twitterviber whatsapp telegramfacebookyoutube instagram
26th April 2024

ގާނޫނީ ކޮލަމް: ރޭޕްއަކަށްވަނީ ކޮން ޙާލަތްތަކެއްގަތޯ؟

Nov 12, 2020
1

ޖިންސީ ގޯނާ އާއި، ޖިންސީ އަނިޔާ އަދި ރޭޕްއަކީވެސް ތަފާތު ކުށްތަކަކަށްވާއިރު، ރޭޕްއަކީ ކޮބައިތޯ؟ ފިރިމީހާ، އަނބިމީހާ ރޭޕްކުރިކަމަށްވާނީ ކޮން ޙާލަތްތަކެއްގައި ތޯއެވެ؟ އަދި ރޭޕްއަކީ ރުހުން ނެތް ޙާލަތުގައި ފުރިހަމަވާ ކުށަކަށްވާއިރު، ރުހުން ނެތްކަމުގައި ބެލެވޭނެ ޙާލަތްތަކަކީ ކޮބައިތޯއެވެ؟ މިއީ އަޅުގަނޑުމެން އެންމެނަށްވެސް އެނގުން މުހިންމު ކަންތައްތަކެވެ. ވީމާ، މިކަންކަމަށް ޤާނޫނީ ނަޒަރަކުން ބަލާލަމާތޯއެވެ.

ޤާނޫނީގޮތުން ރޭޕް މާނަކުރުން

ދެމަފިރިން ކަމުގައިނުވާ މީހެއްގެ ޖިންސީ ގުނަވަނުގެ ތެރެއަށް، އެމީހެއްގެ ރުހުން ނެތި އެހެންމީހެއްގެ ޖިންސީ ގުނަވަން ކިތަންމެ ކުޑަ މިންވަރަކަށް ނަމަވެސް ވަދެއްޖެނަމަ، އެއީ ޤާނޫނު މާނަކުރާގޮތުގައި ރޭޕެކެވެ. މިދަރަޖައަށް ނުދާނަމަ އެ ޢަމަލުވެގެންދަނީ، ޖިންސީ އަނިޔާ ނުވަތަ ޖިންސީ ފުރައްސާރައަކަށެވެ. އެއީ ރޭޕެއް ކަމުގައި ނުބެލެވޭނެއެވެ. މީގެ މާނައަކީ، ދެމަފިރިންގެ ދެމެދުގައި އެފަދަ ޢަމަލެއް ހިނގާ އެއްވެސް ޙާލަތަކީ، ރޭޕަކަށް ނުވުމެއްނޫނެވެ. އަދި ހަމައެހެންމެ ޢާންމު ޙާލަތުގައި ޤާނޫނުގައި "މީހެއް" އިޝާރާތްކުރެވެނީ، 18 އަހަރުންމަތީގެ މީހުންނަށް ކަމުގައިވިޔަސް، ރޭޕްގެ ކުށެއް ސޯޅައަހަރުންމަތީގެ ދިވެހި ނުވަތަ ބިދޭސީ އަންހެނެއް ނުވަތަ ފިރިހެނެއް ކުރިކަމުގައިވިޔަސް، އެއީވެސް މިޤާނޫނު މާނަކުރުމުގައި "މީހެއް" ކަމުގައިބެލެވޭނެއެވެ.

