ރަޝިއާގެ ފަތުރުވެރިންގެ ޑިމާންޑް އުފުލި ރަޝިއާ އިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކަން ނިންމާފައިވާ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އިން ހާމަކޮށްފިއެވެ.
ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ ޓާމިނަލް އޮޕަރޭޝަންސްގެ ޖެނެރަލް މެނޭޖަރ އިބްރާހިމް ހުސެއިން ވިދާޅުވީ، ރަޝިއާ އިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޑިމާންޑް އުފުލުމުގެ ސަބަބުން އެ ގައުމުގެ އެއޮރޮފްލޯޓް އިން ރާއްޖެއަށް ހަފްތާ އަކު ހަތަރު ފްލައިޓް ދަތުރު ކުރަމުން އައި އައުން ހަފްތާ އަކު ހަތް ފްލައިޓަށް އިތުރު ކުރަން އެއާލައިނުން ނިންމާފައިވާ ކަމަށެވެ.
އަދި މިމަހު ކުރިއަށް މިއޮތް ދުވަސްތަކުގައި އެ ގައުމުގެ އިތުރު ދެ އެއާލައިން ކަމަށްވާ އަޒުރު އެއާލައިން އަދި ރޮޝިއަން އެއާލައިން ރާއްޖެއަށް ދަތުރުތައް ފަށަން ނިންމާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
އިބްރާހިމް ވިދާޅުވީ، އަޒުރް އެއާލައިނުން މިމަހު 28 ވަނަ ދުވަހު ރާއްޖެއަށް ދަތުރުތައް ފާށާނެ ކަމަށާއި މި އެއާލައިންގެ ފްލައިޓްތައް ހަފްތާއަކު އެއް ދުވަހު ރާއްޖެއަށް ދަތުރުތައް ކުރާނެ ކަމަށެވެ. ނަމަވެސް އަންނަ މަހުގެ 20 ވަނަ ދުވަހުން ފެށިގެން އެ އެއާލައިނުން ރާއްޖެއަށް ކުރާ ދަތުރުތައް ހަފްތާއަކު ތިން ދަތުރަށް އިތުރުވެގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރޮޝިއާ އެއާލައިންގެ ދަތުރުތައް މިމަހުގެ 29 ވަނަ ދުވަހު ފެށިގެން ދުވާލަކު ދެ ފްލައިޓް ދަތުރު ކުރާނެ ކަމަށެވެ.
ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލުމަށްފަހު އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވާ ގައުމަކީ ރަޝިއާ އެވެ.