ކޮވިޑް-19 އާ ގުޅިގެން ފަސްކުރި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަންނަ އަހަރުގެ މާޗް މަހު ބޭއްވުމަށް ތައްޔާރުވަމުން އަންނަ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
މި ލޯކަލް ކައުންސިލް އިންތިހާބާ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ކުރިން ތާވަލުކޮށްފައި އޮތީ މި އަހަރުގެ އޭޕްރިލް މަހު ބާއްވާ ގޮތަށެވެ. ނަމަވެސް ކޮވިޑް-19 ގެ ހާލަތުގައި އިންތިހާބު ބޭއްވޭނެ މާހައުލެއް ނެތުމުން ރައްޔިތުންގެ މަޖިލީހުން ހާއްސަ ބިލެއް ފާސްކޮށް ލޯކަލް އިންތިހާބު ފަސްކުރިއެވެ. އެ ގާނޫނުގެ ދަށުން ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި ކައުންސިލް އިންތިހާބު ބާއްވައި ޖެހޭނެއެވެ.
ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގުރާމްގައި ވާހަކަ ދައްކަވަމުން އީސީގެ މެމްބަރު ފުއާދު ތައުފީގް ވިދާޅުވީ އިސީގެ އަމާޒަކީ ކޮވިޑް-19 އާއި އެކުވެސް އަންނަ މާޗުމަހު އިންތިހާބު ބާއްވަން ކަމަށެވެ. ނަމަވެސް އިންތިހާބު ބާއްވާނެ ވަކި ތާރީހެއް ފުއާދު ހާމައެއް ނުކުރެއެވެ.
އެކަމަށް ތައްޔާރުވުމުގެ ގޮތުން އިދާރީ ގޮތުން ކުރަން ޖެހޭ ކަންތައްތައް ކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް ފުއާދު ވިދާޅުވިއެވެ.
ފުއާދު ވިދާޅުވީ ކުރިންބާއްވާ އިންތިހާބުތަކާއި ތަފާތުކޮށް ކޮވިޑް-19އާ ގުޅިގެން އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެކު އިންތިހާބު ބާއްވާނެ ކަމަށެވެ. އަދި ކެމްޕޭނު ކުރަން ބޭނުންވާ ފަރާތްތަކަށް އެޗްޕީއޭގެ ގައިޑްލައިންއާ އެކު ކެމްޕޭނު ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށްވެސް ފުއާދު ވިދާޅުވިއެވެ.
ލޯކަލް ކައުންސިލް އިންތިހާބު ބޭއްވެންދެން މިހާރު ތިބި ކައުންސިލަރުންގެ ދައުރުވަނީ ދައްމާލާފައެވެ.