twitterviber whatsapp telegramfacebookyoutube instagram
28th April 2024

ބުއްދި ހަމަނުޖެހޭކަމަށް ބުނާ ޒުވާނެއް ހިރިމަރަދޫގެ ބައެއް މުއައްސަސާތަކުގެ ބިއްލޫރިތައް ތަޅައިފި

އަބްދުލް ވާހިދު ޙަސަން
Nov 15, 2020
3

ބުއްދި ހަމަނުޖެހޭކަމަށް ބުނާ ޒުވާނެއްގެ މައްސަލަ ބޮޑުވެ ހދ ހިރިމަރަދޫގައި ހުރި ބައެއް އިމާރާތްތަކުގެ ބިއްލޫރިތައް ތަޅައިފި އެވެ.

އެރަށު ކައުންސިލް މެމްބަރަކު ކޭއޯއަށް ވިދާޅުވީ، ބުއްދި ހަމަނުޖެހޭ މީހަކު އެރަށުގައި ހުރި ސަރުކާރުގެ ބައެއް މުވައްސަސާތަކުގެ ދޮރުތަކުގެ ބިއްލޫރިތައް ތެޅީ މިދިޔަ ހަފްތާ ބަންދުގައި ކަމަށެވެ.

ގާތްގަނޑަކަށް 27 އަހަރުގެ އެ މީހާ އެރަށުގެ ސްކޫލުގެ ކުލާސް ރޫމްތަކާއި ބަނދަރުގައި ހުރި އިމާރާތްތަކެއްގެ އިތުރުން ކައުންސިލް އިދާރާއަށް ގާ އުކައި ބިއްލޫރިތައް ތަޅާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، އެ މީހާގެ އަމަލުތަކުގެ ސަބަބުން ރަށުގައި ނުތަނަވަސްކަން ވަރަށް ބޮޑަށް އުފެދިފައިވާ ކަމަށެވެ. އޭނާ ދިރިއުޅޭ ގޭގެ ކަރަންޓް ކަނޑާލުންފަދަ ކަންކަން ކޮށްފައިވާ ކަމަށާއި އެ ގެޔަކީ ވަރަށް ގިނަ ކުޑަކުދިންވެސް ދިރިއުޅޭ ގެޔެއްކަމަށް ކައުންސިލުން މެމްބަރު ވިދާޅުވި އެވެ.

އަދި ކަރަންޓް ކަނޑާލުމުން ގޭގެ ކުދިންނަށް ވަރަށް ބޮޑަށް ނަފްސާނީ މައްސަލަ ކުރިމަތިވިކަމަށް އޭނާ ވިދާޅުވި އެވެ. އެ މީހާގެ އަމަލުތަކުގެ ސަބަބުން ބައެއް ފަރާތްތަކުގެ މެދުގައި ބިރުވެރިކަމާއި ނުތަނަވަސްކަން އުފެދިފައިވަތީ އެ މައްސަލަ ހދ ފެމެލީ އެންޑް ޗިލްރަން ސާރވިސް ސެންޓަރަށާއި ފުލުހުންނަށްވެސް ހުށަހަޅާފައިވާކަމަށާއި އެހެންނަމަވެސް އެފަރާތްތަކުގެ އެއްބާރުލުން އެކަމުގައި އެންމެ އެދެވޭގޮތުގައި ލިބެމުންނުދާ ކަމަށް ކައުންސިލަރު ވިދާޅުވި އެވެ.

ކައުންސިލް މެމްބަރު ވިދާޅުވީ، އެ މައްސަލަ ހުށަހެޅުމުން ފުލުހުން އެރަށް ގޮސް އެ މީހާ ހެލްތް ސެންޓަރަށް ގެންދިޔުމަށްފަހު އިންޖިކްޝަނެއް ޖެހި ކަމަށާ އެއީ ބުއްދި ހަމަނުޖެހޭ މީހަކަށްވާތީ އެމީހާ ހައްޔަރުނުކުރެވޭނެ ކަމަށާއި އަދި އެކަމުގައި ފުލުހުންނަށް ކުރެވޭނެ މާބޮޑު މަސަކަތެއް ނެތްކަމަށް ފުލުހުން ވިދާޅުވިކަމަށް މެމްބަރު ވިދާޅުވި އެވެ.

ރައްޔިތުންގެ މުދަލަށާއި ދައުލަތުގެ މުދަލަށް ގެއްލުންދޭ މީހުން ހިފެހެއްޓޭނެ ކޮންމެވެސް ގޮތެއް އޮންނަ ޖެހޭނެކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ މިކަމުގައި ހދ ފެމެލީ އެންޑް ޗިލްރަން ސާރވިސް ސެންޓަރުން އެއްވެސް ވަރެއްގެ އެއްބާރުލުމެއް ނުލިބޭތީ އެކަމާ ވަރަށް ބޮޑަށް ނުރުހުންފާޅުކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355