ޤާނޫނަށް ބަލާއިރު، އަނިބިމީހާގެ ރުހުމާނުލާ ޖިމާޢުވުމަކީ، ރޭޕްކަމުގައިބެލެވޭނެ ޙާލަތްތަކެއް ހުރެއެވެ. މިގޮތުން، ދެމީހުންގެ ދެމެދުގައިއޮތް ކައިވެނި ޝަރީޢަތް މެދުވެރިކޮށް ރޫޅާލުމުގެ، ތަފްރީޤުކުރުމުގެ ނުވަތަ ވަރިކުރުމުގެ ނުވަތަ ވަރިވުމުގެ މައްސަލައިގެ ޝަރީޢަތުގެ ޙުކުމް އިއްވުމާއި ހަމައިގާއޮއްވާ އަނބިމީހާގެ ހުއްދަނެތި ޖިމާޢުވެއްޖެނަމަ، އެޙާލަތުގައި އެއީ ރޭޕެއްކަމުގައި ބެލެވޭނެއެވެ. އަދި ގައިންގަޔަށް އަރާ ނުރައްކާތެރި ޖިންސީބައްޔެއް ފިރިމީހާއަށް ޖެހިފައިވާކަން އެނގިހުރެ، އެބަލި އަނބިމީހާއަށް ވާސިލުކުރުމަށް ޖިމާޢުވެއްޖެނަމަ، އެއީވެސް ރޭޕެއްކަމުގައި ބެލެވޭނެއެވެ. މިސާލަކަށް، ފިރިހެންމިހާއަށް އެޗް.އައި.ވީ ޖެހިފައިހުރިކަން އެނގިހުރެ، އެބަލި އަނބިމީހާއަށް ވާސިލުކުރުމަށް އަނބިމީހާއާއިއެކު ޖިމާޢުވެއްޖެނަމަ، އެއީ ރޭޕެކެވެ. ހަމައެހެންމެ މަސްލަޙަތަށްޓަކައި، ދެމަފިރިން ވަރިނުވެ ވަކިން ދިރިއުޅެމުންދާ ޙާލަތުގައިވެސް އަނބިމީހާގެ ރުހުންނެތި ޖިމާޢުވެއްޖެނަމަ، އެއީވެސް ޤާނޫނު ޤަބޫލުކުރާ ގޮތުގައި ރޭޕެކެވެ.

ރުހުން ޤަބޫލުކުރެވޭނެ ގޮތް

ރޭޕަކަށްވަނީ އަނެއްމީހާގެ ރުހުންނެތި އެފަދަ ޢަމަލެއް ހިންގައިފިކަމުގައި ވާނަމައެވެ. ދީފައިވާ ރުހުމަކީ ޞައްޙަ ރުހުމެއްކަމުގައި ނުވާނަމަ، ރުހުން އޮތްކަމުގައި ނުބެލެވޭނެއެވެ. މިގޮތުން ޢަމަލު ނުހިންގައިފިނަމަ، އެމީހަކަށް ނުވަތަ އެމީހެއްގެ ގާތްމީހަކަށް އަނިޔާ ކުރާނެކަމުގެ ބިރުދައްކައިގެން ނުވަތަ އެމީހަކު ނުވަތަ އެމީހެއްގެ ގާތްމިހަކު މަރާލާނެކަމުގެ ބިރުދައްކައިގެން ހޯދާފައިވާ ރުހުމެއްނަމަ، އެއީ ރުހުމުގައި ކޮށްފައިވާ ޢަމަލެއްކަމުގައި ޝަރީޢަތުން ނުބަލާނެއެވެ. އަދި ހަމައެހެންމެ، އެމީހަކަށް އޮޅުވާލާ މަކަރުހަދައިގެން ހޯދާފައިވާ ރުހުމެއްކަމުގައިވާނަމަ، އެއީވެސް ޝަރީޢަތުގެ ކުރިމަތީގައި ރުހުމެއްކަމުގައި ބެލިގެނެއްނުދާނެއެވެ. މިސާލަކަށް ޢަމަލުނުހިންގައިފިނަމަ، މަރާލާނެކަމަށް ބުނެ ވަޅިން ބިރުދެއްކުމުން، ވަޅިން އަނިޔާއެއް ދީފާނެކަމުގެ ބިރަށްޓަކައި އެފަދަ ޢަމަލެއް ހިންގައިފިނަމަ، ރުހުންދިންކަމުގައި ނުބެލެވޭނެއެވެ.

ރޭޕްގެ އަދަބު

ރޭޕްގެ ޢަމަލު ހިންގޭ ފަރާތް ތަފާތުވުމުން އަދަބަށް ބަދަލު އާދެއެވެ. ޢާންމު ޙާލަތުގައި ރޭޕްގެ އަދަބަކީ، ފަނަރަ އަހަރާއި ވިހި އަހަރާއި ދެމެދުގެ ޖަލު ޙުކުމެކެވެ. އަދި ރޭޕްކުރީ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ކަމުގައިވާނަމަ އަދަބު ބޮޑުވެއެވެ. އެޙާލަތުގައި ވިހި އަހަރާއި ފަންސަވީސް އަހަރާއި ދެމެދުގެ ޖަލު ޙުކުމެއް އަންނާނެއެވެ. ނަމަވެސް ފިރިމީހާ އަނބިމީހާ ރޭޕްކުރާ ޙާލަތުގައި އެކުށުގެ އަދަބަކީ، 1 އަހަރާއި 3 އަހަރާ ދެމެދުގެ ޖަލުޙުކުމެކެވެ. އަދި ފިރިމީހާ އަނބިމީހާ ރޭޕްކުރުމުގައި ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްފައިވާނަމަ، 3 އަހަރާއި 5 އަހަރުގެ ޖަލުޙުކުމަކަށް އަދަބު ބޮޑުވެއެވެ.

