twitterviber whatsapp telegramfacebookyoutube instagram
27th April 2024

ގަވައިދާ ހިލާފަށް ކުޅުދުއްފުށީ ބަނދަރުގައި ހިލަގޯނިތަކެއް ބެހެއްޓި މީހެއްގެ މައްޗަށް ދައުވާކޮށްފި

އަބްދުލް ވާހިދު ޙަސަން
Nov 9, 2020
13

ކުޅުދުއްފުށި ސިޓީގެ ލޯކަލް ބަނދަރު ސަރަހައްދުގައި ގަވައިދާ ހިލާފަށް ހިލަގޯނީތަކެއް ބަހައްޓައި ނުނެގި މީހަކާ ދެކޮޅަށް ކުޅުދުއްފުށީ ކައުންސިލުން ދައުވާކޮށްފި އެވެ.

މިމައްސަލާގައި ދައުވާ އުފުލާފައިވަނީ ކުޅުދުއްފުށި/ސެޓްލައިޓް، އާދަމް މުހައްމަދާ ދެކޮޅަށެވެ. މިއަދު ކުޅުދުއްފުށީ ކޯޓްގައި ބޭއްވި ފުރަތަމަ އަޑުއެހުމުގައި ދައުވާ ހުށަހަޅަމުން ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރު އިސްމާއިލް އިބުރާހިމް ވިދާޅުވީ، ބަނދަރު ބޭނުންކުރުމާ ބެހޭ ގަވައިދާ ހިލާފަށް އާދަމް މުހައްމަދު އެ ސަރަހައްދުގައި ޖަމްބޯ ގޯނިތަކެއް (ހިލަގޯނި) ބަހައްޓާފައިވާ ކަމަށާއި އެހުންނަތާ 24 ގަޑިއިރުހަމަވުމުން އެކި ފަހަރުމަތިން މުދާ ނެގުމަށް ބަނދަރު ބަލަހައްޓާ މުވައްޒަފުން މެދުވެރިކޮށް އަންގާފައިވާ ކަމަށެވެ.

އެހެންނަމަވެސް އެތަކެތި އެތަނުން ނެގުމުގެ ބަދަލުގައި ބޭނުން ޖެހުމުން އެފަހަރަކަށް ބޭނުންވާ މިންވަރަށް ގެންދަމުންދާކަމަށް އިސްމާއިލް ވިދާޅުވި އެވެ. އެހެންވެ ތަކުރާރުކޮށް ބަނދަރު ބަލަހައްޓާ މުވައްޒަފުންނާއި އިދާރާގެ މުނިސިޕަލް ސެކްޝަނުން އާދަމް މުހައްމަދަށް އެ މުދާތައް ނެގުމަށް އަންގާފައިވާ ކަމަށެވެ. އެ މުއްދަތު ތެރޭގައި އާދަމް މުހައްމަދު ރަށުގައި ނެތުމުން ކައުންސިލުން އެންގުންތައް އަންގާފައިވަނީ ފޯނު މެދުވެރިކޮށް ކަމަށް ކައުންސިލުން ބުނެފައިވެ އެވެ.

ބަޔާން ހުށަހަޅަމުން އިސްމާއިލް ވިދާޅުވީ، އާދަމް މުހައްމަދުގެ މިއަމަލުތަކުންގެ ސަބަބުން އާންމުންނަށާއި ބަނދަރު ބޭނުންކުރާ ފަރާތްތަކަށް ވަރަށް ގިނަ ދަތިތަކާއި އުނދަގޫތައް ކުރިމަތިވަމުންދާ ކަމަށާއި އަދި ބަނދަރުގެ އުސޫލުތަކާ ގަވައިދުތަކަކަށް އަމަލުނުކުރުމަށް އެހެން ފަރާތްތަކަށްވެސް ހިތްވަރު ލިބި ބަނދަރުގެ މަސްލަހަތު ގެއްލިފައިވާ ކަމަށެވެ. އެހެންވުމުން ކައުންސިލުން ކޯޓުގައި އެދިފައިވަނީ ގަވައިދާ ހިލާފަށް ބަހައްޓާފައިވާ ތަކެތި ނެގުމަށް އޭނާގެ މައްޗަށް އަމުރުކޮށް ދިނުމަށާއި މީގެފަހުން ގަވައިދާ ހިލާފަށް ތަކެތި ނުބެހެއްޓުމަށް އެފަރާތްތައް އަމުރުކޮށް ދިނުމަށެވެ.

އަދި ކުޅުދުއްފުށީ ކައުންސިލް އިދާރާގެ ބަނދަރު ބަލަހައްޓާ މުވައްޒަފުންގެ އެންގުންތަކަށް ތަބާވުމަށާއި އާންމުންނަށް އުނދަގޫވާފަދަ އަމަލުތައް ނުކުރުމަށް އަމުރުކޮށްދިނުމަށެވެ.

