twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ޝަރުތަކާ ނުލާ ގައުމުދެކެ ލޯބިވުމުގެ ފިލާވަޅު ލިބެނީ ނަސްރުންގެ ދުވަހުން: ރައީސް

ނަބީލާ އިސްމާޢީލް
Nov 3, 2020

ނަސްރުގެ ދުވަހުން ލިބުނު އެންމެ ބޮޑު އެއް ފިލާވަޅަކީ، އުފަން ފަސްގަނޑު ދެކެ، އެއްވެސް ޝަރުތެއް ނެތި، ލޯބިވުމުގެ މުހިންމުކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ، މިއަދު ފާހަގަކުރާ މި އަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ނެރޭ "އައްޑަނަ" މަޖައްލާގައި ހިމެނުމަށް ފޮނުއްވި ހިތާބުގަ އެވެ.

އެ ހިތާބުގައި މީގެ 32 އަހަރު ކުރިން ދިވެހިންގެ ވަރަށް މަދު ބަޔަކާ ގުޅިގެން ބޭރުގެ ހަނގުރާމަވެރި ޖަމާއަތެއްގެ ބަޔަކު މާލެއަށް އަރައި ހިންގި އުދުވާން ސިފަކުރައްވާފައި ވަނީ ދިވެހި ތާރީހު ދުށް ވަރަށް އަނިޔާވެރި އަމަލުތަކެއްގެ ގޮތުގައާއި، އަދި ކުށެއް ނެތް 19 ދިވެހި ދަރިއެއްގެ ލޭ މި ބިމަށް އޮހޮރުވައިލި، ދިވެހިންގެ ހިތްތަކުގައި ބިރުވެރިކަމާއި ނުތަނަވަސްކަން އިންތިހާއަށް އުފެއްދި ލާއިންސާނީ އަމަލުތަކެއްގެ ގޮތުގައެވެ.

އެ މަނިކުފާނު ވިދާޅުވީ އެ ދުވަހުގެ ހަނދާންތައް އާކުރަނީ އެ ދުވަހާ ގުޅިފައިވާ ބަތަލުންގެ މަތިވެރި ޤައުމީ ޖިހާދުން ހިތްވަރު ލިބިގަންނަމުންކަމަށާއި، އެ ހާދިސާއިން އިބްރަތް ހާސިލްކުރަމުން ކަމުގައެވެ. އަދި އިސްލާމް ދީނާއި ދިވެހި ޤައުމުގެ ދިފާއުގައި ފުރާނައިން ޤުރުބާންވި ސިފައިނާއި އާންމު ރައްޔިތުންގެ ގުރުބާނީއިން ދޭހަ ވަނީ، ދިވެހި ދަރިންގެ ހިތްތަކުގައި ގައުމާ މެދު އޮންނަ ހާލިސް ލޯބީގެ ބާރުގަދަކަމާއި މަތިވެރިކަން ކަމުގައެވެ.

ރާއްޖޭގެ ގައުމީ ދިފާއީ ބާރަކީ، އޭރު ވެސް އަދި މިހާރު ވެސް، ގައުމަށް ކުރިމަތިވާ ކޮންމެ ނުރައްކަލަކާ ކެރިގެން ކުރިމަތިލައި، އެ ނުރައްކާތަކުން ދިވެހި ގައުމާއި ދިވެހި ރައްޔިތުން ސަލާމަތްކުރުމުގައި ނަމޫނާ ލަޝްކަރެކެވެ. އަދި، ނޮވެންބަރު 3 ގެ އުދުވާނީ ހަމަލާއިން ދިވެހި ޤައުމު ހިމާޔަތްކުރުމުގައި ދިވެހި ސިފައިން ދެއްކި ހިތްވަރާއި ހުޝިޔާރުކަމުގެ ލާމަސީލު ނަމޫނާ، ދުވަހަކު ވެސް ދިވެހިންގެ ހަނދާނުން ފުހެވިގެން ނުދާނެކަމަށާއި، އެ ނުރައްކާތެރި ވަގުތުގައި ދިވެހި ރައްޔިތުން އިސްކުރި އެކުވެރިކަމާއި އެއްބައިވަންތަކަމަކީ، ދިވެހިންގެ ހިތްތަކުގައި ތާޒާކަމާއެކު އައުވެ އާލާވަމުން އަންނަ ގައުމީ ލޯބީގެ ވަރަށް މަތިވެރި ނަމޫނާއެއް ކަމުގައި އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވަނީ ނޮވެންބަރު 3 ގެ އުދުވާނު ނާކާމިޔާބު ކޮށްލުމުގައި ދިވެހި ރައްޔިތުންގެ ފަރާތުން ދައުލަތަށް ލިބިގެން ދިޔަ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވާ، އެ ދުވަހުގެ އެ އުދުވާނާ ދެކޮޅަށް ހަރަކާތްތެރިވި އެންމެހައި އާންމު ރައްޔިތުންނާއި، ރާއްޖޭގެ އޭރުގެ ސަރުކާރުގެ އެދިވަޑައިގަތުމަށް އިންޑިޔާ ސަރުކާރުން އަސްކަރީ ގޮތުން ވެދެއްވި އެހީތެރިކަމަށްޓަކައި، އެ ގައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ވެސް ޝުކުރު ދަންނަވާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355