މިއަދު ހުޅުވިގެން ދިޔަ ހޯރަފުށީ އެއާޕޯޓަކީ އިހަވަންދިއްފޮޅު ތަރައްގީ ކުރުމުގެ މަސައްކަތުގެ ފެށުން ކަމަށާއި އެއާޕޯޓު ހުޅުވިގެން ދިއުމުން ރަމްޒުކޮށްދެނީ ރާއްޖޭގެ ރަށްތަށް ލާމަރުކަޒު ކުރުމުގައި ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ހޯރަފުށީ އެއާޕޯޓް ހުޅުވުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މި އެއާޕޯޓާއެކު ލާމަރުކަޒީ ނިޒާމުގެ ތެރެއިން މުޅި އިހަވަންދިއްޕޮޅު ތަރައްގީ ކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.
އަދި ހޯރަފުށީ އެއާޕޯޓަކީ އެ ސަރަހައްދުގެ ފަތުރުވެރިކަމަށް ލިބުނު ވަރަށް ބޮޑު އުންމީދެއް ކަމަށާއި މިހާރު އެ ސަރަޙައްދުގައި ރަށު ފަތުރުވެރިކަން ތަރައްޤީކުރުމުގެ ވަގުތު މިވަނީ ޖެހިފަކަމަށްވެސް ރައީސް ވިދާޅުވި އެވެ. އަދި އެއަރޕޯޓާއެކު އިހަވަންދިއްޕޮޅުގެ ރަށްރަށުގެ ރައްޔިތުންނަށް ވަޒީފާގެ އެތައް ފުރުސަތެއް ތަނަވަސް ވެގެން ދާނެކަން ރައީސް ފާހަގަކުރެއްވި އެވެ.
އެގޮތުން މި އެއާޕޯޓް އިތުރަށް ތަރައްގީވެ ފުރިހަމަވެގެން ދާއިރު ކައިރި ރަށްރަށުގެ ރައްޔިތުންނަށް ވެސް މި އެއާޕޯރޓް ބޭނުންކުރެވޭނެ ފަސޭހަ އިންތިޒާމެއް ހަމަޖެހިގެން ދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ހޯރަފުށިން ފަތުރުވެރިކަމަށް ދޫކުރާނެ ބިންތައް ގާނޫނުގައިވާ ގޮތުގެ މަތިން ޕްލޭނިން މިނިސްޓްރީގެ ލަފަޔާއެކު މިދިޔަ ހޯމަ ދުވަހު ކަނޑައަޅާފައި ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރަށުގެ ތަރައްގީގެ ޕްލޭނާ އެއްގޮތަށް އެކަމަށް އަވަހަށް ބިން ދޫކުރަން ފެށުމަށް ރައީސް ވަނީ ހޯރަފުށީ ކައުންސިލަށް ގޮވާލާފައެވެ.
ހއ. އަތޮޅުގައި ފަތުރުވެރިކަމުގެ މާގިނަ ފުރުސަތުތަކެއް ނެތް ނަމަވެސް މި އެއަޕޯޓާއެކު ފުރުސަތުތައް އިތުރު ވާނެ ކަމަށާއި އެގޮތުން ހއ. ކެލާގައި ޓޫރިސްޓް ހޮޓަލެއް ތަރައްގީކުރަން އެރަށުގެ އަށް ލައްކަ އަކަފޫޓަށް ވުރެ ބޮޑު ސަރަޙައްދެއް މިދިޔަ އާދީއްތަ ދުވަހު ބީލަމަށް ހުޅުވާލާފައިވާއިރު އުލިގަމުގައި ޓޫރިސްޓް ހޮޓަލަކާއި ޔޮޓް މެރީނާއެއް ތަރައްގީކުރަން ދެވަނަ ފަހަރަށް ވަރަށް އަވަހަށް ބީލަމަށް ހުޅުވައިލާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ފަތުރުވެރިކަން ލާމަރުކަޒު ކުރާއިރު އެންމެ މުހިންމު ކަމަކީ މާލެ ނޫން ސަރަހައްދުތަކަށް ބޭރުގެ ފްލައިޓްތައް ޖެއްސޭނެ އިންތިޒާމުތައް ހަމަޖެއްސުން ކަމަށެވެ. އަދި އެކަމަށްޓަކައި ހަނިމާދޫގައި މުޅިން އާ ބައިނަލްއަގްވާމީ އެއާޕޯޓެއް ހެދުމުގެ މަސައްކަތް އަންނަ އަހަރު ފެށިގެން ދާނެކަން ފާހަގަ ކުރެއްވި އެވެ.