މިއަދުގެ އަޑުއެހުމުގައި އާދަމު މުހައްމަދު ބުނީ، ތަކެތި ނުނެގުނީ ރަށުން ބޭރުގައި އުޅޭތީ ކަމަށާއި އެތަކެތި ނެގުމަށް ކައުންސިލުން އޭނާއަށް އަންގާފައިވެސް ނުވާ ކަމަށެވެ. އެކަމަކު 24 ގަޑިއިރު ހަމަވުމުން ތަކެތި ނުނެގޭނެތީ އެތަކެތި ބެހެއްޓީ ކައުންސިލްގައި އުޅޭ ހާޝިމް ނަމަކަށް ކިޔާ މީހެއްގެ ހުއްދަ ހޯދައިގެން ކަމަށެވެ. އެއީ ކާކުތޯ ފަނޑިޔާރު ސުވާލުކުރުމުން އާދަމް މުހައްމަދު ބުނީ އެ މީހެއް ނޭނގޭ ކަމަށާއި އެއީ ކައުންސިލްގައި އުޅޭ މީހެއްހެން ހީވާކަމަށެވެ.

ކައުންސިލްގައި ހާޝިމް ކިޔާ މީހަކަށް އުޅޭނީ އެންމެ ބޭފުޅެކެވެ. އެއީ އެކައުންސިލްގެ ނައިބު ރައީސް އަލީ ހާޝިމެވެ. އިސްމާއިލް ވިދާޅުވީ، އެބޭފުޅަކު ފަސް ދުވަސް ދިންކަމެއް އިދާރީ މުވައްޒަފުންނަށް އެނގިފައިނުވާ ކަމަށެވެ. އަދި ކައުންސިލް އިދާރާއަށް އެމައްސަލާގައި ހާޒިރުވާން ނާންގާކަމަށް އާދަމް މުހައްމަދު ބުނުމުން އެކަން ސާބިތުކުރުމަށް ކައުންސިލުން ވަނީ ދެ ހެއްކެއްގެ ނަން ޝަރީއަތަށް ހުށަހަޅާފަ އެވެ.

މިމައްސަލާގައި އާދަމް މުހައްމަދު ފަހުން ބުނެފައިވަނީ އެތަނުގައި އެތަކެތި ބަހައްޓާފައި ހުންނަތާ ފުދޭވަރަކަށް ދުވަސްވެފައިވާކަމަށެވެ. އެކަމަކު މިހާރު އެތަކެތި ނަގާފައިވާކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ ބަނދަރުގެ ގަވައިދުތައް އޭނާއަށް ނޭނގޭ ކަމަށާއި ކައުންސިލުން އެކި މީހުންނާމެދު އަމަލުކުރަނީ އެކިގޮތަށް ކަމަށް ބުނެ ނުރުހުންފާޅުކޮށްފަ އެވެ. އަދި މިމައްސަލަ ބޮޑަށް ބެލެވެނީ ޒާތީ ކަމެއް އޮވެގެން ކުރާ ދައުވާއެއްގެ ގޮތުގައި ކަމަށްވެސް އޭނާ ބުންޏެވެ.

އާދަމް މުހައްމަދު ބަނދަރުގައި މުދާތައް ބަހައްޓާފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު 20 ވަނަ ދުވަހު އެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އެތަކެތި ނަގާފައިވަނީ މިދިޔަ ހަފްތާ ބުރާސްފަތި ދުވަހު އެވެ.

މިމައްސަލަ ބެއްލެވި ފަނޑިޔާރު އަލީ އާދަމް ވަނީ އާދަމް މުހައްމަދަށް ނަސޭހަތްތެރިވެފަ އެވެ. ރަށުގެ އުސޫލުތައް ހިފެހެއްޓުމަށް ހަދާފައިހުންނަ ގަވައިދުތަކާއި އުސޫލުތަކަށް އިހްތިރާމްކުރުމަށް ނަސޭހަތްދެއްވި އެވެ. އަދި ކުރިއަށް އޮތްތަނުގައި ކުޅުދުއްފުށީ ކައުންސިލުން އަންގާ އެފަދަ އެންގުންތަކަށް އަމަލުކުރުމަށްވެސް ނަސޭހަތްތެރިވި އެވެ. ފަނޑިޔާރު ވިދާޅުވީ، އަމުރު ނެރެން ޖެހިއްޖެނަމަ ކުރިއަށް އޮތްތަނުގައި އަމުރު ނެރެދޭނެކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355