ރޭޕްކުރަން އުޅުމުގެ ކުށާއި އަދަބު

ރޭޕްކުރަން އުޅުމާއި، ބައިވެރިވުމާއި އަދި އެކަމަށް އެހީތެރިވެދިނުމަކީ ކުށެކެވެ. މިކުށުގެ އަދަބަކީ، 7 އަހަރާއި 15 އަހަރާއި ދެމެދުގެ ޖަލުޙުކުމެކެވެ. އަދި ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ކަމުގައިވާނަމަ، 10 އަހަރާއި 15 އަހަރާއި ދެމެދުގެ ޖަލު ޙުކުމެކެވެ.

ފިރިމީހާ، އަނބިމީހާ ރޭޕްކުރިކަމަށް ސާބިތުވުން

ފިރިމީހާ އަނބިމީހާ ރޭޕްކުރިކަމަށް ސާބިތުވުމަކީ، އެސާބިތުވި ކުށުގެ ސަބަބުން އެދެމެދުގައި އޮތް ކައިވެނީގެގުޅުން ނިމުމަކަށް ނާންނަ ހިނދަކު، އެގުޅުމަށް ނުވަތަ އެގުޅުމުގެ ޝަރުޢީ ޞައްޙަކަމަށް ބަދަލެއް އަންނާނެކަމެއް ނޫނެވެ. އަދި ދެމަފިރިންނަށް ލިބޭ ނުވަތަ ލިބިފައިވާ ދަރިންގެ ޙައިޞިއްޔަތަށާއި، ދެމަފިރިންގެ މުދަލާއި މުދަލުގެ ހައިސިއްޔަތަށްވެސް އެއްވެސް ގެއްލުމެއް ނުވަތަ ބަދަލެއް އަންނާނެ ކަމެއްކަމުގައި ނުވެއެވެ.

ނިންމުން

ރޭޕަކީވެސް މިހާރު އަޅުގަނޑުމެންގެ މުޖުތަމަޢުގައި ޢާންމުވެފައިވާ ކުށެކެވެ. މެރިޓަލް ރޭޕް ނުވަތަ ފިރިމީހާ، އަނބިމީހާ ރޭޕްކޮށްފިކަމުގައި ބެލެވޭނެ ޙާލަތްތަކެއްވެސް ވާއިރު، މިޙާލަތްތައް އެނގިތިބުމަކީ މުހިންމު ކަމެކެވެ. މިފަދަ ޢަމަލެއް ހިނގައިފިނަމަ އެކަން ދެނެގަނެވި، ފިޔަވަޅު އެޅޭނީ އޭރުން ކަމުގައިވާތީއެވެ.

އާޓިކަލް ލިޔުނީ ޠާހިރާ ޢުމަރު

އަލްއުސްތާޛާ ޠާހިރާ ޢުމަރަކީ ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުގެ ވަކީލެކެވެ. މިއީ ޢާންމު ޙޭލުންތެރިކަން އިތުރު ކުރުމުގެ މަޤްސަދުގައި، ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުން އެކުލަވާލާފައިވާ ލިޔުމެކެވެ. މިއީ، ޤާނޫނީ ލަފާކަމުގައި ނުބެއްލެވުންއެދެމެވެ. ދިމާވާވަކި ޤާނޫނީ މައްސަލަތަކުގައި އެންމެ ރަނގަޅު ގޮތަކަށްވާނީ، އެކަމަކަށް ވަކިން ޤާނޫނީލަފާ ހޯއްދެވުމެވެ.

ނަޝީދު އެންޑް ކޯ އުތުރު ބްރާންޗު
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355