twitterviber whatsapp telegramfacebookyoutube instagram
14th May 2025

ޖިންސީ ކުށުގެ އަދަބުން އާދަމް އިބުރާހިމް ސަލާމަތްވެއްޖެ

ޙަސަން އިޔާން
Nov 11, 2020
2

ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގި ކަމުގެ ކުށް ސާބިތުވާ ކަމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން އިއްވާފައިވާ ހުކުމެއް ހައިކޯޓުން އިއްޔެ ބާތިލްކޮށްފިއެވެ. އެ ހުކުމަކީ ކުޅުދުއްފުށީ، ދުރުމީ، އާދަމް އިބްރާހިމްގެ މައްޗަށް 2017 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައި ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން އިއްވި 10 އަހަރުގެ ޖަލު ހުކުމެކެވެ.

އާދަމް އިބްރާހިމްގެ މައްޗަށް ދައުވާކޮށް ޝަރީއަތް ހިނގީ 2016 ވަނަ އަހަރު ތެރޭގައި ފިހާރައެއްގައި އެކި ދުވަސް މަތިން 11 އަހަރުގެ ކުއްޖެއްގެ ކުރިމަތި ފަރާތުގައި އަތްލާފައިވާ މައްސަލައެއްގައެވެ. ދިހަ އަހަރުގެ ޖަލު ހުކުމެއް އައީ ދައުލަތުން ހުށަހެޅި ހެއްކަށް ރިއާޔަތްކުރާއިރު ކުށް ސާބިތުވާތީއެވެ.

އެ ހެކިތައް މެޖިސްޓްރޭޓް ކޯޓުން ވަޒަންކޮށްފައިވަނީ ރަނގަޅަށް ނޫން ކަމަށް އާދަމް، ހައިކޯޓުގައި މައްސަލަ އިސްތިއުނާފުކުރިއެވެ. އެގޮތުން އިސްތިއުނާފު މައްސަލާގައި އިއްޔެ ހައިކޯޓުން ހުކުމް އިއްވާފައިވާއިރު އޭގައިވާ ގޮތުގައި މައްސަލާގެ ތަހުގީގުގައި ބަޔާން ދިން މީހުންގެ ބަޔާންތަކާއި ޝަރީއަތުގައި ދިން ހެކި ބަހުގައި ތަފާތުތަކެއް ހުރިކަން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން، ކުއްޖާއަށް ދިމާވި ހާދިސާ ބައެއް ކަންކަން ކިޔައިދިނުމުގައި ތަފާތުތަކެއް ހުރި ކަމަށެވެ.

ނަމަވެސް އެއީ ކުއްޖާއަށް ކުރިމަތިވި ހާދިސާ ނަފީވެގެންދާ ވަރުގެ ތަފާތުތަކެއް ނޫން ކަމަށް ހުކުމްގައިވެއެވެ. ކުށް ސާބިތުކުރުމަށް ވަކި އަދަދަކަށް ހެކި ހަމަކުރުމުގެ ބަދަލުގައި މައްސަލައިގައި އަނިޔާލިބުނު ކުޑަކުއްޖާ ބަޔާން ނުވަތަ ދީފައިވާ ހެކިބަހަކީ އާދަޔާ ހިލާފަށް ގަބޫލުކުރެވޭ ހެކިބަހެއް ކަމުގައިވާނަމަ އެ ހެކިބަހުގެ މައްޗަށް ދައުވާ ސާބިތުކުރެވިދާނެއެވެ.

ހުކުމްގައި ބުނީ، ކުއްޖާގެ ހެކި ބަހަށް ބަލައި، އެ ކުއްޖާ ކިޔައިދީފައިވާ ކިޔައިދިނުމުގެ އިތުބާރަށް އަސަރު ކުރާ އަހުލާގީ މައްސަލައެއް ނުވަތަ ޝަކުވާއެއް ވެސް އާދަމްއާ ގުޅޭ ގޮތުން ނެތް ކަމާއި އަދި އެފަދަ ތުހުމަތެއް އެ ކުއްޖާ ނުނިޔަތެއްގައި ކުރާނެ ފަދަ އޮތްކަން ވެސް ސާބިތުވާން ނެތް ކަމަށެވެ.

