މިއަހަރުގެ ޓީޓީއެމް މޯލްޑިވްސް ވާޗުއަލްގެ މެއިން ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސައިފިއެވެ.
މިމަހުގެ 24 އިން 26އަށް ކުރިއަށްގެންދާ ޓީޓީއެމް މޯލްޑިވްސް ވާޗުއަލްއަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ބައިނަލްއަގްވާމީ ޓްރެވެލް ޓްރޭޑް ފެއާއެވެ.
މިކަމާ ގުޅޭ އެއްބަސްވުމުގައި އުރީދޫގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެކްޓިން ޗީފް އެކްޒެކެޓިވް އޮފިސަރު ހުސައިން ނިޔާޒްއެވެ. އަދި އޯކާ މީޑިއާ ގުރޫޕްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޑރ. ހުސައިން ސަނީ އުމަރެވެ.
ޓީޓީއެމް އަކީ ދިވެހިރާއްޖޭގެ ޓޫރިޒަމްގެ ދާއިރާ ކުރިއެރުވުމަށް ހާއްސަކޮށްގެން، ރާއްޖޭގެ ވިޔަފާރިތަކާއި ބައިނަލްްއަގްވާމީ ޓްރެވެލް އެޖެންޓުންގެ ވިއުގައާ ފަސޭހަކަމާ އެކު ގުޅުވާލަދިނުމަށް ކުރިއަށްގެންދާ ޕްލެޓްފޯމެކެވެ.
ވިޔަފާރިތަކަށް އަމާޒުކޮށްގެން އަހަރުން އަހަރަށް ކުރިއަށްގެންދާ މި އިވެންޓަކީ ރާއްޖެ އާއި ބޭރުގެ އެތައް ސަތޭކަ ހޮޓެލިއަރުންނާއި ޓޫރިޒަމް ދާއިރާގެ މާހިރުން އެއް ތަންކޮށްދޭ އިވެންޓެކެވެ.
އުރީދޫން ބުނީ މި އެއްބަސްވުމާއެކު އެ ކުންފުނިން ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމަށް ޓީޓީއެމް މެދުވެރިކޮށް އެހީވާނެ އެވެ. އެ ކުންފުނިން ވަނީ ޓޫރިޒަމް އިޝްތިހާރު ކުރުމުގެ ގޮތުން ޑެސްޓިނޭޝަން މާކެޓިން ކެންޕެއިނެއް ވެސް މި އަހަރުގެ ތެރޭގައި ތައާރަފު ކޮށްފަ އެވެ. މި ކެމްޕޭނުގެ ދަށުން ދުނިޔޭގެ 10 ގައުމެއްގައި ރާއްޖެ އިޝްތިހާރު ކުރާނެ އެވެ.
މިއަހަރުގެ ޓީޓީއެމް ފެއާގައި 150 ރިސޯޓް އަދި ހޮޓެލްއާ 200 އޮޕަރޭޓަރުން ބައިވެރިވާނެއެވެ. މިއީ ޓީޓީއެމް މޯލްޑިވްސް ބާއްވާ ހަތަރުވަނަ ފަހަރެވެ.
މިއަހަރުގެ ޓީޓީއެމް ޓްރެވެލް ސަމިޓް އޮންނާނީ މި މަހުގެ 24ވަނަ ދުވަހުގައެވެ. އަދި ޓީޓީއެމް މޯލްޑިވްސް އޮންނާނީ މިމަހުގެ 25 އިން 26 އަށެވެ. ޓްރެވެލް ޓްރޭޑް މޯލްޑިވްސްއަކީ އޯކާ މީޑިއާ ގްރޫޕުން ކުރިއަށްގެންދާ ހަރަކާތެކެވެ. އޯކާ މީޑިއާ ގުރޫޕަކީ ރާއްޖޭގެ މީޑިއާ އަދި މާކެޓިންގެ މަސައްކަތްތަކުގައި ހަރަކާތްތެރިވާ ދިވެހި ކުންފުންޏެކެވެ.