުޅާގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ. އަދި މެސެޖްކޮށްގެންވެސް ވަނީ ޖަވާބު ލިބޭގޮތް ނުވެފަ އެވެ. އަދި މީގެ އިތުރުން އެމްއެންޑީއެފްގެ ބަހެއް ހޯދުމަށް ކުރި މަސައްކަތްވެސް އަދި ވަނީ ކާމިޔާބުނުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355