ނަމަވެސް ކުއްޖާގެ ހެކި ބަހަށް ބާރު ލިބޭ ނުވަތަ އެއާ ގުޅޭ އިތުރު ހެއްކަކަށް އޮތީ ކުއްޖާ މަންމަގެ ހެކި ބަސް އެކަނި ކަމަށާއި ކުއްޖާގެ މަންމަ، އޭނާ އެ ވާހަކަތައް ކިޔައިދީފައިވަނީ އެ ހާދިސާ ހިނގިތާ ދުވަސްތަކެއް ފަހުންކަން ހުކުމްގައި ފާހަގަ ކުރިއެވެ. އަދި މަންމަގެ ހެކި ބަހުގައި އާދަމް ކުށް ކުރިކަން ދަލާލަތުކޮށްދޭ ފަދަ ވަރުގަދަ އިބާރާތެއް ނުވަތަ ހެއްކެއް ނެތްކަން ވެސް ހުކުމްގައި ފާހަގަކޮށްފައިވެއެވެ.

އާދަމް ވަނީ ދަށު ކޯޓުގައި ކުއްޖާގެ ބަހަށް އިންކާރުކޮށްފައެވެ. އަދި އެ ކުއްޖާ ފިހާރައަށް ނުދާ ކަމަށް ވެސް ބުނެފައިވެއެވެ. އޭނާގެ އެ ވާހަކަތައް ނަފީ ކުރުމަށް ކުއްޖާ ފިހާރައަށް ދިޔަ ކަމާއި އެ ކުއްޖާ ފިހާރައަށް ދިޔަ ގަޑީ ފިހާރާގައި އިނީ އާދަމްކަން ސާބިތުވާފަދަ ހެއްކެއް ދައުލަތުން ހުށަހަޅާފައިނުވާ ކަމަށް ވެސް ހުކުމްގައިވެއެވެ.

ހުކުމުގައި އިތުރަށް ބުނެފައިވާ ގޮތުގައި ފެމިލީ އެންޑް ޗިލްޑްރަން ސާވިސްގެ ސޯޝަލް ސާވިސްއިން މި މައްސަލައާ ގުޅިގެން ތައްޔާރުކޮށްފައިވާ ކުޑަކުއްޖާއާބެހޭ ރިޕޯޓަކީ އެ ކުއްޖާގެ ނަފްސާނީ ހާލަތު ދެނެގަތުމަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ރިޕޯޓެއް ނޫން ކަމާއި އޭގެން ހާދިސާއާ ގުޅިގެން ކުއްޖާއާ ނަފްސާނީ ގޮތުން މައްސަލަތަކެއް ކުރިމަތިވިކަން އެނގެން ނެތް ކަމަށެވެ.

އެހެންވެ މި މައްސަލާގައި ކުއްޖާގެ ހެކި ބަހަކީ އާދަޔާ ހިލާފަށް ގަބޫލު ކުރެވޭ ފަދަ ހެކި ބަހެއް ނޫން ކަމަށާއި އެއީ ކުއްޖާގެ ހެކި ބަސް ބޭރު ފުށުން އެއްގޮތް ކަމަށް ބެލުމަށް ހެކި ނެތީމަ ކަމަށް ހުކުމްގައިވެއެވެ. ކުއްޖާގެ ހެކިބަހަށް ރިއާޔަތްކޮށް އާދަމް ކުށްވެރިވާ ކަމަށް ކަނޑައަޅާނަމަ، އެއީ އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި، ޝަރީއަތަށް ސާބިތުވުން ކަމަށް ބުރެނުވެވޭނެ ކަމަށް ވެސްވެއެވެ. އެހެންވެ، ދަށު ކޯޓުގެ ހުކުމް ބާތިލްކޮށް އާދަމް ހައިކޯޓުން މިނިވަންކުރިއެވެ.

ހައިކޯޓުގައި މި މައްސަލަ ބައްލަވާ، ހުކުމް އިއްވަވާފައިވަނީ ފަނޑިޔާރު ހާތިފް ހިލްމީ އާއި ފަނޑިޔާރު މުހައްމަދު ނިޔާޒު އަދި ފަނޑިޔާރު ހުސައިން ޝަހީދެވެ. ހުކުމަކީ ތިން ފަނޑިޔާރުން އިއްތިފާގުވެގެން އިއްވެވި ހުކުމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355