ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުުރުމަށް ދިވެހި ދައުލަތުން އިތުރަށް ހަރަދުކުރަން ޖެހޭ ކަމަށާއި އެކަަމަށް ބަޖެޓުގައި އިތުރަށް ފައިސާ ހިމެނުމަށް މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ގޮވާލައްވައިފި އެވެ.
ސަރުކާރުން ހުށަހެޅި އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓަށް ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރައްވަމުން ޝިޔާމް ވިދާޅުވީ ފަތުރުވެރިކަން ކުރިއެރުވުމަށް އިޝްތިހާރުކުރުމަށް މިއަދަށް ވުރެ ބޮޑަށް ހަރަދުކުރަން ޖެހޭ ކަމަށާއި އެގޮތުން އެޑްވަޓައިޒްމެންޓް ބަޖެޓަށް މިހާރަށް ވުރެ ރަނގަޅު ބަދަލެއް ގެނައުމަށް އެދޭ ކަމަށެވެ.
މީގެ އިތުރުން މިހާރުވެސް ސީއެންއެންއާއި ބީބީސީ ފަދަ ތަންތަނުން ރާއްޖޭގެ އިސްތިހާރުތައް ދައްކާކަން ފާހަގަ ކުރައްވާ ސިޔާމް ވިދާޅުވީ އެއަށް ވުރެ ބޮޑަށް އަދިވެސް އިސްތިހާރު ކުރަން ޖެހޭ ކަމަށެވެ.
ރައްޖޭގެ އިގްތިސާދު އެންމެ ބޮޑަށް ބަރޯސާވާ ފަތުރުވެރިކަމަށް ކޮވިޑް-19 އާއި ގުޅިގެން ރާއްޖެގެ ބޯޑަރު ބަންދު ކުރުމާއި ގުޅިގެން ވަނީ ބޮޑު ހީނަރުކަމެއް އައިސްފައެވެ. ނަމަވެސް ޖުލައި 15 ގައި އަލުން ބޯޑަރު ހުޅުވާ ފަތުރުވެރިން މިހާރު ރާއްޖެއަށް ދަތުރު ކުރަމުން ދިޔަނަމަވެސް ސަރުކާރުން އަންދާޒާ ކުރި މިންވަރަށް ފަތުރުވެރިން ނާންނަކަން ފާހަގަ ކޮށްލެވެ.
އެކަން ފާހަގަކޮށް ސިިޔާމް ވިދާޅުވީ ރިސޯޓުތައް ހުޅުއްވި އިރު ހެޔޮ ގޮތް ވާނެ ކަމަށް އުންމީދު ކުރެއްވި ކަމަށެވެ. އެހެންނަމަވެސް، ފަތުރުވެރިން އަންނަލެއް މަދު ކަމުން ރިސޯޓުތައް ހިންގަން ޖެހިފައި ވަނީ ވަރަށް ބޮޑު ގެއްލުމެއްގައި ކަމަށެވެ
މިދިޔަ 2019 ވަނަ އަހަރު 1.7 މިލިއަން ޓޫރިސްޓުން ރާއްޖެ އައި ނަމަވެސް ކޮވިޑާއެކު އައި ހީނަރުކަމުގެ ސަބަބުން މިއަހަަރު އަންނާނެ ކަމަށް ލަފާކޮށްފައިވަނީ 500،000 ޓޫރިސްޓުންނެވެ.