ކާށިދޫން އެއްވެސް ތަނަކަށް ކޭބަލް ކާރުގައި ދަތުރުކުރެވޭ ގޮތް ހެދުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެއީ ކުރަން ހެޔޮވާވަަރުގެ ކަމެއް ވެސް ނޫން ކަމަށް ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އަސްލަމް މިހެން ވިދާޅުވީ ކ.ކާށިދޫ އާއި ކ.ގާފަރު ކޭބަލް ކާރުން ގުޅާލުމުގެ މަސައްކަތް ސަރުކާރުގެ ޕްލޭންގައި ހިމަނާފައި ނުވަނީ ކީއްވެެގެންތޯ، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ ކާށިދޫން ގާފަރަށް ކޭބަލް ކާރު އެޅުމަކީ ކުރެވޭނެ ކަމެއް ކަަމަށް ހަމަބުއްދީގައި ހުރެ ގަބޫލުކުރެވޭ ވަރުގެ ކަމެއް ނޫން ކަަމަށެވެ.
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ޕްލޭންގައި ކޭބަލް ކާރުގެ ކަންތައް ނުހިމަނަނީ އެއީ ފީސިބަލް ކަމަކަށް ނުވާތީ ކަމަށެވެ.
މިހެން ވިދާޅުވުމުން ޖާބިރު ވަނީ ނުރުހުން ފާޅުކުރާއްވާ މަޖިލީހުގެ ތަޅުމުގައި އަޑުގަދަކުރައްވާފައެވެ.
ކާށިދޫން ގާފަރަށް ކޭބަލް ކާރުގައި ދަތުރުކުރެވޭނެ ގޮތް ހެދުމަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖާބިރު ވެވަޑައިގެންނެވި ވައުދެކެވެ. ކާށިދޫގައި އެއާޕޯޓެއް އަޅުއްވަން ވެސް އޭނާ ވައުދުވެވަޑައިގަތެވެ.