twitterviber whatsapp telegramfacebookyoutube instagram
16th April 2024

ރާއްޖޭގައި އެމެރިކާ އެމްބަސީއެއް ހުޅުވަނީ

ނަބީލާ އިސްމާޢީލް
Oct 29, 2020
2

ރާއްޖޭގައި އެމެރިކާގެ އެމްބަސީއެއް ގާއިމުކުރުމާ ގުޅޭގޮތުން ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކަލް ޕޮމްޕެއޯ އިއްޔެ މަޝްވަރާ ކުރައްވައިފި އެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންނެވި އިރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިއްޔެ ބުނި ގޮތުގައި އެމެރިކާއިން ރާއްޖޭގައި ރެޒިޑެންޓް އެމްބަސީއެއް ހުޅުވުމަށް ދަނީ ރާވަމުންކަމަށެވެ.

މިހާރު ރާއްޖެއަށް އެމެރިކާގެ ފަރާތުން ހިދުމަތްދޭ އެމްބަސީއަކީ ސްރީލަންކާގެ ކޮލޮމްބޯގައި ހުންނަ އެމެރިކާ އެމްބަސީއެވެ.

ރައީސް އޮފީހުން ބުނީ އެމެރިކާގެ އެމްބަސީއެއް ރާއްޖޭގައި ހުޅުވުމަކީ އެމެރިކާ އަށް ތައުލީމު ހާސިލްކުރަންދިޔުމަށް ދިވެހިންނަށް އިތުރު ފުރުސަތުތައް ލިބޭނެ ކަމެއް ކަމަށެވެ. އަދި މިއީ ދެގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރާއްޖޭގައި މިހާރު ހުންނަ ޑިޕްލޮމެޓިކް މިޝަންތަކަކީ އިނގިރޭސިވިލާތް، އިންޑިއާ، ސްރީލަންކާ، ބަންގްލަދޭޝް، ޕާކިސްތާން، ސައުދީ އަރަބިއްޔާ، ޖަޕާން އަދި ޗައިނާގެ ޑިޕްލޮމެޓިކް މިޝަންތަކެވެ.

ރައީސް އޮފީހުން ބުނީ އެމެރިކާގެ ފޮރިން ސެކްރެޓަރީގެ ދަތުރުފުޅާއެކު ބައިނަލްއަގުވާމީ ދުނިޔޭގައި ރާއްޖޭގެ އަގު އުފުލި، މި ސަރަހައްދުގައި ރާއްޖޭގެ ދާހިލީ އަދި ފޮރިން ޕޮލިސީތައް ކުރިއެރުވުމަށް ކުރާ މަސައްކަތަށް ބާރުލިބޭނެ ކަމަށެވެ.

ޕޮމްޕެއޯގެ މި ދަތުރުފުޅަކީ 24 ޖުލައި 1992ގައި އެމެރިކާގެ އޭރުގެ ސެކެޓްރީ އޮފް ސްޓޭޓް ޖޭމްސް ބޭކާ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު އެމެރިކާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ކުރައްވާ އެންމެ މަތީ ފަންތީގެ ދަތުރުފުޅެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355