އަންނަ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން އިތުރު 3 ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންގޮސްފި އެވެ.
ލޯކަލް ކައުންސިލް އިންތިހާބާ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ކުރިން ތާވަލުކޮށްފައި އޮތީ މި އަހަރުގެ އޭޕްރިލް މަހު ބާއްވާ ގޮތަށެވެ. ނަމަވެސް ކޮވިޑް-19 ގެ ހާލަތުގައި އިންތިހާބު ބޭއްވޭނެ މާހައުލެއް ނެތުމުން ރައްޔިތުންގެ މަޖިލީހުން ހާއްސަ ބިލެއް ފާސްކޮށް ލޯކަލް އިންތިހާބު ފަސްކުރިއެވެ.
ކޮވިޑް-19 އާ ގުޅިގެން ފަސްކުރި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަންނަ އަހަރުގެ މާޗް މަހު ބޭއްވުމަށް ތައްޔާރުވަމުން އަންނަ ކަމަށްއީސީން ވަނީ ބުނެފަ އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ނަން އަނބުރާ ގެންދިޔުމަށް ހުޅުވާލި ފުރުސަތުގައި މިހާތަނަށް 49 ކެނޑިޑޭޓަކު ނަން ނަގާފައިވާކަމަށެވެ. އަދި މިހާތަނަށް ޕާޓީތަކުން އެންމެ ގިނައިން ނަން އަނބުރާ ގެންގޮސްފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. އެ ޕާޓީގެ 16 ކެންޑިޑޭޓަކު، ޕީޕީއެމުން ކުރިމަތިލި7 ކެންޑިޑޭޓަކު އަދި ޖޭޕީގެ 6 ކެންޑިޑޭޓަކާއި އަމިއްލަ ގޮތުން ވާދަކުރުމަށް ފޯމު ހުށަހެޅި 20 ކެންޑިޑޭޓަކު ވެސް، ވަނީ ނަން ނަގާފައެވެ.
އިއްޔެ ނަން އަނބުރާ ގެންދިޔަ 3 ކެންޑިޑޭޓުންނަކީ ރ.މަޑުއްވަރީ ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮޑިއަށް ކުރިމަތިލެއްވި، ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް، އިލްހާމާ ޢީސާ، މީނާޒު / ރ.މަޑުއްވަރީގެ އިތުރުން ހދ.ހިރިމަރަދޫ ކައުންސިލްގެއަންހެނުންނަށް ހާއްސަކޮށްފައިވާ ގޮޑިއަށް ކުރިމަތިލެއްވި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ކެންޑިޑޭޓް، މަރްޔަމް ޘަމްރާ، މަބުސްތާނުގެ / ހދ.ހިރިމަރަދޫ އަދި ދ.ހުޅުދެލީ ކައުންސިލްގެއަންހެނުންނަށް ހާއްސަ ކޮށްފައިވާ ގޮޑިއަށް ކުރިމަތިލެއްވި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް، އާއިޝަތު ނާފިޡާ، ގުލޭނޫރަންމާގެ / ދ.ހުޅުދެލި އެވެ.
ކޮވިޑް ބަލިމަޑުކަމުގެ ސަބަބުން ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ރައީސުލްޖުމްހޫރިއްޔާ ވަނީ ތަސްދީޤްކުރައްވާފައެވެ.