މެލޭޝިއާ އަށް ދަތުރު ކުރުމުގެ ކުރިން ކޮވިޑް-19 އަށް ޓެސްޓު ހެދުމަށާއި ކަރަންޓީނަށް ދައްކަންޖެހޭ ފައިސާ އެ ގައުމަށް ދައްކަން ޖެހޭނެ ކަމަށް މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީން ބުނެފިި އެވެ.
ކޮވިޑް-19އިން ރައްކާތެރިވުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އެ ގައުމުން ވަނީ އަޅައިފަ އެވެ. މެލޭޝިއާ އަށް ދާ އެހެން ގައުމުތަކުގެ މީހުން ކޮވިޑަށް ޓެސްޓު ކުރުމާއި ކަރަންޓީންގައި 14 ދުވަހު މަޑުކުރަން ޖެހޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. އެކަމަށް ފައިސާ ދައްކަން ޖެހެނީ އަމިއްލަ އަށެވެ.
މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީން ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް-19 އަށް ޓެސްޓު ކުރުމަށާއި ކަރަންޓީނަށް ދައްކަންޖެހޭ ފައިސާ މާދަމާ އިން ފެށިގެން އޮންލައިންކޮށް ދެއްކޭނެ ގޮތް ހަމަޖައްސާފައިވާ ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީން އަންގާފައިވާ ކަމަށެވެ.
އަދި މިގޮތަށް ހަމަޖެއްސުމާ ގުޅިގެން ފީތައް މެލޭޝިއާއަށް ދަތުރުކުރަން ފެށުމުގެ ކުރިން ދައްކަންޖެހޭނެ ކަމަށާއި އަދި ފައިސާ ދައްކާފައިވާ ކަމުގެ ލިޔުން މެލޭޝިއާއަށް އާދެވުމާއެކު އެއާޕޯޓްގެ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅަން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.
އޮންލައިން ޕޭމަންޓް ޕޯޓަލްތައް މި ވެބްސައިޓްތައް މެދުވެރިކޮށް ބޭނުންކުރެވޭނެ ކަމަށް ބުނެފައިވެއެވެ.
މެލޭޝިޔާއަކީ ގިނަ ދިވެހިން ދިރިއުޅެމުންދާ އަދި ގިނަ އަދަދަކަށް ދިވެހިން ދަތުރު ކުރަމުން ދާ ގައުމަކަށް ވުމާއެކު މިކަންކަމަށް މެލޭޝިއާއަށް ދަތުރުކުރައްވާ ފަރާތްތަކުން ސަމާލުވުމަށް މޯލްޑިވްސް ހައި ކޮމިޝަން އޮފް މެލޭޝިޔާއިން ބުނެފައިވެއެވެ.