ކުޅުދުއްފުށީ/އޯކިޑްމާގެ، ނަފީސާ އިބުރާހިމް، ހަކުރު ބައްޔަށް ބޭސް ބޭނުންކުރާތާ މިހާރު 14 ވަރަކަށް އަހަރުވެއްޖެ އެވެ. އުމުރުން 42 އަހަރުގެ ނަފީސާ ހަކުރު ބައްޔަށް ބޭސް ބޭނުންކުރިނަމަވެސް އޭނާގެ ހާލަތު ރަނގަޅެވެ. އަފީފުއްދީން ސްކޫލުގައި މަސައްކަތް މީހެއްގެ ވަޒީފާގައި އުޅެމުންދިޔަ ނަފީސާއަކީ އޭނާގެ ފިރިމީހާ އާއި އަދި ދެ މަފިރިންނަށް ލިބިފައި ހުންނަ ހަމައެކަނި ދަރިފުޅާއެކު އާދައިގެން ދިރިއުޅުމެއް އުޅެމުންދިޔަ ދެ މަފިރިންނެވެ. އެކަމަކު އަހަރެއް ތެރޭގައި އުފާވެރި ދިރިއުޅުން ބަދަލުވެ މުޅި ހަޔާތް ބަނަކޮށްލީ އެވެ.
ހަކުރު ބަލީގައި އުޅެމުންދިޔަ ނަފީސާ އޭނާގެ ފައިގައި ކުޑަ ފާރުކޮޅެއް އިންދެ އެއަށް ބޭސްކުރާތާވެސް 7 ވަރަކަށް އަހަރުވެދާނެ އެވެ. އެކަމަކު އޭނާ ދިޔައީ ބަރާބަރަށް މަސައްކަތަށް ނުކުންނަމުންނެވެ. ފައިގެ ފާރުކޮޅު ދެއްކުމަށް އެންމެ ފަހުން މާލެ ދާން ނިންމާ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު މާލެ ގޮސް ހެދި ޓެސްޓްތަކުން އެނގުނީ އޭނާގެ ދެ ކިޑްނީ މައްސަލަ ޖެހި ސްޓޭޖް ހަތަރެއްގައި ހުރި ކަމެވެ.
ހަތަރު އުދަރެސް ފެނުން ޖެހުނު ކަހަލަ އެވެ. ބަލި އެނގުނުއިރުވެސް މިހާބޮޑުވަރުވެފަ ހުރީމަ އެވެ. އޭނާ ހުންނަ ހަމައެކަނި ދަރިފުޅު ޖަޒްލާން (19އ) ކޭއޯއަށް މައުލޫމާތު ދެމުން ބުނީ، މަންމަގެ ހާލަތު ގޯސްވާންފެށީ މިދިޔަ މާރޗުމަހު ހިސާބުންނެވެ. އެފަހަރު ކުޅުދުއްފުށި ހޮސްޕިޓަލަށް ދެއްކުމަށްފަހު ކަރަށް ހޮޅިކޮޅެއް ގުޅައި ޑައިލިސިސް ހެދުމަށްފަހު އެމެޖެންސީގައި މާލެ ދިޔައީ ކަމަށެވެ. އެއަށްފަހު އޭޑީކޭއިން ޑައިލިސިސް ހެދުމަށް އަތަށް ހޮޅިކޮޅު (ފިސްޓިއުލާ) ލެއްވުމަށްފަހު ރަށަށް އައީ އެވެ.
މަންމަގެ ހާލަތު ގޯސްވަމުންގޮސް މިހާރު އޮތީ ބަލީގެ އެންމެ ފަހު ސްޓޭޖްގައި އެވެ. އަތަށް ލެއްވި ހޮޅިކޮޅުގައި މައްސަލަ ޖެހި އެ ހޮޅިކޮޅު ބަދަލުކުރުމަށްދާ ޖެހެނީ މާލެ އެވެ. ކަރަށް ލެވި ހޮޅިކޮޅުވެސް ކުޅުދުއްފުށިން މިހާރު ތިންފަހަރަށް ވަނީ ބަދަލުކޮށްފަ އެވެ. މަންމަ ބަލައި ޑޮކްޓަރާ ހަވާލީ ޖަޒްލާން ބުނީ ހޮޅިކޮޅު ލައްވާފައި އިންތަން މައްސަލަ ޖެހި މިހާރު ޖަރާސީމްވެސް އުފެދިފައިވާ ކަމަށާއި އަތަށް ލެއްވި ހޮޅިކޮޅުގައި މައްސަލަ ޖެހިފައިވަތީ އަތުގެ ބައެއް އިނގިލިތަކަށް ރަނގަޅަށް ލޭ ނުފޮނުވާދޭ ކަމަށެވެ.
އެހެންވުމުން އަތުގެ މެދު އިނގިލި ކަޅުވެ އަވަސް ފަރުވާ ނުލިބިއްޖެނަމަ އެ އިނގިލި ބުރިކޮށްލަން ޖެހޭނެކަމަށް ޑޮކްޓަރު ލަފާދީފައިވާ ކަމަށް އޭނާ ބުންޏެވެ. އަދި މަންމަ ގައްޔަށް މަހަކު އެއްފަހަރު ލޭ އަޅަން ޖެހޭކަމަށާއި މަންމަ ހުންނަނީ ބީ ޕޮޒިޓިވް ލޭ ކަމަށް އޭނާ ބުންޏެވެ.
ޖަޒްލާން ބުނީ އޭނާވެސް މިވަގުތު ވަޒީފާ ގެއްލިފައިވާ ކަމަށާއި މަންމަގެ ވަޒީފާވެސް ކުރިއަށް އޮތް މަސްދުވަސްތެރޭގައި ގެއްލޭނެ ކަމަށެވެ. ބައްޕަ އެކަނި ކުރާ މަސައްކަތުން މިފަދަ ބޮޑުކަމަށް ހަރަދުކުރާނެ ފައިސާ ނެތުމުން އެކަމުގައި ހުރިހާ ފަރާތްތަކުގެ އެހީތެރިކަމަށް އޭނާ ވަނީ އެދިފަ އެވެ. މިވަގުތު ކޭއާރުއެޗުގައި ފަރުވާދެމުންދާ ނަފީސާ ވީހާވެސް އަވަހަކަށް އިތުރު ފަރުވާއަށް މާލެ ފޮނުވާލުމަށް ދަނީ މަސައްކަތްކުރަމުންނެވެ.
އެ އާއިލާއަށް މިވަގުތު އެންމެ ބޭނުންވަނީ ފައިސާ އެވެ. މާލެގައި ހުރުމަކީ ބޮޑު ހަރަދެއް ހިނގާކަމަށްވެފައި އެބަލީގެ ބައެއް ފަރުވާތަކަކީ އާސަންދަ ކަވަރުނުކުރާ ފަރުވާތަކަކަށްވާތީ ބޮޑު ހަރަދެއް އެކަމަށް ހިނގަ އެވެ. އަދި ކޮންމެ މަހަކު އެއްފަހަރު ލޭ އަޅަން ޖެހުމުން އެކަމުގައިވެސް އާންމުގެ އެހީތެރިކަމަށް އެ އާއިލާއިން ވަނީ އެދިފަ އެވެ.