twitterviber whatsapp telegramfacebookyoutube instagram
26th April 2024

ހޯރަފުށީ އެއާޕޯޓަށް ރައްޔިތުންގެ ފަރާތުން ދިން އެހީތެރިކަމަށް ރައީސް ގެ ތައުރީފް

ޚަދީޖާ އާދަމް
Nov 19, 2020

މިއަދު ހުޅުވިގެން ދިޔަ ހއ ހޯރަފުށި އެއާޕޯޓަކީ ހޯރަފުށީގެ އިތުރުން މުޅި އިހަވަންދިއްޕޮޅުގެ ރައްޔިތުންގެ އުންމީދާ ގުޅިފައިވާ އެއާޕޯޓެކެވެ. އެކަން އެއާޕޯޓުގެ މަޝްރޫއު އިއުލާނު ކުރެވުމާއި ހަމައިން އެއާޕޯޓު ހުުޅުވުމާއި ހަަމައަށް ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމުން ވަރަށް ރަނގަޅަށް ފެނިގެން ވަނީ ގޮސްފައެވެ. އަދި އެކަން ފާހަގަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވަނީ ތައުރީފް ކުރައްވާފައެވެ.

އެއާޕޯޓު ހުޅުވުމަށް ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ހޯރަފުށީ އެއާޕޯޓު ތަރައްގީކޮށް ހުޅުވުމާއި ހަމައަށް ފެނިގެން ދިޔައީ ރަށުގެ ރައްޔިތުން ބައިވެރިވި މިންވަރާ ދެއްވި ސަމާލުކަން ކަމަށާއި މިއީ ރާއްޖެ ލާމަރު ކުރުމުގެ މަސައްކަތައް ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.

"އެއާޕޯޓު ހުޅުވަން ވެފައިވާ ތަރައްގީ އަޅުގަނޑަށް ފެނިގެން ދަނީ ތިޔަ ބޭފުޅުންގެ ހިތްތަގުގައި އުފެދެމުން އަންނަ އާރޯ ކަމާއި ދިރުން. ހޯރަފުށީ އެއާޕޯޓު ތަރައްގީކޮށް ހުޅުވުމާއި ހަމައަށް ފެނިގެން ދިޔައީ މިރަށުގެ ރައްޔިތުން ބައިވެރިވި މިންވަރާ، މި ކަމަށް ދެއްވި ސަމާލުކަމާއި، އެއީ މި ޖަޒީރާ ރާއްޖެ ލާމަރު ކުރުމުގެ މަސައްކަތައް ލިބޭ ވަރަށް ބޮޑު ހިތްވަރެއް" ރައީސް ވިދާޅުވި އެވެ.

އެގޮތުންއެއާޕޯޓު ސަރަހައްދުގައި ގަސްއިންދުމާއި ހިއްކި ސަރަހައްދުގެ ކުންޑުތައް އެއްވަރުކުރުމާއި ޓާމިނަލްގެ އެކި މަސައްކަތްތަކުގައިވެސް ރައްޔިތުން ބައިވެރިވެފައިވާ ކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ މި މަޝްރޫއަކީ ގައުމީ ޖޯޝާ ގައުމީ ރޫހު އެކުލެވޭގޮތަށް ފުރިހަމަވެގެން ދިޔަ މަޝްރޫއެއް ކަމަށެވެ.

އަދި ރަންވޭގައި ދަމާފައިވާ ރޮގުތައް ކުރެހުމުގައިވެސް ރަށުގެ ޒުވާނުން މަސައްކަތް ފާހަގަކޮށް ރައީސް ވިދާޅުވީ މި އެއާޕޯޓުގެ މަސައްކަތް ކުރި އެމްޓީިސީސީން އެދުނު ކޮންމެ ކަމެއްގައި ރަށުގެ ރައްޔިތުންގެ އެއްބާރުލުމާއި އެހީތެރިކަން ލިބިގެން ދިޔަ ކަމަށާއި އެހެންކަމުން މި އެއާޕޯޓަކީ ހޯރަފުށީ ރައްޔިތުންގެ ވަރަށް ބޮޑު ބައިވެރިވުމެއް އޮވެގެން ތަރައްގީ ކުރެވިފައިވާ އެއާޕޯޓެއް ކަމަށެވެ.

މިއީ ހޯރަފުށި ރައްޔިތުންގެ އިތުރުން އިހަވަންދޮއްޕޮޅީގެ ރައްޔިތުން ކުރަމުން އައި ވަރަށް ދިގު އިންތިޒާރެއްގެ ނިމުމެއް ކަމަށާއި އެހެން ކަމުން ކޮވިޑް-19 ގެ ދަތި ހާލަތުގައި ވެސް މިހާ ބުރަ މަސައްކަތުން ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި މިހާ ފުރިހަމައަށް ކަންކަން ނިންމުމަށް ކުރެއްވި މަސައްކަތް ފާހަގަ ކުރައްވާ ރައީސް ވަނީ ވަކިވަކި ފަރާތްތަކުގެ ނަންތައް ފާހަގަކޮށް ޝުކުރު ދަންނަވާފައެވެ.

މި އެއާޕޯޓާއެކު އިހަވަންދިއްޕޮޅުގެ ރަށްރަށުގެ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުވެ ފަތުރުވެރިކަމުގެ މަގުތައް ފަހިވެ ވެގެން ދާނެކަން ރައީސް ފާހަގަކުރެއްވި އެވެ.

ހޯރަފުއްޓާއި އެންމެ ކައިރީގައި ދެން އޮންނަނީ ހދ ހަނިމާދޫ އެއާޕޯޓެވެ. ނަމަވެސް އެއީ ސްޕީޑް ލޯންޗެއްގައިވެސް ގާތްގަނޑަކަށް އެއްގަޑިއިތުގެ ރާސްތާއެވެ.

ހޯރަފުށީ އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއަކާއި 8،635 ސްކޮއާ މީޓަރުގެ އޭޕްރަން އަކާއި ޓެކްސީވޭއެއް ތަރައްގީ ކޮށްފައި އެވެ. އެއާޕޯޓު ތަރައްގީ ކުރުމަށް މިދިޔަ އަހަރުގެ ތެރޭގައި 842،200 ކިއުބިކް މީޓަރުގެ ބިން ވަނީ ހިއްކައިފަ އެވެ.

މީގެ އިތުރުން ޓެކްސީވޭއަކާއި ޓާމިނަލް ކުރިމަތީގެ މަގުތައް ތަރައްގީ ކުރުމާއި 9473 އަކަމީޓަރުގެ ޕާކިން އޭރިއާއަކާއި 1718 އަކަމީޓަރުގެ ފަޔާ އެކްސެސް މަގެއްގެ އިތުރުން 720 މީޓަރުގެ އެއާޕޯޓް ސެކިއުރިޓީ އަދި ބީޗް ފެންސެއް ވެސް ހަދާފައި ވެ އެވެ. މި އެއާޕޯޓުގެ ޝެޑިއުލް ދަތުރުތައް މި މަހު 26 ގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355