މިދިޔަ އަހަރު ނޮވެމްބަރު 20 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގުކުރެއްވި ކުޑަކުދިންގެ އަދުލުގެ ގާނޫނަށް މިއަދު އަމަލުކުރަން ފަށައިފި އެވެ.
ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން، ގާނޫނާ ހިލާފުވާ ކުޑައްކުއްޖަކާ މެދު ފިޔަވަޅު އަޅާއިރު އެ ކުއްޖަކު ހައްޔަރުކުރަންވާނީ އެންމެ ފަހު ފިޔަވަޅެއްގެ ގޮތުންނެވެ. އަދި އެގޮތަށް ކުއްޖަކު ހައްޔަރުކުރެވޭނީ ހާލަތު ލާޒިމްކުރާ އެންމެ ކުރު މުއްދަތަށް ކަމަށް ވެސް އޮވެ އެވެ.
އަދި މައްސަލައެއްގައި ފުުލުހުންގެ މަރުކަޒަކަށް ގެންދާ ކުޑަކުއްޖަކާ ސުވާލުކުރެވޭނީ ގިނަ ވެގެން ދެ ގަޑިއިރަށްވުރެ އިތުރުނުވާ ގޮތަށެވެ.
ގާނޫނު ބުނާ ގޮތުން ކުށުގެ ޒިންމާ އުފުލަންޖެހޭ އުމުރަކީ 15 އަހަރެވެ. ގާނޫނުލް އުގޫބާތު ވުޖޫދަށް އައި އިރު، ކުށުގެ ޒިންމާ އުފުލަންޖެހޭ އުމުރަކީ 15 އަހަރު ކަމަށް ބަލަން ފެށި އެވެ. އޭގެ ކުރިން، 2006 ވަނަ އަހަރު އެކުލަވައިލި ގަވާއިދެއްގައި ބުނާ ގޮތުން، 10-15 އާ ދެމެދުގެ އުމުރުގައި ކުށުގެ ޒިންމާ ފަސް ބާވަތެއްގެ ކުށެއްގައި އުފުލަން ޖެހެ އެވެ.
ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ކުޑަކުދިން ކުރާ ގާނޫނާ ހިލާފު އަމަލުތަކާ ގުޅޭ މައްސަލަތައް ބަލައި އެ ކުދިން ހެޔޮ ގޮތުގައި މުޖުތަމައުއަށް ރުޖޫއަކުރުމުގައި އިސްދައުރެއް އަދާކުރުމަށް "ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް' ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފައްދަންޖެހެ އެވެ.
އެގޮތުން ހޯމް މިނިސްޓްރީގެ ދަށުން ހިންގަމުން ދިޔަ ޖުވެނައިލް ޖަސްޓިސް ޔުނިޓް (ޖޭޖޭޔޫ) ޑިޕާޓްމަންޓަކަށް ބަދަލުކޮށް މިއަދު ވަނީ އަލުން ހުޅުވައިފަ އެވެ.
މި ގާނޫނުގެ މަގުސަދުތަކުގެ ތެރޭގައި ބޮޑެތި މީހުންގެ މައްޗަށް ހިންގާ ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއަށް ކުޑަކުދިން ވަނުމުގެ ސަބަބުން ކުއްޖާއަށް ކުރާ ނޭދެވޭ އަސަރުތަކުން ދުރުހެލިކުރުވުމާއި ކުއްޖާ ކުރާ ގާނޫނާ ހިލާފު އަމަލުތަކުގެ ސަބަބުން ކުރިމަތިވާ ގެއްލުމަށް އެ ކުއްޖާ ޖަވާބުދާރީވާން ބާރުއެޅުން ހިމެނެ އެވެ.
ކުޑަކުދިންގެ އަދުލުގެ ގާނޫނަށް އަމަލުކުރަން ފަށާތާ އެއް އަހަރުގެ ތެރޭގައި، ކުޑަކުދިންގެ މައްސަލަތައް ބަލާ ކޯޓުތަކުގައި މަސައްކަތްކުރާ ފަނޑިޔާރުން ހާއްސަ ތަމްރީނު ފުރިހަމަކޮށް ޖުވެނަލް ކޯޓުގެ ސަރަހައްދީ ގޮފިތައް، ގާނޫނަށް އަމަލުކުރަން ފަށާތާ 18 މަސް ދުވަހުގެ ތެރޭގައި ގާއިމްކުރަން ޖެހެ އެވެ.
މީގެ އިތުރުން ކުރު މުއްދަތަށް ނުވަތަ ދިގު މުއްދަތަށް އެކަހެރިކޮށްގެން ފަރުވާދޭންޖެހޭ ކުޑަކުދިންނާއި އިސްލާހީ ފިޔަވަޅުއެޅުމަށްޓަކައި ދިގު މުއްދަތަށް ބަންދުގައި ބައިތިއްބަންޖެހޭ ކުދިން ބޭތިއްބުމަށްޓަކައި ކުޑަކުދިންގެ ރެޒިޑެންޝަލް މަރުކަޒުތަކާއި ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒުތައް ވެސް ގާއިމްކުރަންޖެހެ އެވެ.