twitterviber whatsapp telegramfacebookyoutube instagram
20th April 2024

ރާއްޖޭގައި ޑޮކްޓަރުން ތަމްރީނުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

ނަބީލާ އިސްމާޢީލް
Nov 10, 2020

ރާއްޖޭގައި ޑޮކްޓަރުން ތަމްރީނުކުރުމުގެ ދާއިރާއިން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ކަމާގުޅޭ އިދާރާތަކުގެ އިސްވެރިންނާއެކު ނާއިބް ރައީސް ފައިސަލް ނަސީމް މަޝްވަރާ ކުރައްވައިފި އެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް އިތުރުން ބައިވެރިވެވަޑައިގެންފައި ވަނީ މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ އިބްރާހީމް ހަސަނާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ މުހައްމަދު ޝަރީފާއި، އެ ޔުނިވަރސިޓީގެ ސްކޫލް އޮފް މެޑިސިންގެ ޑީން ޑރ. ޝީޒާ އަލީއާއި، ރައީސް އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ ޑރ. މުޞްޠަފާ ލުޠުފީއާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓެރީ ޢާއިޝަތު ނަޒްހަތެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ ރާއްޖޭގައި ޑޮކްޓަރުން ތަމްރީނުކުރުމުގެ ދާއިރާއިން ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ސާފުކުރައްވައި، މި ދާއިރާއިން މީހުން ބިނާކުރުމުގައި އިތުރަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މިއަދު މަޝްވަރާ ކޮށްފައިވާ ކަަމަށެވެ.

މި ބައްދަލުވުމުގައި ގައުމީ ޔުނިވާސިޓީން ބައިވެރިވި ބޭފުުޅުން ވަނީ ސްކޫލް އޮފް މެޑިސިންގައި ހިންގަމުންދާ ޑޮކްޓަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމް ހިންގުމުގައި ދިމާވާ ގޮންޖެހުންތަކާއި އެ ޕްރޮގްރާމް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމުގައި ކުރެވިދާނެ ކަންކަމުގެ އިތުރުން މެޑިސިންގެ ދާއިރާއިން މީހުން ބިނާކުރުމުގައި ކުރިއަށް ރާވާފައިވާ ޕްލޭންތަކުގެ މައުލޫމާތު ދެއްވާފައެވެ. އަދި މި ކޯސްތަކުގެ ތެރޭގައި ދޭ ޢަމަލީ ތަމްރީނުތައް ދިނުމުގެ އިންތިޒާމްތައް އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވެސް މަޝްވަރާކޮށްފަ އެވެ.

މި ބައްދަލުވުމުގައި ނައިބު ރައީސް ވަނީ ފަސް ސަރަޙައްދެއްގައި ޓަރޝަރީ ހޮސްޕިޓަލްތައް ތަރައްޤީ ކުރަމުންދާ އިރު އެ ތަންތަނަށް ބޭނުންވާ އިންސާނީ ވަސީލަތް ތަރައްޤީކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި، މިހާރު ރޭވިފައިވާ ކަންކަމާ އެއްގޮތަށް މަސައްކަތްތައް ކުރަމުން ގެންދިޔުމަށާއި، ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކަމާގުޅޭ އިދާރާތަކާއި ގުޅިގެން މަސައްކަތްކުރެއްވުމަށް އެމަނިކުފާނު ވަނީ އިރުޝާދު ދެއްވާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355