ޝަރުއީ ދާއިރާގެ ހުރިހާ ކޯޓުތަކެއްގެ ރެކޯޑް ސާފުކުރުމުގެ ކަންކަން ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ ދަށަށް ބަދަލުކޮށްފިއެވެ.
ޑީޖޭއޭއިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ތިން ވަނަ އިސްލާހު ގެނައުމުގެ ގާނޫނާއި ގުޅިގެން މަރުކަޒީކޮށް ކުށުގެ ރެކޯޑް ބަލަހައްޓާނީ ޑީޖޭއޭއިން ކަމަށް އެޓާނީ ޖެނެރަލް ކަނޑައަޅުއްވާފައިވާ ކަމަށެވެ.
ޑީޖޭއޭ އިން އިތުރަށް ބުނީ ކުށުގެ ރެކޯޑް ސާފުކުރުން އެދޭ ފޯމު އެ އިދާރާއަށް އީމެއިލް މެދުވެރިކޮށް ވެސް މިހާރު ހުށަހެޅޭނެ ކަމަށެވެ. އަދި އެގޮތަށް ހުށަހަޅާ ފޯމަށް މެއިލް މެދުވެރިކޮށް ޑީޖޭއޭ އިން ޖަވާބު ދެމުން ގެންދާނެ ކަމަށެވެ.
ކުށުގެ ރެކޯޑް ސާފުކުރުމަށް ކުރިން އެކި ކޯޓުތަކަށް ވަކިވަކިން ދާންޖެހެއެވެ. އެހެންކަމުން އެކަމަށް ގިނަ ވަގުތުތަކެއް ހޭދަވެއެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ތިން ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފެށީ މިދިޔަ ސެޕްޓެމްބަރު މަހުއެވެ.