twitterviber whatsapp telegramfacebookyoutube instagram
20th April 2024

ގާނޫނީ ކޮލަމް: ތަރިކަ ބެހުމުގެ ކުރިން ވާރިޘުން ސާބިތުކުރަންޖެހެނީ ކީއްވެ؟

Oct 29, 2020
3

މީހަކު ނިޔާވެއްޖެނަމަ އެމީހެއްގެ މުދަލާއިމެދު އެންމެ ފުރަތަމަ ކުރަންޖެހޭކަމަކަށް ގިނަ މީހުންނަށް އެނގިފައި އޮންނަނީ ތަރިކަމުދާ ބެހުންކަމުގައެވެ. ނަމަވެސް ފުރަތަމަ ވާރިޘުން ސާބިތުނުކޮށް ތަރިކަމުދާ ބަހަން ހުށަހަޅައިފިނަމަ، ތަރިކަމުދާ ނުބެހި ގިނަ ދުވަސްތަކެއް ވޭތުވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެނީ މަންމަ ނުވަތަ ބައްޕަ ނިޔާވެގެން ގޯތި ބަހަން އުޅޭއިރު، ކުރިން ދުނިޔޭގައި ހުރިކަން ނޭގޭ މަންމަ ނުވަތަ ބައްޕަގެ ދަރިއެއް، އެގޯތީގެ ބައެއް ހޯދުމަށް އަތުވެދާނެއެވެ. އެހެންކަމުން ތަރިކައިގެ މައްސަލައެއް ކޯޓަށްލުމުގެކުރިން ވާރިޘުން ސާބިތުކުރުން މުހިންމުވަނީ މި ސަބަބާއި ހެދިއެވެ. އެހެންކަމުން، ވާރިޘުން ސާބިތުކުރުމަށް ޤާނޫނީ ނަޒަރަކުން ބަލާލަމާތޯއެވެ؟

ވާރިޘުން ސާބިތުކުރުމަށް ހުށަހެޅޭނެ ފަރާތްތައް

ވާރިޘުންގެ ތެރެއިން ކޮންމެ މީހަކަށްވެސް، ވާރިޘުން ސާބިތުކުރުމަށް ހުށަހެޅިދާނެއެވެ. މިސާލަކަށް ބައްޕަ ނިޔާވެއްޖެނަމަ، ބައްޕަގެ ދަރިންގެ ތެރެއިން ކޮންމެ މީހަކަށްވެސް ވާރިޘުން ސާބިތުކުރުމަށް އެދެވިދާނެއެވެ. އަދި އެފަދައިން ހުށަހަޅާއިރު، ދެންތިބި ވާރިޘުންނަށް އެކަން އެނގުން ނުވަތަ އެކަމަށް އެއްބަސްވުންވެސް ލާޒިމެއްނޫނެވެ.

ވާރިޘުން ސާބިތުކުރުމަށް ހުށަހެޅުން

ވާރިޘުން ސާބިތުކުރަން ހުށަހަޅާއިރު، ނިޔާވި ފަރާތުގެ މަރު ސާބިތު ފޯމު ހުށަހަޅަންޖެހޭނެއެވެ. މިސާލަކަށް، މަންމައާއި ބައްޕަގެ ނަމުގައި އޮތް ގެއެއް ތަރިކައިން ބަހަންވެގެން ވާރިޘުން ސާބިތުކުރާއިރު، ދެފަރާތުގެވެސް މަރު ސާބިތު ފޯމު ހުށަހަޅަންޖެހޭނެއެވެ. އަދި ވާރިޘުން ސާބިތުކުރުމަށް ދެ ހެކިންވެސް ހުށަހަޅަންވާނެއެވެ. އަދި ހެކިންގެ ގޮތުގައި ހުށަހަޅާ ފަރާތްތަކަކީ، ވާރިޘުންކަން ސާބިތުކުރެވޭ މީހުން ކަމުގައިވުމަކީ މުހިންމުކަމެކެވެ.

ވާރިޘުން ސާބިތުކުރުމަށް ހުށަހެޅުމުން ކޯޓުން ޢަމަލުކުރާނެގޮތް

ވާރިޘުން ސާބިތުކުރުމަށް ކޯޓަށް ހުށަހަޅާ ވާރިޘުންގެ އިތުރުން، އިތުރު ވާރިޘަކު ހުރިތޯ ބެލުމަށް ކޯޓުން އިޢުލާނު ކުރާނެއެވެ. އަދި އިޢުލާނުގެ މުއްދަތު ހަމަވާއިރު، ވާރިޘެއްކަމަށް އިތުރު ފަރާތަކުން ދަޢުވާނުކުރާނަމަ، އެފަދަ ފަރާތެއް ނެތީކަމުގައި ކޯޓުން ކަނޑައަޅާނެއެވެ. މިގޮތަށް އިޢުލާނުކުރުމުން އިތުރު ވާރިޘަކު އެހެން ތަނެއްގައި ހުރިކަމުގައިވާނަމަ، އެމީހަކީ މުވައްރިޘްގެ ވާރިޘެއްކަން ކޯޓަށް އަންގަންވާނެއެވެ. އެހެންނޫންނަމަ އިޢުލާނުގެ މުއްދަތު ހަމަވުމުން، ފަހުން ތަރިކަމުދާ ހޯދުމަށް ކޯޓަށް ހުށަހެޅިކަމުގައިވިޔަސް، އެމީހަކަށް ޙައްޤުވެގެންވާ ތަރިކަމުދާ ނުލިބުމަކީ ގާތްކަމެކެވެ.

ވާރިޘުން ސާބިތުކުރުން މުހިންމުވާ ސަބަބު

މުވައްރިޘެއްގެ ތަރިކަ ބެހުމުގެ ކުރިން ވާރިޘުން ސާބިތުކުރުން މުހިންމު ކަމަކަށްވަނީ، ނިޔާވިމީހާގެ ތަރިކައިން ބައެއް ލިބުން ޙައްޤުވެގެންވާ މީހަކަށް އެބައެއް ނުލިބުން ފަދަކަމެއް މެދުވެރި ވެދާނެތީއެވެ. އަދި ލިބުން ޙައްޤުވެގެންނުވާ މީހަކަށް ލިބިދާނެތީއެވެ. ވާރިޘުންގެ ޙައްޤުތައް ރައްކާތެރި ކުރުމަށްޓަކައެވެ. ހަމައެހެންމެ ތަރިކަބަހަންޖެހޭ ހިސާބުން، ކުރިން ދުނިޔޭގައިތިބިކަން ނޭނގޭ އެތައް ވާރިޘުންނެއް ފެންމަތިވާ ޙާލަތުގައި އެމީހުންނަކީ، ހަޤީޤަތުގައިވެސް ވާރިޘުންތޯ ނުވަތަ މުދަލުގެ ދަހިވެތިކަމުގައި ދަޢުވާކުރާ ބައެއްތޯ ބެލުންވެސް ވާރިޘުން ސާބިތުކުރުން މުހިންމުވާ ސަބަބު ތަކުގައި ހިމެނެއެވެ.

ނިންމުން

ހުރިހާ ފަރާތްތަކެއްގެ ޙައްޤުތައް ރައްކާތެރި ކުރުމަށްޓަކައި، ވާރިޘުން ސާބިތުކުރުމަކީ ކޮންމެހެން ކުރަންޖެހޭނެކަމެކެވެ. މިގޮތަށް ޢަމަލުތަށް ބެހެއްޓުމުން، ފަހުން ދިމާވެދާނެ އެތައް ޤާނޫނީ މައްސަލައަކުން ރައްކާތެރިވެވޭނެއެވެ.

އާޓިކަލް ލިޔުނީ ޠާހިރާ ޢުމަރު

އަލްއުސްތާޛާ ޠާހިރާ ޢުމަރަކީ ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުގެ ވަކީލެކެވެ. މިއީ ޢާންމު ޙޭލުންތެރިކަން އިތުރު ކުރުމުގެ މަޤްސަދުގައި، ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުން އެކުލަވާލާފައިވާ ލިޔުމެކެވެ. މިއީ، ޤާނޫނީ ލަފާކަމުގައި ނުބެއްލެވުންއެދެމެވެ. ދިމާވާވަކި ޤާނޫނީ މައްސަލަތަކުގައި އެންމެ ރަނގަޅު ގޮތަކަށްވާނީ، އެކަމަކަށް ވަކިން ޤާނޫނީލަފާ ހޯއްދެވުމެވެ.

ނަޝީދު އެންޑް ކޯ އުތުރު ބްރާންޗު
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355